ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދިއްގަރު ދާއިރާގެ މިހާރުގެ މެމްބަރު އަޙުމަދު ފާރިސް މައުމޫން ވާދަކުރައްވާނީ މައްޗަށްގޮޅީ އުތުރު ދާއިރާއަށް ކަމަށް އޭނާ މިރޭ ހާމަކުރައްވައިފިއެވެ.
މައްޗަންގޮޅީ އުތުރުދާއިރާއަށް ކުރިމަތިލައްވަން ނިންމީ އެއީ އޭނާ ނިސްބަތްވެ ވަޑައިގަންނަވާ ދާއިރާއަށް ވުމުން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމުގެ ދޮށީ ދަރިކަލުން ފާރިސް ރައްޔިތުންގެ މަޖިލީހަށް ވަޑައިގެންނެވީ 2015 ވަނަ އަހަރު ބޭއްވި ދިއްގަރު ދާއިރާގެ ބައިއިލެކްޝަން ކާމިޔާބު ކުރައްވައިގެންނެވެ. އެދާއިރާގެ ބައިއިލެކްޝަން ބޭއްވި އޭރު އެ ދާއިރާގެ މެމްބަރަކަށް ހުންނެވި ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ނާއިބު ރައީސް ނާޒިމްގެ ގޮނޑި ގެއްލުމުންނެވެ.
އެފަހަރު އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކުރައްވައި އެގޮނޑި ފާރިސް ކާމިޔާބު ކުރެއްވީ ބޮޑު ތަފާތަކުންނެވެ. ނާޒިމް މިހާރުވަނީ ރައީސް މައުމޫނުގެ ތާއީދާއެކު މިފަހަރު އަލުން ދިއްގަރު ދާއިރާއަށް ވާދަކުރައްވާނެ ކަމަށް ވިދާޅުވެއެވެ.
ފާރިސްއާއި ނާޒިމަކީ ފަހަކަށް އައިސް ވަރަށް އެކުގައި ސިޔާސީ މަސައްކަތް ކުރައްވަމުން ވަޑައިގަންނަވާ ދެބޭފުޅުންނެވެ. އެހެން ކަމުން ފާރިސް އެދާއިރާއަށް ކުރިމަތި ނުލެއްވީ ނާޒިމް ކުރިމަތި ލައްވާތީ ކަމަށް ބެލެވެއެވެ.
ފާރިސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އޭނާ މައްޗަންގޮޅީ އުތުރުދާއިރާއަށް ކުރިމަތި ލެއްވީ އެންމެންނަށް އިންސާފާއި ހަމަހަމަ ފުރުސަތު ހޯއްދަވައި ދެއްވުމުގެ މަޤުސަދުގައި ކަމަށެވެ.
ފާރިސް ވެސް ކުރިމަތިލައްވާނީ އެމްއާރުއެމްގެ ފަރާތުން ކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ. އެމްއާރުއެމްގެ ނަމުގައި މަޖިލީހަށް ކުރިމަތި ލައްވަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލުމުން 108 މީހުން ވަނީ ކުރިމަތި ލައިފައެވެ.