އިސްރާއީލަކީ "ކުށްވެރިކުރުން ހައްގު، ޖަރީމާ ހިންގާ ދައުލަތެއް" ކަމުގައި މެލޭޝިޔާގެ ބޮޑުވަޒީރު ޑރ. މަހާތީރު ބިން މުޙައްމަދު ސިފަކުރައްވައިފިއެވެ. އޭނާ މިހެން ވިދާޅުވެފައިވަނީ އިސްރާއީލުގެ ފެތުންތެރިން މެލޭޝިޔާއަށް ނުވައްދާނެކަމަށް ބުނުމާ ގުޅިގެން އެގައުމުގައި މިއަހަރު ބާއްވަން ހަމަޖެހިފައިއޮތް ދުނިޔޭގެ ޕެރެސްވިމިންގ މުބާރާތް އެގައުމުއި ނުބާއްވާނެކަމަށް ކަމާބެހޭ ބައިނަލްއަގްވާމީ އިދާރާއިން ބުނެފައި ވަނިކޮށެވެ.
"ފަލަސްޠީނު މީހުންގެ މައްސަލައާމެދު ހަމްދަރްދީވާ އެންމެން (އިސްރާއީލުގެ އަމަލުތައް) ކުށްވެރިކޮށް އަޑުއުފުލުމަށް އަހަރެން ގޮވާލަން. ޓެރަރިޒަމަކީ (މައްސަލައިގެ) ހައްލެއް ނޫން. ފަލަސްޠީނު މީހުންނަށް އިންސާފު ހޯދައިދޭން ރަނގަޅު ރޭވުންތެރިކަމަކާއެކު މަސައްކަތްކުރަން ޖެހޭ." އިސްރާއީލުން ފަލަސްޠީނު މީހުންނާ ދެކޮޅަށް ހިންގާ ޖަރީމާތައް ކުށްވެރިކުރައްވަމުން މަހާތީރު ވިދާޅުވެފައި ވެއެވެ.
"ނަސްލުނައްތާލުމުގެ އަމަލުހިންގާ ދައުލަތެއް" މި ސުރުޚީގެ ދަށުން އޭނާގެ ބްލޮގްގައި ލިއުއްވަމުން މަހާތީރު ވިދާޅުވެފައި ވަނީ، އިސްރާއީލުން ފަލަސްޠީނު މީހުންނަށް އަނިޔާވެރިވެ، ބޭއިންސާފުން އަމަލުކުރާތަން މުޅި ދުނިޔެއަށް ފެންނައިރުވެސް، އަނިޔާވެރިކަމުން މިންޖުވާން ޖެހޭކަމަށާއި، ގާނޫނުގެ ބާރު ހިނގަން ޖެހޭކަމަށް އަޑުއުފުލާ ފަރާތްތަކުން އިސްރާއީލަށް ފާޑުކިޔައި ވާހަކަނުދައްކާ ކަމުގައެވެ.
"އޮސްރާއީލަކީ ޖަރީމާ ހިންގާ ދައުލަތެއް. ކުށްވިރިކުރުން ހައްގު ދައުލަތެއް. އިސްރާއީލަށް ބާރުގަދަ ފަރާތްތަކުގެ އެހީ ލިބޭކަން އަހަރުމެންނަށް އެނގޭ. އެ ދައުލަތް ގަބޫލުކުރުން ދެކޮޅު ހެދުމަށް ވުރެ ބޮޑު ކަމެއް އަހަރުމެންނަށް ކުރެވޭކަށް ނެތް." މަހާތީރު ވިދާޅުވިއެވެ.
"އިސްރާއީލުގެ އެތުލީޓުން މެލޭޝިޔާއަށް ވަނުން އެގުމުން މަނާކުރާއިރު، މުސްލިމް ފަސް ގައުމެއްގެ މީހުން އެމެރިކާއަށް ވަނުން އެގައުމުން މަނާކުރޭ. އަދި ދެކުނު އެމެރިކާއާއި އެގައުމު ވަކިކުރާ ފާރެއް ބިނާކުރުމަށް އެގައުމުން ދަނީ މަސައްކަތްކުރަމުން. ހަންގޭރީއާއި، ޕޮލެންޑާއި، ޗެކް ރިޕަބްލިކުން ވަނީ އެގައުމުތަކަށް ރެފިއުޖީން ވަނުން މަނާކޮށްފައި. ސީރިޔާގެ ރެފިއުޖީންނަކީ މުސްލިމް ހަނގުރާމަވެރިން ކަމުގައި ހަންގޭރީގެ ބޮޑުވަޒީރު ވިކްޓަރް އޮރްބާން ވަނީ ވިދާޅުވެފައި." މަހާތީރު އިތުރަށް ވިދާޅުވެފައި ވެއެވެ.
"މެލޭޝިޔާ ޔަހޫދީންނާ ދެކޮޅެއް ނޫން. މެލޭޝިޔާ ސާމީ ދަރިކޮޅުގެ މީހުންނާވެސް ދެކޮޅެއް ނޫން. އަރަބީންނަކީ ވެސް ސާމީން. އެހެނަސް، ކޮންމެ ތަނެއްގައި ވިޔަސް ލާއިންސާނީ ސުލޫކާއި، އަނިޔާވެރިކަން ކުށްވެރިކުރުމުގެ ހައްގު އަހަރުމެންނަށް ލިބިގެންވޭ. ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ކަންކުރިގޮތުން އަހަރުމެން މިޔަންމާ މީހުންވެސް ކުށްވެރިކުރިން. އަދި ލާއިންސާނީ އަމަލު ހިންގުމުން އެހެން އެތައް ގައުމެއްވެސް ކުށްވެރިކޮށްފައި އަހަރުމެން ވާނެ." ބޮޑުވަޒީރު މަހާތީރު ވިދާޅުވިއެވެ.