މެލޭޝިޔާގައި ބާއްވަން ހަމަޖެހިފައި އޮތް ބައިނަލްއަގްވާމީ ފެތުމުގެ މުބާރާތުގައި އިސްރާއީލުގެ ފެތުންތެރިން ބައިވެރިކުރުމަށް ދެކޮޅުހެދީ އިންސާނިއްޔަތާއި ފަލަސްޠީނުގެ ހައްގުގައި ކަމަށް މެލޭޝިޔާގެ މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް ސައްޔިދު ޞާދިޤު ސައްޔިދު ޢަބްދުއްރަޙްމާން ވިދާޅުވެއްޖެއެވެ.
އޭނާ މިމޭރުމުން ވާހަކަފުޅުދައްކަވާފައި ވަނީ އަންނަ ޖުލައި މަހުގެ 29 އިން އޮގަސްޓު މަހުގެ 4 އަށް މެލޭޢޝިޔާގައި ބާއްވން ހަމަޖެހިފައި އޮތް ވާލްޑް ޕެރެސްވިމިންގ ޗެމްޕިއަންޝިޕް މެލޭޝިޔާގައި ނުބާއްވާގޮތަށް އެކަމާބެހޭ ބައިނަލް އަގްވާމީ ޖަމްއިއްޔާއިން ނިންމުމާ ގުޅިގެން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ.
އިންޓަނޭޝަނަލް ޕެރެލިމްޕިކް ކޮމިޓީ (އައިޕީސީ) އިން އިއްޔެ މިގޮތަށް ނިންމާފައިވަނީ، އެ މުބާރާތުގައި ބައިވެރިވާ އިސްރާއީލުގެ ފެތުންތެރިންނަށް މެލޭޝިޔާއިން މަރުހަބާނުކިޔާނެ ކަމަށް އެގައުމުން ބުނުމުންނެވެ.
"އަހަރުމެން މި ނިންމުން ނިންމީ އިސްރާއީލުގެ މައްސަލައިގައި އަހަރުމެންގެ ދެގޮތެއް ނުވާ ވިސްނުން ފާޅުކުރުމުގެ ބޭނުމުގައި. މިއީ އަނިޔާލިބޭ މީހުންގެ ހައްގުގައި ކުރެވޭ ހަނގުރާމައެއް." އިސްރާއީލުގެ ފެތުންތެރިން މެލޭޝިޔާއަށް އައުން މަނާކުރުމަށް އެގައުމުން ނިންމި ނިންމުން ދިފާއުކުރައްވައި މެލޭޝިޔާގެ ޚާރިޖީ ވަޒީރު ސައިފުއްދީން ޢަބްދުﷲ މި ޖަނަވަރީ މަހުގެ 16 ވަނަ ދުވަހު ވިދާޅުވެފައި ވެއެވެ.
"(އިސްރާއީލުގެ ބޮޑުވަޒީރު) ނަތަންޔާހޫގެ ސަރުކާރުން މަރަމުންދާ އަހަރުމެންގެ އަޚުންކަމުގައިވާ ފަލަޞްޠީނު މީހުންނަށް ނަޞްރު ދިނުމަށްވުރެ ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތެއް ބޭއްވުން މުހިއްމު ވެއްޖެނަމަ އެކަން ވާނީ މެލޭޝިޔާގެ ޟަމީރު މަރުވުން ކަމުގައި." އައިޕީސީގެ އިއްޔެގެ ނިންމުމާ ގުޅިގެން ދެއްކެވި ވާހަކަފުޅުގައި ކުޅިވަރާ ޒުވާނުންނާ ބެހޭ ވަޒީރު ސައްޔިދު ޞާދިޤު އިއްޔެ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައި ވެއެވެ.
ޕެރެސްވިމިންގ މުބާރާތުގައި 60 ގައުމަކުން 600 އެއްހާ ފެތުންތެރިން ވާދަކުރާގޮތަށް އޮތީ ހަމަޖެހިފައެވެ.
މެލޭޝިޔާގެ ނިންމުމާމެދު ވާހަކަފުޅުދައްކަވަމުން އައިޕީސީގެ ރައީސު އެންޑްރޫ ޕާސަންސް ވިދާޅުވި ގޮތުގައި މެލޭޝިޔާގައި މުބާރާތް ބާއްވާގޮތަށް 2017 ވަނަ އަހަރު ނިންމި އިރު މެލޭޝިޔާއިން ބުނެފައި އޮތީ ހުރިހާ ގައުމެއްގެ ފެތުންތެރިންނަށްވެސް މަރުހަބާ ކިޔާނެ ކަމުގައެވެ. ނަމަވެސް ސަރުކާރު ބަދަލުވުމުން ސިޔާސަތު ބަދަލުވީއެވެ.
މެލޭޝީޔާއަކީ އިސްރާއީލާކު އެއްވެސް ގުޅުމެއް ބާއްވާ ގައުމެއް ނޫނެވެ. އަދި ޑރ. މަހާތީރު ބިން މުޙައްމަދުގެ ސަރުކާރުން އިއުލާންކޮށްފައި ވަނީ މެލޭޝިޔާގައި ބާއްވާ އެއްވެސް ހަރަކާތެއްގައި އިސްރާއީލުގެ އެއްވެސް މީހަކު ބައިވެރިވުމުގެ ހުއްދަ ނުދޭނެކަމުގައެވެ.