ދެކުނު ފިލިޕީންސްގެ މުސްލިމުން ގިނަ ޕްރޮވިންސެއްކަމުގައިވާ ސޫލޫގެ ނަސާރާ ފައްޅިއަކަށް ބޮމުގެ ދެ ހަމަލާއެއްގައި 27 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ.
މިއީ، ފިލިޕީންސްގެ ހަމަނުޖެހުން ބޮޑު ދެކުނުގައި އެތައް އަހަރަކަށް ފަހު ދެވުނު މިފަދަ ހަމަލާއެވެ.
7 ލައްކަ މީހުންގެ އާބާދީއެއް އޮންނަ ޖޯލޯގައި ހުންނަ ކެތީޑްރަލް އޮފް އަވާ ލޭޑީ އޮފް މައުންޓް ކާމެލްގައި ފުރަތަމަ ބޮން ގޮވީ މިއަދު ހެނދުނު 8:00 (ރާއްޖޭ ގަޑިން ފަތިހު 5:00) ޖެހިއިރު އެވެ. މުސްލިމް ހަނގުރާމަވެރިންގެ ހަރަކާތްތެރިކަން ބޮޑު ސަރަހައްދެއްގައި ހުރި އެ ފައްޅީގައީ އޭރު އާދީއްތަދުވަހުގެ އަޅުކަމުގައި ބައިވެރިވާން ގިނަ ބަޔަކު ތިއްބެވެ.
ދެވަނަ ބޮން ގޮވީ ފުރަތަމަ ބޮން ގޮވުމުން މީހުން ސަލާމަތްވާން ދުއްވައިގަތް ވަގުތާއި، ސަލާމަތީ ބާރުތަކުން އެތަނަށް އައި ވަގުތު، ފައްޅީގެ ޕާކިންގް ސަރަހައްދުގައި ބަހައްޓާފައި ހުރި ސައިކަލެއްގެ ތެރެއިންނެވެ.
ސޫލޫ ހިމެނޭ ސަރަހައްދުގެ ފުލުހުންގެ ޑިރެކްޓަރު ޗީފް ސުޕްރިންޓެންޑެންޓް ގްރާސިއާނޯ މިހާރެސް ރޭޑިއޯއަކަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ ބޮން ގޮއްވާލުމުގެ ސަބަބުން 27 މީހުން މަރުވެ 70 މީހުން ޒަޚަމްވެފައިވާ ކަމުގައެވެ.
"ދައުލަތުގެ ދުޝްމަނުންވަނީ، އެ ސަރަހައްދުގެ ރައްޔިތުންނަށް އަމާންކަން ހޯދައިދިނުމުގައި ސަރުކާރަށް ލިބިގެންވާ ގާބިލުކަމަށް ނުބައިގޮތަކަށް ގޮންޖަހާފައި." ފިލިޕީންސްގެ ރައީސު ރޮޑްރިގޯ ޑުޓެރްޓޭގެ ތަރުޖަމާނު ސަލްވަޑޯރް ޕަނޭލޯ ވިދާޅުވެފައިވެއެވެ.
"ފިލިޕީންގެ އަސްކަރިއްޔާއިން އެ ގޮންޖެހުމާއި ކުރިމަތިލައި، ކަލަކު ވޮޑިގެންވާކަން ގަބޫލުނުކުރާ އެ މުޖުރިމުން ޗިސްކޮށްލާނެ." އޭނާ އިތުރަށް ވިދާޅުވިއެވެ.
ސޫލޫއަކީ ދެކުނު ފިލިޕީންސްގައި ގާއިމުކުރި ބަގްސަމޯރޯ އޮޓޮނަމަސް ރީޖަން އިން މުސްލިމް މިންޑަނާއޯ ގައި ހިމެނޭ ޕްރޮވިންސެކެވެ. އެ ޕްރޮވިންސްގައި ބޮން ގޮއްވާލާފައި މިވަނީ އެ ސަރަހައްދަށް ދާޚިލީ މިނިވަންކަން ދިނުމާބެހޭ ގާނޫނަށް ބޮޑު ތަފާތަކުން ސަރަހައްދުގެ ރައްޔިތުން ތާއީދުކުރުމުން ފާއިތުވި ހުކުރު ދުވަހު ތަސްދީގުކޮށް އަމަލުކުރަން ފަށާފައި ވަނިކޮށެވެ.
ބޮން ގޮއްވާލުމުގެ ޒިންމާ މިހާތަނަށް އެއްވެސް ފަރާތަކުން އުފުލާފައި ނުވިޔަސް، ފުލުހުން ތުހުމަތުކުރަނީ އެކަމުގެ ފަހަތުގައިވާނީ އެ ސަރަހައްދުގައި ހަރަކާތްތެރިވާ މުސްލިމް ހަނގުރާމަވެރި ޖަމާއަތެއް ކަމުގައިވާ އަބޫ ސައްޔާފު ކަމުގައެވެ. އެއީ އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ތާއީދުކުރާ ބައެކެވެ. ޖޯލޯއަކީ އަބޫ ސައްޔާފުގެ ބާރު އެންމެ ގަދަ ސަރަހައްދެވެ.