
ސިޔާސީ ދާއިރާގައި އެކުގައި މަސައްކަތް ނުކުރެވޭނެ ބަޔަކު ނުތިބޭނެ ކަމަށާއި ހަމައެކަނި މަސައްކަތް ނުކުރެވޭނީ ޤައުމުގެ މުހިންމު ޢަސާސްތައް ފުޑާލަން އުޅޭ ބަޔަކާއެކު ކަމަށް ނިލަންދޫ ދާއިރާގެ މަޖިލިސް މެމްބަރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
އެކީގައި މަސައްކަތް ނުކުރެވޭނެ ކަމަށް އޭނާ އެވިދާޅުވަނީ އެމްޑީޕީގެ ވާހަކަ ކަމަށް ވެދާނެއެވެ. އެފަދަ ބަޔަކު ތިއްބަސް ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމަކީ އެފަދަ ބޭފުޅެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
"މިސާލަކަށް ޤައުމުގެ މިނިވަންކަން ހިފެހެއްޓުމަށް ޤާސިމަކީ ކޮންމެ ތަނެއްގައި ހުންނެވިޔަސް މަސައްކަތް ކުރައްވާނެ ބޭފުޅެއް. އެކަކު އަނެކަކަށް އޮންނަންޖެހޭނެ ޤަދަރާއި ޢިއްޒަތް ހިފަހައްޓަވަން މަސައްކަތް ކުރައްވާނެ ބޭފުޅެއް. ވަރަށް ގިނަ ކަންތައްތަކުގައި އަޅުގަނޑުމެންނާއި ޤާސިމާ ވިސްނުން އެއްގޮތް،" ޚަލީލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ބައެއް ކަންކަމުގައި ޤަސިމާ ޚިޔާލު ތަފާތުވިޔަސް ޚިޔާލު އެއްގޮތްވާ ވަރަށްގިނަ ކަންކަން އެބަހުރި ކަމަށެވެ. އެހެން ކަމުން މާޒީއަކީ މާޒީއަށް ދޫކޮށްލާފައި ޤާސިމާއެކު މަސައްކަތް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޤާސިމް ވަނީ މަޖިލީސް އިންތިޚާބުގައި އެމްޑީޕީ ނޫން އެހެން ކޮންމެ ބަޔަކާ ވާހަކަ ދައްކަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައެވެ. އޭގެ އިތުރަށް ޕީއެންސީގެ މައްސަލާގައި ޕީޕީއެމްގެ ޕީޖީ ގްރޫޕުން ޤާސިމާ ބައްދަލު ކުރައްވަން އުޅުއްވުމުން އެބޭފުޅުންނާ ވެސް ވަނީ ބައްދަލު ކުރައްވައިފައެވެ.