އެމެރިކާގެ ކޮންގްރެސްއިން މިއަހަރަށް ފާސްކުރި ބަޖެޓް ތަސްދީގުކުރައްވަން ރައީސު ޓްރަމްޕް ދެކޮޅު ހެއްދެވުމުން އެމެރިކާގެ ސަރުކާރުގެ ގިނަ މަސައްކަތްތައް ހުއްޓިފައި އޮތުން ނިމުމަކަށް ގެނައުމަށް އިއްޔެ ދެފަރާތުން އެއްބަސްވެއްޖެއެވެ. އާ އަހަރުގެ ބަޖެޓް ތަސްދީގުކުރެއްވުމަށް ރައީސު ޓްރަމްޕް ދެކޮޅުހެއްދެވީ، މެކްސިކޮއާއި އެމެރިކާ ގުޅޭ ސަރަހައްދީ ރޮނގުގައި ފާރެއް ރޭނުމަށް އޭނާ ބޭނުންފުޅުވާ 5.7 ބިލިއަން ޑޮލަރު ބަޖެޓުގައި ނުހިމަނައިގެންނެވެ.
2016 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭނުގައި ޓްރަމްޕް ވަނީ އެމެރިކާއާއި މެކްސިކޯ ގުޅޭ 2000 ކިލޯމީޓަރު ދިގު ސަރަހައްދީ ރޮނގުގެ އެއްކޮޅުން އަނެއް ކޮޅަށް ފާރެއް ރޭނުމަށް ވައުދުވެވަޑައިގެންފައެވެ. އޭނާގެ އެވައުދު ފުއްދަވަންކުރައްވާ މަސައްކަތުގައި އެންމެ ބޮޑު ހުރަހަކަށް ވެފައިވަނީ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީން ކޮންޓްރޯލުކުރާ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އެވެ.
ފާރު ރޭނުމުގެ ޚަރަދު ބަޖެޓުގައި ނުހިމަނަނީސް ބަޖެޓު ތަސްދީގުނުކުރައްވާނެކަމަށް ވިދާޅުވެ ޓްރަމްޕް ދޫނުދެއްވައި ހިފެހެއްޓެވީ، އިދި ކޮޅު ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންނަށް މަޖުބޫރުވެގެން އެންމެ ފަހުން އޭނާ އެދިވަޑައިގަންނަވާ ގޮތް ހައްދަވާނެ ކަމަށެވެ. އެހެންނަމަވެސް ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ސްޕީކާ، ޑިމޮކްރެޓިކް ޕާޓީގެ ނެންސީ ޕެލޯސީ ވަނީ ރައީސު ޓްރަމްޕަށް ދޫދެއްވުމާ ދެކޮޅުހައްދަވާފައެވެ.
އެމެޖެންސީ ހާލަތު އިއުލާނުކުރައްވައި، ފާރު ރޭނުމަށް ބަޖެޓު ހަމަޖައްސަވާނެކަމަށް ރައީސު ޓްރަމްޕް ދެފަހަރެއްގެ މަތިން ބިރުދެއްކެވި ނަމަވެސް އެންމެ ފަހު ވަގުތު އޭނާ ވަނީ އެކަން ދޫކޮށްލައްވާފައެވެ. 35 ދުވަހަށް ފަހު އޭނާ ދޫދެއްވީ އެކި ފަރާތްތަކުން ކުރިމަތިވަމުން ދިޔަ ސިޔާސީ ފިއްތުންތަކުގެ ސަބަބުންނެވެ.
އެމެރިކާގެ ކޮންގްރެސްގެ ދެ ބައި ކަމުގައިވާ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއާއި ސެނެޓްގެ އިއްތިފާގުން ފާސްކުރި ވަގުތީ އެއްބަސްވުމުގެ ދަށުން ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ސަރުކާރު ހިންގަން ބޭނުންވާ ފައިސާ ހަމަޖެހިގެންދާނެއެވެ. ރައީސު ޓްރަމްޕް އެއެއްބަސްވުން ތަސްދީގުކުރެއްވުމާއެކު ސަރުކާރުގެ އިދާރާތައް ހުއްޓިފައި އޮތުން ނިމުމަކަށް އަންނާނެއެވެ. އެއާއެކު ސަރުކާރުގެ 8 ލައްކައެއްހާ މުވައްޒަފުންނަށް މުސާރަ ލިބޭނެގޮތް ހަމަޖެހޭނެއެވެ.
ފެބްރުއަރީ 15 ގެ ކުރިން ސަރަހައްދީ ރޮނގެގާ ފާރާ މެދު ދެ ފަރާތަށް އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އެމެރިކާ ސަރުކާރުގެ ގިނަ އިދާރާތަކެއް އަނެއްކާވެސް ހުއްޓުމަކަށް އަންނާނެއެވެ.