އިސްތަންބޫލުގައި ހުންނަ ސައޫދީ ކޮންސިއުލޭޓުގައި ފާއިތުވި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ސައޫދީ ނޫސްވެރިޔާ ޖަމާލު ޚާޝުޤްޖީ މަރާލި މައްސަލައިގެ ތަހުގީގަށް ބައިނަލްއަގްވާމީ ޓީމެއް އެކުލަވާލާފައެވެ.
ގާނޫނީ އިމުން ބޭރުން މީހުން މެރުމުގެ މައްސަލަތައް ތަހުގީގުކުރުމާބެހޭ އދ. ގެ ރެޕެޓުއާ އެގްނެސް ކަލަމާޑް ވިދާޅުވީ ޚާޝުޤްޖީ މަރާލި މައްސަލައިގެ "ބައިނަލް އަޤްވާމީ މިނިވަން" ތަހުގީގު ހިންގާ ޓީމުގެ ވެރިއެއްގެ ގޮތުގައި އަންނަ ހަފުތާގައި އޭނާ ތުރުކީއަށް ވަޑައިގަންނަވާނެ ކަމުގައެވެ.
ކަލަމާޑަކީ ފަރަންސޭސި ތަޖުރިބާކާރެކެވެ. އަދި ނިއުޔޯކުގައި ހުންނަ ކޮލަންބިއާ ޔުނިވަސިޓީގެ ގްލޯބަލް ފްރީޑަމް އޮފް އެކްސްޕްރެޝަން އިނިޝިއޭޓިވްގެ ޑިރެކްޓަރުގެ ގޮތުގައި މަސައްކަތްކުރެއްވުމުގެ އިތުރަށް، އޭނާއަކީ ޖެނީވާގައި ހުންނަ އދ. ގެ ހިއުމަން ރައިޓްސް އަށް މަސައްކަތްކޮށްދެއްވާ ބޭކަނބަލެކެވެ. މަރުގެ މައްސަލަތައް ބައިނަލްއަގްވާމީ ތަހުގީގުކުރުމުގެ ބާރު އޭނާއަށް ލިބިގެން ވެއެވެ.
އޮފީސް އޮފް ޔުނައިޓެޑް ނޭޝަންސް ހައި ކޮމިޝަނާ ފޯ ހިއުމަން ރައިޓްސް (އޯއެޗްސީއެޗްއާރް) އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި 28 ޖަނަވަރީން 3 ފެބުރުވަރީއަށް ތުރުކީގައި މަސައްކަތްކުރާ ޓީމުގައި ކަލަމާޑްއާއެކު ދެން ތިއްބަވާނީ ހެލޭނާ ކެނެޑީއާއި ދުއާރްތޭ ނޫނޯ ވިއޭރާއެވެ.
ހެލޭނާ ކެނެޑީއަކީ އިނގިރޭސިވިލާތު އެންމެ މަޝްހޫރު އެއް ގާނޫނީ ވަކީލެވެ. އަދި އިނގިރޭސި ހައުސް އޮފް ލޯޑްސްގެ މެންބަރެކެވެ. ނޫނޯ ވިއޭރާއަކީ ޕޯޗުގަލްގެ ޔުނިވަސިޓީ އޮފް ކޮއިންބްރާގެ ފެކަލްޓީ އޮފް މެޑިސިންގައި މަސައްކަތްކުރައްވާ ޕްރޮފެސަރެކެވެ. އަދި ފެތޮލޮޖީއާއި ފޮރެންސިކް އިލްމުގެ މާހިރެކެވެ.
ޚާޝުޤްޖީގެ މަރުގެ މައްސަލައިގެ ބައިނަލް އަގްވާމީ ތަހުގީގެއް ވަރަށް އަވަހަށް ފަށާނެކަން ފާއިތުވި ހޯމަ ދުވަހު އިސްތަންބޫލުގައި އޮތް ޒުވާނުންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ތުރުކީގެ ޚަރިޖީ ވަޒީރު މެވްލޫދު ޖާވިޝްއޮގްލޫ ވަނީ ހާމަކުރައްވާފައެވެ.
ޚާޝުޤްޖީ މަރާލި މައްސަލައިގެ އަމިއްލަ ތަހުގީގެއް ސައޫދީ އަރަބިއްޔާއިން ހިންގި ނަމަވެސް ތުރުކީންވެސް އަދި ދުނިޔޭގެ ގިނަ ގައުމުތަކުންވެސް އެ ތަހުގީގަށް އިތުބާރެއް ނުކުރެއެވެ.