ކުންޏާއި، ސިންގަލް ޔޫސް ޕްލާސްޓިކަށް ނޫނެކޭ ބުނަންޖެހޭ!

ތިމާވެށީގެ ވާހަކައަކީ އައު ވާހަކައެއް ނޫނެވެ. ތިމާވެށީގެ މަސައްކަތަކީ މިޒަމާނުގެ ފެޝަނުގެ ތެރޭގައި ވެސް ހިމެނޭ އަބުރުވެރި ޤަދަރުވެރި މަސައްކަތެކެވެ.

މި މަސައްކަތުގެ މުގުލުގައި ތިބީން ބޭނުންވާނީ ނަތީޖާނެރުމެވެ. ނަމުން ތިމާވެށި ޙިމާޔަތް ކުރުމުގެ ބަދަލުގައި ކަމުން ޙިމާޔަތް ކުރުމަށެވެ. ގުދުރަތުން ރާއްޖެއަށް ދެއްވާފައިވާ ސާފުވެށި އެގޮތުގައި ބޭއްވުމަށެވެ. އެކަން ކުރެވޭނީ ރާއްޖޭގައި އުޅޭ މީހުންނަށެވެ. އެއްވެސް ބަޔަކު އިސްތިސްނާ ނުކޮށެވެ.

ރަށްރަށާއި މާލެގެ މަގުތަކަށް ކުނި ނާޅަން އެތައްފަހަރަކު ވަނީ ކަމާބެހޭ ފަރާތްތަކުން ނަސޭޙަތްތެރިވެފައެވެ. ނުހުއްޓުނެވެ. އަމުރުކޮށްގެން ވެސް ނުހުއްޓުނެވެ. އެންމެފަހުން ކުނިއަޅާ މީހުންގެ ނަންތައް ހާމަކުރަން ފެށީއެވެ. އެވަރުން ނިންމައި ނުލައި ޖޫރިމަނާ ވެސް ކުރަނީއެވެ. ސަމާސާ ކުރާކަށް ނޫނެވެ. ސީރިއަސް މަޤުސަދެއް ޙާސިލް ކުރުމަށެވެ. މަގުތައް ސާފުކޮށް ބޭއްވުމަށެވެ. ތިމާވެއްޓާ ރައްޓެހި ސާފު މާޙައުލެއް ގާއިން ކުރުމަށެވެ.

ކުނިއަޅާ މީހުންގެ ނަން ހާމަކޮށް ޖޫރިމަނާ ކުރަން ރާއްޖޭގައި ފެށީ ދުނިޔޭގެ ބައެއް ޤައުމުތަކުގައި އެކަންކުރާ ގޮތް ބެލުމަށްފަހުގައެވެ. އެގޮތުން ޔޫކޭއާއި، ހޮންކޮންގާއި، މެކްސިކޯއާއި، މެލޭޝިއާ ފަދަ ޤައުމުތަކުގައި އެކަންކުރާގޮތްވަނީ ބަލައިފައެވެ. މި ޤައުމުތަކުގައި ވެސް މަގުމައްޗަށް ކުނިއަޅާ މީހުން ޖޫރިމާނާކޮށް ނަން ހާމަކުރެއެވެ. ބޭނުމަކީ ހަމަ ކުނިއެޅުން ހުއްޓުވުމެވެ. އެޤައުމުތަކުގެ ތަޖުރިބާ ރަނގަޅެވެ.

އެ ޤައުމުތަކުން ދެކޭގޮތުގައި ކުނިއަޅާ މީހުންގެ ނަންތައް ހާމަކޮށް ޖުރިމާނާ ކުރުމުން ލަދުގަންނާނެއެވެ. ލަދުގަންނަ ކަމަށް ވާނަމަ އެކަމެއް ނުކޮށް ހުއްޓައިލާނެއެވެ. އެގޮތަށް ޢަމަލުކުރަން ފެށުމުން ކުނި އެޅުން ހުއްޓުނެވެ. ނުވަތަ މަދުވިއެވެ.

ރާއްޖޭގައި ވެސް އެކަން އެގޮތަށް (ނަން ހާމަކޮށްގެން، ލަދު ގަންނުވައިގެން) ކުރަންފެށީ ކުނި އެޅުން ހުއްޓުވުމަށެވެ. އެގޮތަށް ޢަމަލު ކުރަން ފެށުމުން ކުނިއެޅުން މަދުވެއެވެ. ނުވަތަ ހުއްޓެއެވެ. ވެމްކޯއިން ވެސް އެދިފައިވަނީ މާލޭގެ މަގުތަކަށް ކުނި ނޭޅުމަށެވެ. "ލަދު ގަންނަވައިގެން މިކަން ކުރަން ފެށުމުން ކުނިއެޅުން އެބަމަދުވޭ ނުވަތަ އެބަހުއްޓޭ. މިއީ ދުނިޔޭގެ ބައެއް ޤައުމުތަކުގައި ތަޖުރިބާ ކޮށްފައިވާކަމެއް" ތިމާވެށީގެ ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވިއެވެ.

ކުނިއަޅާ މީހުންގެ ކަންކަން ކަމާ ރާއްޖެއިން ޙަވާލުވެތިބެނީ އެންވަޔަރުމަންޓް ޕޮލިހުންނެވެ. މީހުން ޖުރީމަނާ ވެސް ކުރާނީ އެމީހުންނެވެ. ތަންފީޒީ ބާރުގެ ޙައިސިއްޔަތުންނެވެ.

މަގުމައްޗަށް ކުނިއެޅުމަކީ އިޖުތިމާޢީގޮތުން ބެލިޔަސް ރަނގަޅު ކަމެއްނޫނެވެ. އެއީ ތިމާގެ ނުވަތަ ތިމާމެންގެ ޒިންމާދާރުކަން ކުޑަކަން ދައްކުވައިދޭ މުޖުތަމަޢުގެ ރޫޙާ ޚިލާފުކަމެވެ. ތިމާވެށީގެ ވާހަކަ އެންމެ އަޑުގަދަކޮށް ދައްކާ ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނިފައި ރާއްޖެއަށް ނިސްބަތްވާ މީހުން މިފަދަ ޢަމަލުތައް ކުރުމަކީ ދެކޮޅު ޖެހޭކަމަކަށް ނުވެއެވެ.

ދުނިޔޭގައި ވެސް ރާއްޖޭގައި ވެސް މިހާރު އެންމެ އަޑުހަރުކޮށް ދެކެވޭ ވާހަކައަކީ ސިންގަލް ޔޫސް ޕްލާސްޓިކުގެ ވާހަކައެވެ. ޕްލާސްޓިކަކީ އިންތިހާއަށް ތިމާވެއްޓަށް ގެއްލުންދޭ އެއްޗަކަށް ވާތީއވެ.

ރައީސުލްޖުމްހޫރިއްޔާގެ 100 ދުވަހުގެ ވަޢުދުގެ ތެރޭގައި ހިމަނައިގެން މިހާރުވަނީ  ސިންގަލް ޔޫސް ޕްލާސިޓިކް މަދުކުރުމުގެ ޤައުމީ ކެމްޕެއިނެއް ފަށައިފައެވެ. މި ކެމްޕެއިނުގެ ދަށުން ގިނަފަހަރަށް ބޭނުންކުރެވޭ (ތިމާވެއްޓާ ރައްޓެހި) 100 ފުޅި ތިމާވެއްޓާ ބެހޭ މިނިސްޓްރީން ވަނީ މާލެ ސިޓީ ކައުންސިލަށް ހަދިޔާކޮށްފައެވެ. އިތުރު ތަންތަނަށް މިފަދަ ފުޅި ފޯރުކޮށްދެއްވާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން ނިންމާފައިވަނީ މީގެ އެއްމެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގައި ސިންގަލް ޔޫޒް ޕްލާސްޓިކް ފެންފުޅި ބޭނުންކުރުން ހުއްޓާލުމަށެވެ.

ސިންގަލް ޔޫސް ޕްލާސްޓިކަކީ އޭގެ ސަބަބުން ކަނޑުގެ ދިރުމަށް ނުހަނު ގެއްލުން ހުރި އެއްޗެކެވެ. ރާއްޖޭގައި އުފައްދާ ކުނީގެ ތެރޭގައި ގިނަ ޢަދަދަކަށް މިބާވަތުގެ ކުނި ހުންނަކަން ވަރަށް ބޮޑަށް ވަނީ ފާހަގަ ކުރެވިފައެވެ. މިއީ އަވަސް ފުރުސަތެއްގައި ނަތީޖާ ފެންނަވަރުގެ ފިޔަވަޅު އަޅަންޖެހޭ ސީރިއަސް މައްސަލައެކެވެ.

ސިންގަލް ޔޫސް ޕްލާސްޓިކް ފެންފުޅި މަދުކޮށްގެން އެކަނި މިކަމެއް ނުވާނެއެވެ. އެހެން ނަމަވެސް އެއީ ވެސް ކޮންމެވެސް ވަރެއްގެ ޙައްލަކަށް ވުންގާތެވެ. ރާއްޖެއަށް އެތެރެކުރާ ސިންގަލް ޔޫސް ޕްލާސްޓިކްގެ ހުރިހާ ބާވަތެއް ފޭސް އައުޓް ޕްލޭނެއްގެ ދަށުން ހުއްޓުވުމުގެ މަސައްކަތް ތިމާވެއްޓާބެހޭ މިނިސްޓްރީން ވަނީ ފަށައިފައެވެ.

އެއްފަހަރު ބޭނުންކޮށްފައި އެއްލާލެވޭ ޕްލާސްޓިކް މަދުކުރުމާއި ގުޅޭގޮތުން ސަރުކާރުގެ އޮފީސްތަކާއި އަދި ކުންފުނިތަކާއި ތިމާވެއްތާ ބެހޭ މިނިސްޓްރީން ދަނީ މަޝްވަރާ ވެސް ކުރަމުންނެވެ.

އެއްފަހަރު ބޭނުންކޮށްފައި އެއްލާލެވޭ ޕްލާސްޓިކް މަދުކުރުމުގެ ކެމްޕެއިންގެ ދަށުން ރާއްޖޭގެ ސްކޫލްތަކަށް އަލަށް ގްރޭޑް 1 އަށް ވަންނަ ދަރިވަރުންނަށް ގިނަ ފަހަރު ބޭނުންކުރެވޭ އަދި ތިމާވެށްޓާއި ރައްޓެހި "ސުޕަރ ފެންފުޅި" ހަދިޔާކުރުމުގެ ޕްރޮގްރާމެއް ވެސް މިނިސްޓްރީއިން ވަނީ ފަށައިފައެވެ. އެގޮތުން 28 ޑިސެމްބަރ 2018 ގައި މިނިސްޓްރީއިން ވަނީ ރާއްޖޭގެ ޖުމްލަ 15 ސްކޫލަކަށް އެފަދަ ފެންފުޅި ހަދިޔާކޮށްފައެވެ. މީގެ އިތުރުން ރާއްޖޭގެ އިތުރު 3 ސަރަޙައްދެއްގެ ސްކޫލްތަކަށް މި ފުޅި ބެހުމަށް ވަނީ ހަމަޖެހިފައެވެ.

ދުނިޔޭގެ އެކި ހިސާބުތަކުން އަހަރަކު 7.5 ޓަނުގެ ޕްލާސްޓިކް ކަނޑުތަކަށް އެޅެމުން ދެއެވެ. އޭގެ އަސަރު ރާއްޖެއަށް ނުކޮށް ނުދާނެއެވެ. އަހަރެމެންނަކީ މުސްތަގިއްލު ޤައުމެކޭ އޭގެ އަސަރު މިޤައުމަށް ކޮށްގެން ނުވާނެއޭ ބުނެ ދެއަތް އުރާލައިގެން ތިބެން ހެޔޮވެސް ނުވާނެއެވެ. ފާއިތުވި ދެ އަހަރެއްހާ ދުވަސްތެރޭގައި ރާއްޖެއިން ވަނީ މަދުވެގެން 900 ޓަނުގެ ޕްލާސްޓިކް ރީސައިކަލް ކުރަން ބޭރަށް ފޮނުވައިފައެވެ. މިއީ ރާއްޖޭގެ އާބާދީއަށް ބަލާއިރު ކުޑަ މިންވަރެއް ނޫނެވެ.

ރާއްޖޭގެ އިގްތިސާދަކީ ފަތުރުވެރިކަމާއި މަސްވެރިކަމާ ގުޅިފައިވާ ކަމެކެވެ. ރާއްޖޭގެ ދޮންވެލީގެ ގޮނޑުދޮށްތަކާއި ކަނޑުއަޑީގެ ޗާލު މުރަކައިގެ ބަގީޗާ ތަކާއި ކުލަކުލައިގެ މަސްތައް ދެކެން އަންނަ މީހުންނަށް އެމަންޒަރުތައް ހަޑިވާ ވަރަށް ޕްލާސްޓިކް އިތުރުވުމަކީ މައްސަލައެކެވެ. ކަނޑަށް އެޅޭ ޕްލާސްޓިކްގެ ސަބަބުން ކަޑުގެ ދިރުމަށް ނޭދެވޭ އަސަރު ކުރެއެވެ. ކަނޑުގައި އުޅޭ މަސްމަހާމެއްސަށްވުރެ ޕްލާސްޓިކް ކަނޑުތަކުގައި އިތުރުވުމުގެ ފުރުސަތު އެބައޮތް ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ދަނީ ދެމުންނެވެ.

ޙާލަތު ދަނީ ގޯހުންގޯހަށެވެ. ތިމާވެއްޓަށްއޮތް ނުރައްކަލުގެ ރަނގަބީލު ދުނިޔޭގެ އެތަން މިތަނުން ދަނީ ޖަހަމުންނެވެ. އެއަށް ބީރުކަންފަތްދީގެން ތިއްބާ ދެންބައްދަލުވާނީ ކޮންފަދަ ހިތާމައަކާ ކަމެއްވެސް ނޭނގެއެވެ. އެހެންވީމާ މި ރާއްޖެއަކީ ތިމާވެއްޓާ ރައްޓެހި ޤައުމަކަށް ހަދަންއެބަޖެހެއެވެ. ޕްލާސްޓިކް އަމުދުން ނުގެންގުޅޭ ޤައުމަކަށް ނުހެދުނަސް ޕްލާސްޓިކް މަދު ޤައުމަކަށް ހަދަން އެބަޖެހެއެވެ. ރައްކާތެރި ކަމާއެކު ޕްލާސްޓިކް ނައްތައިލެވޭނެގޮތެއް ވެސް ހޯދަން އެބަޖެހެއެވެ. ކުރަންވީ ކަމަކީ އެންމެ ތުއްތު އިރުން ފެށިގެން ތިމާވެއްޓަށް ހޭލުންތެރި ކުރުވުމެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.