ސަރުކާރަށް ކޮށްދެވެން އޮތް ކަމެއް ކޮށް ނުދީގެން ސްރީލަންކަންގެ އައްޑޫ ދަތުރުތަކެއް ނުހުއްޓޭނެ: ސްޓޭޓް މިނިސްޓަރ ޒުހައިރު

ސަރުކާރަށް ކޮށް ދެވެން އޮތް ކަމެއް ކޮށް ނުދީގެން ސްރީލަންކަންގެ އައްޑޫ ދަތުރުތައް ނުހުއްޓޭނޭ ކަމަށް ސްޓޭޓް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އަޙްމަދު ޒުހައިރު ވިދާޅުވެއްޖެއެވެ.
ސްޓޭޓް މިނިސްޓަރ މިހެން ވިދާޅުވީ މިއަދުގެ ވަގުތެއްގައި ޓްރާންސްޕޯޓް މިނިސްޓްރީއާއި، ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ވެރިން ސްރީލަންކަންގެ އިސް ބޭފުޅުންނާ ބައްދަލު ކުރައްވައި މަޝްވަރާ ކުރެއްވުމަށް ފަހު އާފަތިހާ ވާހަކަފުޅު ދައްކަވަމުންނެވެ.
ޒުހައިރު ވިދާޅުވީ ގޮތުގައި ކަމެއް ކުރިއަށް ގެންދެވޭނީ ދެ ފަރާތުގެ ކަންބޮޑުވުންތައް ހައްލު ކުރަން މަޝްވަރާކޮށް ގޮތްތަކެއް ހޯދިގެންނެވެ. ސަރުކާރުން އަބަދުވެސް އޮންނާނީ މައްސަލަތަކަށް ހައްލު ހޯދައިދޭން ތައްޔާރަށެވެ. "ސްރީލަންކަންގެ ދަތުރުތައް ހުއްޓުމަކީ އައްޑު އަތޮޅުގެ ރައްޔިތުންނަށް ލިބޭނޭ ދެރައެއް. އެ ދެރަ ލިބޭނޭ ގޮތަކަށް ކަންތައްތައް ވެގެން ދިއުމަކީ ސަރުކާރުން އެދޭ ގޮތެއް ނޫން. އެހެންވީމާ ސަރުކާރުން ކޮށްދޭން ޖެހޭ ހުރިހައި ކަމެއް ކޮށްދޭނޭ ކަމުގެ ޔަގީންކަން ދެން." ޒުހައިރު ވިދާޅުވިއެވެ.
ޒުހައިރު ވިދާޅުވި ގޮތުގައި ސްރީލަންކަންގެ ބޭފުޅުން އެބޭފުޅުންގެ މައްސަލަތައް ވަރަށް ސާފުކޮށް ވިދާޅުވެ ދެއްވިއެވެ. "އެހެންވީމާ ސަރުކާރަށް ހަމަޖައްސައި ދެވެން އޮތް ކަމެއް ހަމަޖައްސައި ނުދޭންވީ އެއްވެސް ސަބަބެއް ނޯންނާނެ. އެބޭފުޅުންނަށް ކުރިއަށް ވަޑައިގެންނެވޭނީ އެބޭފުޅުންގެ މައްސަލަތަކަށްވެސް ހައްލެއް ހޯދައި ދެވިގެން. ފޯއްމުލަކާއި، ހުވަދު އަތޮޅުގެ ކަނެކްޝަނާއި، އިމިގްރޭޝަންގެ ވާހަކަތައް އެބޭފުޅުން ވަނީ މީޑިއާއަށް ހާމަކޮށް ދެއްވާފައި."
އައްޑު އަތޮޅަށް ސްރީލަންކަންގެ ދަތުރުތައް ފަށާފައި ވަނީ 2016 ވަނަ އަހަރުއެވެ. ސްރީލަންކަންއިން ހާމަކޮށްފައިވާ ގޮތުގައި ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި އެ އެއަރލައިންގެ ދަތުރުތައް އައްޑު އަތޮޅަށް ކޮށްފައި ވަނީ ވަރަށް ބޮޑެތި ދަތިތަކާ އެކީގައެވެ.
"އައްޑު އަތޮޅުގެ ރައްޔިތުންނަށް އަޅުގަނޑު ދަންނަވަން އޮތީ ކަންބޮޑުވެވަޑާއި ނުގަންނަވާށޭ. އިރާދަކުރެއްވިއްޔާ ސްރީލަންކަންގެ ދަތުރުތައް ނުހުއްޓި ކުރިއަށް ދާނޭ ގޮތަކަށް ކަންތައްތައް ހަމަޖައްސަން މިނިސްޓްރީއާއި ސިވިލް އޭވިއޭޝަން އޮތޯރިޓީން މަސައްކަތް ފަށައިފީމޭ. ލިބިލިބި އޮތް ފަސޭހައެއް ހުއްޓޭނޭ ގޮތް ހެދުމަކީ ސަރުކާރުން ކުރާނޭ ކަމެއް ނޫން." ސްޓޭޓް މިނިސްޓަރ އަޙްމަދު ޒުހައިރު ވިދާޅުވިއެވެ.

5 ޚިޔާލު

  1. އަހަރެންނަށް ޝައްކު. ބަލަން ތިބެމާ ހިނގާ. ފިރާގުވެސް އެޑްވާންޓޭޖް ނެގީ. ސަރުކާރުން ބޭނުން ކަމެއް ކުރުވަން މަސައްކަތް ކުރަނީ. ޔާމިނަށް ތާއީދުކޮށް ދެއްކި ވާހަކަ ހަދާން އެބަހުރި. މިހާރު ހުންނާނީ މި ކޮޅުގަ. އެކަލް އެކެޅަހަށަ މިކަލް މިކެޅަށަ

  2. ވަރަށް އުފާވެއްޖެއެވެ. އަހަރަމެން މި ތިބެނީ ތިކަހަލަ ކަންތަކުގެ އުއްމީދުގައެވެ. އައްޑޫގައިވެސް ކައުންސިލެއް އޮވެއެވެ. އެމީހުން ކުރި އެއްވެސް ކަމެއް ނެތެވެ. ހުއްޓާލާ ވާހަކަ ބުނީމާވެސް އަޑެއް ނީވެއެވެ. ކައުންސިލް އިސްތިއުފާދީފަ ގެޔަށް ދާންވީއެވެ. ސަރުކާރަށް ޝުކުރިއްޔާ.

  3. ވަރަށް ރަނގަޅު. ޔާމީންގެ ސަރުކާރުން ފޮނި ވާހަކަ ދައްކާފައި އެއްވެސް ކަމެއް ނުކުރެއެވެ. މީހުން ބިރުން އެ ވާހަކަ ނުދައްކާ ތިބީއެވެ. ދެ އަހަރު ވީ އިރު އެއްވެސް މަސްވަރާއެއްވެސް ނުކުރެއެވެ. ސާބަސް އިބޫ. ސާބަސް އައިޝާ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.