
ޒިނޭއަށް ހިތްވަރު ދެއްވުމަކީ އެއްގޮތަކަށް ވެސް ބާރުއަޅުއްވާ ކަމެއްނޫން ކަމަށް ރައްޖޭގެ ކުރީގެ ރައީސުލްޖުމްހޫރއްޔާ އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެ ޓްވީޓެއް ކުރެއްވީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓެއްގެ ކެމްޕެއިން ބައްދަލުވުމެއްގައި ދެއްކެވި ވާހަފުޅެއްގައި ޒިނޭއަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކެވި ކަމަށް ބުނެ ސޯޝަލް މީޑިއާއި ބައެއް ނޫސްތަކުގައި އެވާހަކަތައް ފެތުރިފައިވަނިކޮށްނެވެ. އަދި ބައެއް ޢިލްމުވެރިން ވެސް އެމަނިކުފާނަށް ފާޑުވިދާޅުވަމުން ގެންދަވަނިކޮށްނެވެ.
ކެމްޕެއިން އިއްފްތިތާހު ކުރައްވަން ބޭއްވި ރަސްމިއްޔާތުގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ ކައިވެނިން ބޭރުން ދަރިން ހޯދުމުގެ މައްސަލައަށް އޮތް ޙައްލަކީ ކައިވެނި ނުކުރާ އަންހެނުންނަށް ވިހާ އޮޕަރޭޝަން ކުރުމުގެ ފުރުސަތު ލިބުން ކަމަށެވެ.
އެވިދާޅުވި އެއްޗެއްގެ މާނަ އޮޅޭ ކަމަށް ވާނަމަ މަޢާފަށް އެދިވަޑައިގެން ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ "ޒިނޭއަށް ހިތްވަރު ދިނުމަކީ އަޅުގަނޑު އެއްގޮތަކަށް ވެސް ބާރުއަޅާ ކަމެއްނޫން. ކައިވެނީގެ ބޭރުން ދަރިންލިބި، އެކުދިންނަށް ލިބޭ ނިކަމެތިކަމާއި، ބާރުގަދަ މަސްތުވާތަކެތި ބޭނުން ކުރުމާ އޮތް ގުޅުމާ ގުޅޭގޮތުން އަޅުގަނޑު ދެއްކި ވާހަކަ އޮޅިވަޑައިގަންނަވާނަމަ އެކަމަށް މަޢާފަށް އެދެން،" ކަމަށެވެ.