މަރުތަކުގެ މައްސަލަބަލާ ކޮމިޝަނުގެ ރައީސް ސުއޫދު ޖޭއެސްސީއަށް ހާޒިރު ކުރަނީ

ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މަރުތަކުގެ މައްސަލަ ބެލުމަށް ރައީސް އިބްރާހިމް މުޙަންމަދު ސޯލިޙް އެކުލަވާލައްވާފައިވާ ކޮމިޓީގެ ރައީސް އަދި ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހާޒިރު ކުރަން އެކޮމިޝަނުން ނިންމައިފިއެވެ.

ޖޭއެސްސީގެ ތަރުޖަމާން ހަސަން ޒަހީން ވިދާޅުވީ ސުއޫދު ކޮމިޝަނަށް ހާޒިރު ކުރަނީ ސުއޫދު ދާދިފަހުން ދެއްކެވި ވާހަކަފުޅުތަކެއްގެ ސަބަބުން އެކަމުގެ ހަގީގަތް ހޯދުމަށް އެކޮމިޝަނުން އެކުލަވާލާފައިވާ ކޮމިޓީން ސުއޫދުއާ ވާހަކަ ދައްކައި މައުލޫމާތު ސާފު ކުރަން ކަމަށެވެ.

ސުއޫދު ޖޭއެސްސީއަށް ހާޒިރުވެވަޑައިގަތުމަށް ކޮމިޝަނުން އަންގާފައި ވަނީ އަންނަ އާދީއްތަ ދުވަހުއެވެ. ދާދިފަހުން ސުއޫދު ވަނީ ގޭންގްތަކާއި ފަނޑިޔާރުންނާ ގުޅުން އޮންނަ ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި ބަޔެއް ފަނޑިޔާރުން އައްޔަން ކުރައްވާފައި ވަނީވެސް ގޭންގްތަކުގެ ވެރިންގެ ނުފޫޒުން ކަމަށްވެސް ސުއޫދު ވަނީ ތުހުމަތު ކުރައްވާފައެވެ.

ސުއޫދު އެހެން ވިދާޅުވުމުގެ ކުރިން ގޭންގްތަކަށް ނިސްބަތްވާ ކަމަށް ޝައްކު ކުރެވޭ ބަޔަކު ކޯޓެއްގެ ކޯޓު ރޫމުގައި ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިޔާގައި ދައުރުވިއެވެ. ނަމަވެސް ޖޭއެސްސީން ފަހުން ބުނީ އެއީ ޝަރީއަތްތަކުގައި ބޭނުން ނުކުރާ ކޯޓު ރޫމެއް ކަމަށާއި އެތަން ބޭނުން ކުރަނީ މައްސަލަތަކުގައި ކޯޓަށް ގެންނަ މީހުން މަޑުކޮށްލުމަށް ކަމަށެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.