އާއިލާއަށް ފިލި ސައޫދީ ކުއްޖާއަށް ކެނެޑާއިން ހިމާޔަތްދީފި

ކުވޭތުގައި ތިބި އޭނާގެ އާއިލާގެ މީހުންނަށް ފިލައިގެން ބެންކޮކަށް ދިޔަ 18 އަހަރުގެ ސައޫދީ އަންހެން ކުއްޖާ ރަހަފް މުޙައްމަދު އަލްޤަނޫނަށް ކެނެޑާއިން ހިމާޔަތްދީފައިވާ ކަމުގައި ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވެއްޖެއެވެ.

"އެއީ އެކަން ކުރުމުން އަހަރުމެންނަށް ހިތްހަމަޖެހުން ލިބޭ ކަމެއް. ކެނެޑާއަކީ އިންސާނީ ހައްގުތަކާއި، ދުނިޔޭގެ ކަންކޮޅު ތަކުގައި ތިބި އަންހެންގެ ހައްގުތަކުގެ ދިފާއުގައި ތެދުވުމުގެ މުހިއްމުކަން ދަންނަ ގައުމަކަށް ވާތީ. އަހަރުމެން ވަނީ އދ. ގެ ހުށަހެޅުން ގަބޫލުކޮށްފައިކަން އަހަރެންނަށް ކަށަވަރުކޮށްދެވިދާނެ." އދ. ގެ ރެފިއުޖީންނާ ބެހޭ އިދާރާ ޔޫއެންއެޗްސީއާރުގެ އެދުމަށް ކެނެޑާއިން ރަހަފް ޤަނޫނަށް ހިމާޔަތްދިންކަން ކަށަވަރު ކޮށްދެއްވަމުން ޓްރޫޑޯ ވިދާޅުވިއެވެ.

ބެންކޮކްގެ ސުވަރްނަބޫމީ އެއާޕޯޓުގެ ފަރާތުން ވާހަކަދެއްކި މީހަކު ބުނިގޮތުގައި ސައޫދީ ކުއްޖާ ރޭގެ ވަގުތެއް ދެކުނު ކޮރެޔާގެ ސިއޯލްއަށް ދިއުމަށް ބެންކޮކުން ފުރާފައެވެ. އަދި ސިއޯލްއިން އޭނާ ދާނީ ކެނެޑާއަށެވެ.

އޭނާގެ ޝުޢޫރު ފާޅުކުރިކަމަށްޓަކައި އާއިލާގެ ފަރާތުން އޭނާއަށް އަނިޔާކޮށް ބިރުދައްކާކަމަށް ބުނެ ފާއިތުވި ހޮނިހިރު ދުވަހު (ޖަނަވަރީ 5 ވަނަ ދުވަހު) ރަހަފް އަލްޤަނޫނު ވަނީ ކުވޭތުގަ ތިބި އޭނާގެ އާއިލާގެ މީހުންނަށް ފިލައިގެން ބެންކޮކަށް ގޮސްފައެވެ. އަދި ބެންކޮކުގެ އިމިގްރޭޝަނުން އޭނާ އަނބުރާ ފޮނުވާލަން އުޅުމުން އެއާޕޯޓުގެ ކޮޓަރިއެއްގެ ތެރޭގައި ބަންދުވެގެން ހުރެ ޓްވިޓާ މެދުވެރިކޮށް އޭނާގެ މައްސަލަ ދުނިޔޭގެ ސަމާލުކަމަށް ގެނެސްފައެވެ.

ޔޫއެންއެޗްސީއާރުގެ މަސްއޫލުވެރިން ވަނީ ފަހުން އޭނާއާއި ހަވާލުވެފައެވެ. އަދި ފަހުން އޮސްޓްރޭލިޔާއިން އޭނާއަށް ހިމާޔަތް ދޭނެކަމަށް ބުނިނަމަވެސް އެންމެ ފަހު ވަގުތު ކެނެޑާއިން ވަނީ އޭނާއަށް ހިމާޔަތް ދީފައެވެ.

ޓްވިޓާގައި ރަހަފް ދެއްކި ވާހަކަތަކުގައި އޭނާ އިސްލާމްދީން ދޫކޮށްލާފައިވާކަން ހާމަކޮށްފައިވާ ކަމަށްވެސް ޚަބަރުތައް ބުނެއެވެ. އަދި އޭނާ ހިމާޔަތް ހޯދަން އުޅެނީ އޭނާ ސައޫދީ އަރަބިއްޔާއަށް އަނބުރާ ގޮސްފިނަމަ ގަތުލުކުރާނެކަން ޔަގީންވާތީ ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ. ކެނެޑާއިން އޭނާއަށް ހިމާޔަތްދިނީ ގައުމަށް ގޮސްފިނަމަ އޭނާގެ ފުރާނައަށް ނުރައްކާވެދާނެތީ ކަމަށް ވެއެވެ.

"އޭނާ ކެނެޑާ އިޚްތިޔާރުކުން އެއީ އޭނާގެ އަމިއްލަ ނިންމުމެއް." ތައިލޭންޑުގެ އިމިގްރޭޝަންގެ ވެރިޔާ ސުރަޗޭތު ހަކްޕާން ވިދާޅުވިއެވެ. އޭނާ އިތުރަށް ހާމަކުރެއްވި ގޮތުގައި ރަހަފް އަލްޤަނޫނު ފުރިއިރު ތައިލެންޑުގައި ހުންނަވާ ކެނެޑާގެ ސަފީރު އެއާޕޯޓަށް ވަޑައިގެން ހުންނެވިއެވެ.

ރަހަފް އަލްޤަނޫނަކީ ސައޫދީ އަރަބިއްޔާގެ ހާއިލް ސަރަހައްދުގެ އައްސުލައިމީގެ ގަވަރުނަރު މުޙައްމަދު އަލްޤަނޫނުގެ ކުއްޖެކެވެ. އަލްޤަނޫނު ވަނީ އާއިލާއިން އޭނާއަށް އަނިޔާކުރި ވާހަކަ ދޮގުކުރައްވާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.