ސިނަމާލެ ބްރިޖުން ދަތުރުކުރާއިރު ހެލްމެޓް އަޅަންޖެހޭ ގޮތަށް ޓްރާންސްޕޯޓު އޮތޯރިޓީން ނިންމަވައިފިއެވެ.
ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން މިނިސްޓަރ ޢާއިޝަތު ނަހުލާ ވިދާޅުވީ ސިނަމާލެ ބްރިޖުން ދަތުރުކުރާއިރު ހެލްމެޓުއަޅަންޖެހޭނީ މާރިޗު 10 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. އެދުވަހުން ފެށިގެން ހެލްމެޓު އެޅުން މަޖުބޫރުވާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. ސިނަމާލެ ބްރިޖުގައި ދަތުރުކުރާއިރު ހެލްމެޓު އަޅަން މަޖުބޫރުކުރީ އެތަނުގައި އެކްސިޑެންޓް ހިނގާ މިންވަރު އިތުރުވެ އެތައް ބަޔަކަށް އަނިޔާވަމުންދާތީ އާންމުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައެވެ.
ހެލްމެޓު އަޅާ ގޮތަށް ނިންމުމުގެ އިތުރަށް ޓެކްސީތަކުގައި މީޓަރު ހަރުކުރާ ގޮތަށް ވެސް ވަނީ ނިންމަވައިފައެވެ. އެގޮތަށް ނިންމެވީ ޓެކްސީތަކުން ބްރިޖު ހުރަސްކޮށް ކުރާ ދަތުރުން ނަގާ އަގާމެދު ޑްރައިވަރުންނާއި އާންމުގެ މެދުގައި ޚިޔާލު ތަފާތުވުން އުފެދިފައިވަނިކޮށް އެކަމަށް މަޝްވަރާ ކުރުމަށް ފޯރަމެއް ބޭއްވުމަށްފަހުގައެވެ. ޓެކްސީ ތަކުގައި މީޓަރު ބެހެއްޓުމުން މައްސަލަ ޙައްލުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީޓަރު ހަރުކުރިޔަސް އަގުބޮޑު ނުވާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
މާލެ އާއި ހުޅުލެ އަދި ހުޅުލެ އަށް ބްރިޖު ހުރަސްކޮށް ކުރާ ދަތުރުގެ އަގަކީ 40 ރުފިޔާއެވެ. އެހެންނަމަވެސް ޑަރައިވަރުން ބުނަނީ އެއަގު ކުޑަ ކަމަށެވެ. އެހެންވެ ބައެއް ޑްރައިވަރުން ދަތުރަކަށް 100 ރުފިޔާ ނަގައެވެ.