ދީނަށް ފާޑުކިޔާ މީހުންނާއި މުދަލަށް ގެއްލުންދޭނެ ކަމުގެ އިންޒާރުދޭ މީހުންނާމެދު ފިޔަވަޅު އަޅަނީ

އިސްލާމް ދީނަށް ފާޑުކިޔައި، ދީނީ ޝިއާރުތަކާއި އުސޫލުތަކަށް ފާޑުކިޔާ ފަރާތަކުގެ އިތުރުން އެފަދަ ކަންކަމާއި ގުޅިގެން ވަކިވަކި މީހުންގެ މުދަލާއި ނަފުސަށް ގެއްލުންދޭނެ ކަމަށްބުނެ އިންޒާރުދޭ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފަހަކަށް އައިސް މީސްމީޑިޔާ މެދުވެރިކޮށް އެފަދަ ކަންކަން ކުރާ މީހުން އިތުރުވެފައިވާކަން ފާހަގަ ކުރެވޭ ކަމަށާއި އެހެންކަމުން އެފަދަ ކަމަކާއި ގުޅިގެން އެއްވެސް މީހަކަށް މީސްމީޑިޔާގެ ތެރެއިން ނުވަތަ އެހެން ގޮތަކުން ވިޔަސް އިންޒާރެއް ލިބިފައިވާނަމަ އެކަން ފުލުހުންނަށް ހުށަހެޅުމުން އެކަން ބަލާނެ ކަމަށެވެ.

ފުލުހުން ބުނީ މީސް މީޑިޔާ ބޭނުންކުރާ ހުރިހާ މީހުންވެސް ރައްޔިތުންގެ މަސްލަހަތާއި އަމާން އަމާންކަމާއި ގައުމީ އެއްބައިވަންތަކަން ދެމެހެއްޓުމަށް އަދި އެހެން މީހުންގެ އިޙްސާސްތަކާއި މުޖުތަމައުގެ މަސްލަހަތު ތަކަށް އިޙްތިރާމް ކުރުމުގެ ސަގާފަތެއް ދެމެހެއްޓުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ފުލުހުން ބުނީ ފަހަކަށް އައިސް މީސް މީޑިޔާގައި އުޅޭ ބަޔެއް ފަރާތްތަކުން ގައުމީ އެއްބައިވަންތަކަމާއި މަސްލަޙަތު ނަގާލެވޭ ގޮތަށް ބަސް މަގު ހުންނަ ކަމަށާއި އަދި އެފަދަ ބަޔެއް މުއާމަލާތްތަކަށް ރައްދު ދިނުމުގެ ގޮތުން އަނިޔާވެރިކަމާއި ނަފުރަތު އުފެއްދުމަށް ހިތްވަރު ލިބޭގޮތަށް ބަސްމަގު ބޭނުންކުރާކަންވެސް ފުލުހުންނަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ފުލުހުންގެ ބަޔާނުގައި ބުނެފައި ވަނީ އެފަދަ ކަންކަން ފާހަގަ ކުރެވުމާއެކު އެފަދަ ބަޔެއް މީހުންނާ ފުލުހުން ބައްދަލުކޮށް އެފަދަ އަމަލުތައް ނުހިންގުމަށް ނަސޭހަތްތެރި ވެފައިވާނެ ކަމަށެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.