މައިގަނޑު މައުލޫމާތު: bloomberg.com
އިންސާނީ ދަރިފަސްކޮޅު މިދުނިޔޭގައި ދެމެހެއްޓުމުގެ ޒިންމާ އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާތީ، އެކަން ފަހިކޮށްދިނުމުގެ ގޮތުން އަޅުގަނޑުމެންގެ ކިބައިގައި ބައެއް ސިފަސިފަ އަށަގަންނުވާފައި ވެއެވެ. ވީ އެންމެ ގިނަދުވަހަކު ދުނިޔޭގައި ހުރުމުގެ ލޯބި ނުވަތް މިދުނިޔޭގައި ގިނަދުވަހު ހުންނަ ހިތްވުމަކީ މިދެންނެވި ސިފަތަކުގެ ތެރެއިން އެއްސިފައެވެ. އަޅުގަނޑުމެންގެ ކިބައިގައި ދިމާ އިދިކޮޅު ސިފަތައްވެސް ހުރެއެވެ. އެކަކުވެސް އޭނާގެ އަނބިދަރީންނާއި އެއްބަޑު މީހުން މަރުވެ ނެތިދާތަން ދެކޭހިތެއް ނުވެއެވެ. ނަމަވެސް އާއިލާގެ އެންމެ އުމުރުދިގު މީހާކަމުގައިވާންވެސް ބޭނުންވެއެވެ!
ދުނިޔޭގެ ކޮންމެ ކަމަކަށްވެސް ކޮންމެވެސް މިންވަރެއްގެ އަގެއްވެސް ދައްކަން ޖެހެއެވެ. ނުވަތަ އެކި މިންވަރުގެ ގުރުބާނީ ވާންޖެހެއެވެ. މިގޮތުން އަޅުގަނޑުމެންގެ ތެރޭގައި އަމާންކަން ފެތުރި، ސިއްހީ ހޭލުންތެރިކަން އާންމުވެ، ބޭސްފަރުވާގެ ފެންވަރު ރަނގަޅުވުމުން އުމުރު ދިގުވެ މިދުނިޔޭގައި ނުވަދިހަ އަހަރު، ނުވަތަ ސަތޭކަ އަހަރު ދިރިހުރުމުގެ ނަސީބު އެބަލިބެއެވެ. އެކަމާ ގުޅިގެން އުފުލަންޖެހޭ ހިތްދަތިކަންކަންވެސް ތަހައްމަލު ކުރަން ޖެހެއެވެ. އުމުރުން ތިރީސް އަހަރުގައި މަރުވި މީހަކަށްވުރެ ތިންގުނަޔަށް ނުވަދިހަ އަހަރު ވެފައިވާ މީހަކަށް، ރަހުމަތްތެރިން ނެތިދާތަނާއި އާއިލާތެރޭގެ ތަފާތު ކަންތައް ފެނި ބަރުދާސްކުރަން ޖެހުން ވަރަށް ގާތެވެ.
ތަފާސްހިސާބުތަކުން ފެންނަގޮތުގައި ޖަޕާނުގެ އާބާދީގެ27.3% އަކީ އުމުރުން 65 އަހަރުން މަތީގެ މީހުންނެވެ. މިއީ އެމެރިކާގައި އެ އުމުރުފުރާގެ މީހުން ތިބި އަދަދުގެ ބަރާބަރު ދެގުނައެވެ. މިހާރު ޖަޕާނުގައި ސަލާމަތީ ކަންތައް ބަލަހައްޓާ ފަރާތްތަކަށް ފާހަގަ ކުރެވިގެން މިއުޅެނީ ކުރިން އެއްގޮތަކަށްވެސް ޚިޔާލަށް ގެނެވިފައިނުވާ ކަމެކެވެ! އެއީ އުމުރުން ދޮށީ މީހުންގެ ކުށްކުރުން އިތުރުވުމެވެ!
މި އުމުރުފުރާގެ ޝަކުވާ ފުލުހުންނަށް ލިބެނީ، އެހެން އެއްވެސް ބައެއްގެ މަތިން ޝަކުވާ ނުލިބޭ މިންވަރަށެވެ. އެންމެ ގިނައީ އުމުރުން ދޮށީ އަންހެނުން، ( ކޮންމެ އާބާދީއެއްގައިވެސް އަންހެނުންގެ އުމުރު ދިގެވެ) ކުދިކުދި ކޫސަނި ތަކެތި ވަގަށްނަގައިގެން ފުލުހުންނަށް ހުށަހެޅޭ މައްސަލަތަކެވެ. ޖަޕާނު ޖަލުތަކުގައި ކޮންމެ ފަސްއަންހެނުންގެ ތެރެއިން އެކަކީ އުމުރުން ދޮށީ، އިސްރަށްވެހިންނޭ މިކިޔޭ އުމުރުގެ މީހުންނެވެ. ކުރަނީ ވައްކަމެވެ. ފިހާރަފިހާރައިން އަގުހެޔޮ ކޮންމެވެސް އެއްޗެއް ވަގައްނަގަނީއެވެ. އަންހެން ގައިދީންގެ 10 މީހުންގެ ތެރެއިން 9 މީހުންނަކީ މިފަދަ ކަންކަމުގެ ކުށް ސާބިތުވެގެން ޖަލަށްލެވިފައިވާ އުމުރުން ދޮށީ މީހުންނެވެ!
ޒުވާން އުމުރުގައްޔާއި ހަރު އުމުރުގައި ނުހަނު އަބުއި އިއްޒަތްތެރި ރީތި ދިރިއުޅުމެއް އުޅެފައި އުމުރުން ދޮށީވުމުން މި އުމުރުފުރާގެ މީހުންނަށް މިހާރު މިއަންނަނީ ކޮންފަދަ ބަދަލެއްބާއެވެ؟ އިހުގައި އުމުރުން ދޮށީ މީހުންނަށް އަޅައިލުމަކީ އާއިލާގެ ތެރެއިން ހަމަޖެހިފައިހުންނަ ކަމެކެވެ. ނުވަތަ އެމީހަކު ދިރިއުޅޭ އަވަށް ނުވަތަ ވިލިން އިންތިޒާމުކުރާ ކަމެކެވެ. ސިއްހީ ފަރުވާ ކުރިއެރުމާއި ހޭލުންތެރިކަން އިތުރުވުމުން މީހުންގެ އުމުރު ދިގުވާންފެށުމުން، 1980 އިން 2015 އަށް ވެރިރަށް ޓޯކިޔޯގައި އަޅައިލާނެ އެހެން މީހަކު ނެތި އެކަނި ދިރިއުޅޭ އިސްރަށްވެހީންގެ އަދަދު ހަ މިލިޔަނަށް އިތުރުވެއްޖެކަމަށް ބޯހިމެނުމުގެ ހިސާބުތަކުން ދައްކައެވެ.
ޓޯކިޔޯގެ ސަރަހައްދީ އިދާރާތަކުން ކުރި ދިރާސާއިން ހާމަވީ އިސްވެ ދެންނެވުނު ކޫސަނި ވައްކަމުގެ ސަބަބުން ޖަލަށް ލެވުނު މީހުންގެ އިންސައްތައިން 40 އަކީ އެކަނިމާއެކަނި ދިރިއުޅޭ އަންހެނުންނެވެ. މިއީ އަނގައިން ބުނާނެ ގާތްތިމާގެ މީހަކުނެތް ނުވަތަ މަދުންނޫނީ އާއިލާއިން ގުޅައި ހާލުބަލައިނުލާ މީހުންނެވެ! އެހީއަކަށް ބޭނުންޖެހޭ ހިނދު ކަމަކު ކިޔާނެ ޔާރެއް ނެތް މީހުންނެވެ!
ހީރޯޝީމާ ސަހަރުގެ އަންހެނުންގެ ޖަލެއްގެ އިސް ޖަލުބަނޑޭރިއެއްގެ ވަޒީފާއަދާކުރައްވާ، ޔޫމި މުރަނާކާ އުމުރުން ދޮށީ އަންހެން ގައިދީންނާ ބެހޭގޮތުން ވިދާޅުވާގޮތުގައި "އެމީހުން ނިދައިލާން ދާނެ ގެއެއް ހުރެދާނެއެވެ. އެގޭގައި ދަރިއަކު ނުވަތަ ދަރިއަކާއި މާމަދަރިޔަކު އުޅުންވެސް އެކަށީގެންވެއެވެ! ނަމަވެސް އެއީ އެމީހުން "އަމިއްލަ ގެއޭ" ހިތަށް އަރާނެ އެއްވެސް އުފަލެއް އެގެއިން އިހްސާސު ނުކުރެވެނީއެވެ. އެމީހުންނަށް ހަމްދަރުދީވާނެ ދަރިޔަކު ނުވަތަ މާމަ ދަރިޔަކު ނެތީއެވެ. މާމަ ދަރިޔަކު ހުރިނަމަ ގިނަފަހަރު ވާގޮތަކީ އެކުދިން އުޅެނީ ފިޅާވަޅު ދަސްކުރުމާއި ކޮންޕިޔުޓަރު ކުރިމަތީގައެވެ. އެކުދިން ގޭގައި އުޅޭކަމުގެ އުފަލެއް މާމައަށް ނުވަތަ ކާފަޔަށް ނުލިބެނީއެވެ. އެމީހުން ލައްވައި ކޮންމެވެސް މަސައްކަތެއް ކުރުވުމުގެ އިތުރުން ދެން އެހެން ގުޅުމެއް ނެތީއެވެ. ހީނ ސަމާސާ ކޮށްލައި އިރުކޮޅަކު ވާހަކަ ދައްކައިލާނެ އަނގައެއް، އަޑުއަހައިލާނެ ކަންފަތެއް އެގޭގޭގައި ނެތީއެވެ!"
މިހެން އެކަނިވެރިވެ ހިތްދަތިވެގެން އުޅުމުގެ ބަދަލުގައި ޖަލުވެސް މާ ރަނގަޅުކަމަށް ދެކިގެން ކޮންމެވެސް ކުށެއްކޮށްގެން ޖަލަށް ވަންނަ އުމުރުން ދޮށީމީހުން އިސްލާހުކޮށް މުޖުތަމައަށް އަނބުރާ ގެންނަން ދެވޭނެ ރުޖޫއީފަރުވާއެއް، ސަރުކާރުންވެސް މަދަނީ ޖަމިއްޔާތަކުންވެސް ފަށައިފައެއް ނެތެވެ. އަދި އުމުރާއި ބަލިހާލަތުގެ ގޮތުން މިފުރާގެ މީހުން ޖަލުގައި ގެންގުޅުމުގެ ތަކުލީފުވެސް ހައްތާވަނީ ބޮޑެވެ. 2015 ވަނަ އަހަރު، ޖަޕާނުގެ ޖަލުތަކުގައި ތިބި އުމުރުން ދޮށީ މީހުން ބެލެހެއްޓުމުގެ ޖުމުލަ ޚަރަދަށް 50 މިލިޔަން އެމެރިކާ ޑޮލަރު ހޭދަވިކަމަށް ހިސާބުތަކުން ދައްކައެވެ. އެއީ މީގެ 10 ވަރަކަށް އަހަރު ކުރީގެ ޚަރަދުގެ ސައްތައިން 80 އިތުރުވެފައެވެ. ދުވާލު މިދެންނެވި އިސް ރަށްވެހީންނަށް ހޭހަން ކުރަން އިޖުތިމާއީ މަސައްކަތްތެރިން އުޅުނު ނަމަވެސް ރޭގަނޑުގައި އެ ޒިންމާ އުފުލަން ޖެހެނީ ޖަލު ބަލަހައްޓާ މީހުންނަށެވެ.
ޖަޕާނުގައި ޖަލުބަލަހައްޓަވާ ބައެއް އޮފިޝަލުން ބުނުއްވާގޮތުގައި، އޭނާ މިހާރު ކުރައްވާ މަސައްކަތުގެ ތެރެޔަށް، މުސްކުޅިން ބަލަހައްޓާ ތަންތަނުގެ ނަރުހުން އަދާކުރާ ވަޒީފާވެސް ހިމެނިއްޖެއެވެ. މީގެ ތެރޭގައި އުމުރުން ދޮށީ ގައިދީންގެ ހާޖިވެރިކަމުދެވިފައިވާ އަންނައުނު ދޮވެދިނުން ހިމެނެއެވެ. މިހެންވެ ޖަލު ބެލެހެއްޓުމުގައި އުޅޭ ގިނަ ބަނޑޭރިން ދެތިން އަހަރު ވަޒީފާގައި އުޅެލާފައި މިހާރު މި ކުރަންޖެހޭ މަސައްކަތުގެ ގޮތުން، އެހެން ވަޒީފާއަކަށް ބަދަލުވެއެވެ.
ތަކުރާރުކޮށް ކުށްކުރާ މިފުރައިގެ މީހުންނަށް ނަފުސާނީ ގޮތުން ރުޖޫއީ ފަރުވާދެވި އަލުން އިސްލާހުކޮށް އަނބުރާ މުޖުތަމައުތެރެއަށް ފޮނުވަން ޖަޕާނުގެ ބަރުލަމާނުން ގާނޫނެއް ފާސްކޮށްފައިވެއެވެ. ނަމަވެސް ހިތާމަޔަކީ، އެމީހުން އެ ދޮށީ އުމުރުގައި ޖަލަށް ވަންނަން ޖެހޭ ސަބަބު ނައްތައިލެވޭނެ ގޮތެއް އަދި ހަމަޖެހިފައި ނެތުމެވެ. ދެތިން މީހަކަށް އަވަސް ކަޅިއަކުން ބަލައިލަމާތޯއެވެ.
އުމުރުން 89 އަހަރުގެ މިސިޒް އެފް:
ވަގަށްނެގީ، ކުޑަ ހަނޑޫ ޕެކެޓެކާއި މަދު ސްޓްރޯބެރީ މޭވާކޮޅެއް އަދި ރޯގާއަށް ޕެނަޑޯލް ފަދަ ބޭހެކެވެ. މިއީ ޖަލަށް ލެވޭ ދެވަނަ ފަހަރެވެ. ޖަލަށް ލެވުނު މުއްދަތަކީ ދޮޅު އަހަރެވެ. އުފަން ދަރިޔަކާއި މާމަ ދަރިޔަކު ލިބިފައިވެއެވެ. " އަހަރެން މިހާރު ދިރިއުޅެނީ ލިބޭ ޕެންޝަން ފައިސާއިން. ރައްކާކޮށްފައިހުރި ހުރިހައި ފައިސާއެއް ހުސްވީ އަނިޔާވެރި ދަނބިދަރިޔެއްގެ ނުލަފާކަމުން!"
އުމުރުން 67 އަހަރުގެ މިސިޒް އޭ:
ވަގަށްނެގީ އަންނައުނެވެ. ޖަލަށް ލެވުނީ އަލަށެވެ. ދެއަހަރާއި ތިންމަހަށެވެ. ފިރިޔަކާއި ދެ ފިރިހެންދަރިންނާއި މާމަދަރިން އެބަތިއްބެވެ.
މިސިޒް އޭ ކިޔައިދޭގޮތުގައި: " ވިއްސަކަށް ފަހަރު ފިހާރަފިހާރައިން ކުދިކުދި ކޫސަނި ވައްކަން ކޮށްފައިވާނެ. ނެގީ މުޅިންވެސް އަންނައުނު. އަގުބޮޑު ތަކެއްޗެއް ނުނަގަން. ގިނަވާނީ "ސޭލް" އަޅުވާފައި ހުރި ތަކެތި. ޖަލުގައި ހުންނައިރު އަހަރެންގެ ފިރިމީހާގެ ސިޓީ ލިބޭ. ދެދަރިން ތިބީ ވަރަށް ރުޅިއައިސްފައި. މާމަދަރިންނަށް ހީވެފައިވަނީ އަހަރެން އޮތީ ކޮންމެވެސް ހޮސްޕިޓަލެއްގައިކަމަށް."
އުމުރުން 80 އަހަރުގެ މިސިޒް ޓީ:
ވަގަށްނެގީ ދޮންބިސްކޮޅެކެވެ. ކޮންމެވެސް ބާވަތެއްގެ އޮއްކޮޅަކާއި ބިސްގަނޑު އަޅާޒާތުގެ ތަވައެކެވެ. މިއީ ޖަލަށްލެވޭ 4 ވަނަ ފަހަރެވެ. މުއްދަތަކީ ދެއަހަރާއި ހަމަސްދުވަހެވެ. ފިރިޔަކާއި ދެދަރިން އެބަތިއްބެވެ.
"ޅައުމުރުގައި ވައްކަމެއް ކުރަން ހިތަށްވެސް ނާރާ. އަބަދުވެސް ހިތުގައި އޮންނަނީ ގަދައަޅައި މަސައްކަތްކުރަން. ރަބަރުން ތަކެތި އުފައްދާ ކާރުޚާނާއެއްގައި ވިހިއަހަރު މަސައްކަތް ކުރިން. އެއަށްފަހު ހޮސްޕިޓަލެއްގައިވެސް މަސައްކަތް ކުރިން. އެއްވެސް ދުވަސްވަރެއްގައި އަޅުގަނޑުމެންނަކީ އަތްމަތި ތަނަވަސް ދެމަފިރިންނެއްނޫން! ނަމަވެސް، އެހާލުގައިވެސް ފިރިހެންދަރިފުޅަށް ޔުނިވަރސިޓީ ތައުލީމު ހޯދައިދިނިން!"
"ވާގިނެތޭ ބަލިޖެހިފައި އަޅުގަނޑުގެ ފިރިމީހާ އެނދެއްގައި އުޑުތިލަމަތިން އޮންނަތާ މިހާރު ހައެއްކަ އަހަރު ވެއްޖެ. އަދި މިހާރު އޭނާއަކީ ހަނދާންނެތޭ ބަލިވެސް ޖެހި އެންމެ ގާތްމީހުންވެސް ވަކިނުކުރެވޭ މީހެއް. އަހަރެންގެވެސް އުމުރު ދޮށީކަމުން މިހައި ބަލިމީހަކަށް ދުވާލު ހަތަރުދަމު އަޅައިލައި ހޭހަންކުރުމަކީ އުފުލޭވަރަށްވުރެ ބުރަކަމަކަށް ވެއްޖެ. ކިތަންމެ ބުރަނަމަވެސް ލަދުން، އެއްވެސް މީހެއްގެ ގާތުގައި އެވާހަކަ ދައްކާކަށް ނުކެރުނު. ހަގީގަތުގައި، އަޑުއަހައިލާނެ މީހަކުވެސް ނެތް."
" ކުށެއްކޮއްގެން އަހަރެން އެންމެ ފުރަތަމަ ޖަލަށްލީ، އުމުރުން 70 އަހަރު ވީފަހުން. ފިހާރަޔަކުން ކޮންމެވެސް އެއްޗެއް ސިއްރުން ނެގިއިރު އަތުގައި ފައިސާވެސް ހުރި. ނަމަވެސް އަމިއްލަ ހާލާއި މެދު ވިސްނާފައި ގެއަށް ދާން ބޭނުން ނުވީ. ޖަލަށްވަދެ ޖަލުބަނޑޭރީންގެ ބެލުމުގެ ދަށުގައި ހުރުން މާ ރަނގަޅުކަމަށް ވިސްނުނީ. މި ދޮށީ އުމުރުގައި އަދި އަހަންނަށްވުރެ މުސްކުޅި މީހަކަށް އަޅައިލުމުގެ ބަދަލުގައި ޖަލަށް ވަނުމުން، ޖަލުގައި އެމީހުން އަހަންނާއި އަޅައިލާނެތާ! ވީމާ އޮތީ ޖަލަށްވަނުން އެކަނި. އެހެންވެ، ޖަލަށް ވައްދާވަރުގެ ކޮންމެވެސް ކުޑަކަމެއް ކޮށްލީ!"
"މިހާރު މި ޖަލުގައި އަހަރެންގެ ދިރިއުޅުން މާފަސޭހަ. ހަމަނޭވާލެވޭ. ވަގުތީގޮތުން ނަމަވެސް މިގޮތް މާރަނގަޅު. އަހަރެންގެ ފިރިހެން ދަރިފުޅު ބުނާގޮތުގައި އަހަންނަކީ މިހާރު ހަމަ މީހެއްނޫން. ސިކުނޑީގައި އުނިކަމެއް ހުރިމީހެއް. އޭނާ އެބުނާ އެއްޗެއް އަހަންނަކަށް ގަބޫލެއްނުކުރެވޭ. ވައްކަން ކުރެވުނީ އުފުލަންޖެހިފައިއޮތް ޒިންމާގެ ބުރަކަމުން ކަމުގައި ގަބޫލުކުރަން. މި ޖަލަށް ގެނެސްފައިވެސް އެންމެ ފުރަތަމަ ވާހަކަދެއްކި އޮފިސަރުވެސް އަހަންނާ މުއާމަލާތު ކުރީ ވަރަށް ހިތްހެޔޮކަމާއެކީގައި. އަހަރެން ދެއްކި ހުރިހާ ވާހަކައެއް ކަނުލައި އަޑުއެހި. އެންމެ ފަހަރަކުވެސް އަހަރެން ވާހަކަ ދައްކަދައްކައި ހުއްޓައި މެދުކަނޑައެއްނުލާ. މިއީ އަހަރެން ދެއްކި ވާހަކައެއް ފަހަކަށް އައިސް، މީހަކު އަޑުއެހި ފުރަތަމަ ފަހަރު. އަހަރެންގެ ވާހަކަ ނިމެންދެން އަޑުއަހާފައި އެ ހިތްހެޔޮ އޮފިސަރު ބުނުއްވީ : "އުޅެން ޖެހިފައި ހުރީ ވަރަށް އެކަނިވެރި ހާލެއްގައިކަން ގަބޫލުކުރަން. ނަމަވެސް ދެން ވައްކަން ކޮށްގެން ނުވާނެ!"
"މިހާރު އަހަންނާ ހަވާލުކުރެވިފައިވާ މަސައްކަތަކީ ޖަލުގައި ހުރި ކާރުޚާނާއެއްގައި މަސައްކަތްކުރުން. މީގެ ދެތިން ދުވަސްކުރިން މަސައްކަތުގައި އަހަރެންގެ ފަރުވާ ބަހައްޓާ މިންވަރު ފާހަގަކޮށް އިސްމީހަކު ތައުރީފުގެ ބަހެއް ބުނުމުން ވަރަށް އުފާވި! “
ބައެއްގެ ތަހުޒީބާއި ތަރައްގީއަށް އަނެއްބަޔަކު ދަހިވެތިވެފައިވާއިރު، އަޅުގަނޑުމެން ދެކެން ބޭނުންނުވާ ކަންކަންވެސް އެފަދަ ތަރައްގީގައި ފޮރުވިފައި އެބަވެއެވެ. އަޅުގަނޑުމެން ދިވެހީންގެ ދޮށީ މީހުނަށް، މިހާރު މިފަދަ ވަރަށް ދެރަކަމެއް ފެށިގެން އެބަދެއެވެ. އެއްކަމަކީ ދަރީންގެ ދަރިން ކާފަ އާއި މާމައާ ވާހަކަދައްކައި ހިތްހެޔޮކޮން އަނގައިބުނެ އުޅޭހިތް ނުވުމެވެ. އަނެއްކަމަކީ އެކުދިން އިނގިރޭސިބަހަށް ފަރިތަކުރުވުމަށް ދެވުނު ސަމާލުކަމެއްގެ ސަބަބުން އުމުރުން ފަނަރަވަރަކަށް އަހަރުގެ ހަގު ކުދިންނަށް މިހާރު ދިވެހިބަހުން ވާހަކަ ދައްކައި އުޅޭހިތް ނުވުމެވެ. އެކުދިންގެ އަތްމަތީގައި ގެންގުޅޭ އަގުބޮޑު އިލެކްޓްރޯނިކް ވަސީލަތްތަކުން އެކުދިން މިވަގުތު ބޭނުން ހުރިހާކަމެއް ވެއެވެ. މާމަމެން ކާފަމެން ދައްކަން ބޭނުންވާ ވާހަކައަކަށް މާބޮޑު ޝައުގުވެރިކަމެއް ނުވެސް ނެތެވެ.
ހަނދާކުރުން މުހިންމީ، އަޅުގަނޑުމެންވެސް އުމުރުން ދޮށީވެ ކާފަ، މާމަ ކިޔާނެކަމެވެ. ޒަމާނުންސުރެ ހިތުގައި ހުރި ވާހަކަތަކާއި ފެނިފައިހުރި ކަންކަން ދަރީންގެ ދަރިންނަށް ކިޔައިދޭހިތް ވާނެކަމެވެ! އަޅުގަނޑުމެން ދައްކާ ވާހަކަ އަޑުއަހައިލާނެ ކަންފަތެއް ބޭނުންވާނެކަމެވެ. އިންސާނާގެ އެންމެ އަސާސީ އެއް ސިފައަކީ މިއެވެ. ވާހަކަ ދައްކާހިތްވުމެވެ. މުވާސަލާތު ކުރާން ޖެހުމެވެ. ފޭސްބުކް އެހާ ފުޅާވެ އެތައް ބިލިޔަން މީހުން ބައްދަލުވާ ދާދިވަރު ހޮޅުއަށްޓަކަށްވެ، އިންޓަނެޓު މިހާ ބިޔަ ވިޔުގަޔަކަށްވީ އެކަކު އަނެކަކަށް ބޭނުންޖެހިފައިވާލެއް ބޮޑުކަމުންނެވެ!
__________________
ދާދިވަރު: މާއްދީ ހަގީގަތެއް ނެތި ޑިޖިޓަލް (ސުމޭކު) ވަސީލަތުން ހަގީގަތެއްގެ ގޮތުގައި ނުވަތަ ހަގީގަތާ ވަރަށް ގާތް ގޮތުގައި ފެންނަ އެއްޗެއް، ތަނެއް.