އީރާނުގެ އަސްކަރީ މަނަވަރުތަކެއް އެޓްލާންޓިކް ކަނޑަށް ފޮނުވަނީ

ޑިސްޓްރޯޔާ އުޅަނދު 'ސަހަންދު'

އީރާނުގެ އަސްކަރީ ދައުރު ފުޅާކޮށް، އެމެރިކާއާއި ކައިރި ހިސާބެއްގައި އަސްކަރީ ބާރުތައް ބޭތިއްބުމުގެ ބޭނުމުގައި އަންނަ މާރިޗު މަހުގެ ތެރޭގައި އިރާނުގެ ކަނޑުގެ އަސްކަރިއްޔާގެ މަނުވަރުތަކެއް އެންޓްލާންޓިކް ކަނޑުގެ ހުޅަނގު ސަރަހައްދަށް ފޮނުވާނެ ކަމުގައި އިރާނުގެ އިސް އަސްކަރީ ކޮމާންޑަރަކު ވިދާޅުވެއްޖެއެވެ.

އެމެރިކާގެ އަސްކަރީ މަނަވަރުތައް ޕާޝިއަން ގަލްފުގައި އީރާނާ ކައިރި ހިސާބެއްގައި ތިބުމަކީ އީރާނުން ކަންބޮޑުވާ ކަމަކަށް ވާތީ، އީރާނުން ބޭނުން ވަނީ އޭގެ ބަދަލުގައި އީރާނުގެ އަސްކަރީ މަނަވަރުތައް އެމެރިކާއާއި ކައިރި ހިސާބެއްގައި ބޭތިއްބުމަށެވެ.

އީރާނުގެ ކަނޑުގެ ސިފައިންގެ ޑެޕިއުޓީ ކޮމާންޑަރު ވިދާޅު ވިގޮތުގައި އައު އަހަރުގެ ކުރީކޮޅު އީރާނުގެ ކަނޑުގެ އަސްކަރީ އުޅަނދުތަކުގެ ގާފިލާއެއް ހުޅަނގު އެޓްލާންޓިކަށް ދިއުމަށް ދަތުރުފަށާނެއެވެ. މާރިޗު މަހުން ފެށިގެން އީރާނުގެ އަސްކަރީ އުޅަނދުތައް ހުޅަނގު އެޓްލާންޓިކުގައި ހަރަކާތްތެރިވާނެއެވެ.

"އެޓްލާންޓކް ކަނޑު ވަރަށް ދުރު. އީރާނުގެ އަސްކަރީ އުޅަނދުތަކުގެ ގާފިލާއަށް އެ ސަރަހައްދުގައި ހަރަކާތްތެރިވުމަށް ފަސް މަސް ވަރު ނަގާފާނެ" އީރާނުގެ ރަސްމީ ނިއުސް އެޖެންސީ އިރްނާއަށް މައުލޫމާތު ދެއްވަމުން ރިޔަރ އެޑްމިރަލް ތޫރާޖް ހަސަނީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި ދާދި ފަހުން ޚިދުމަތަށް ނެރުނު ޑިސްޓްރޯޔާ އުޅަނދު 'ސަހަންދު' ވެސް އެ ސަރަހައްދަށް ފޮނުވާނެއެވެ. އެ އުޅަނދަކީ ހެލިކޮޕްޓަރު އުފުލާ، މަތިންދާބޯޓާއި، ކަނޑުގެ އުޅަނދުފަހަރަށް ހަމަލާދޭ ބޮޑުބަޑިއާއި، މިސައިލު ހަރުކޮށްފައިވާ، އިލެކްޓްރޯނިކް ހަނގުރާމައިގެ ގާބިލުކަން ލިބިފައިވާ އުޅަނދެކެވެ.

މިފަހަކަށް އައިސް އީރާނުން ވަނީ އެގައުމުގެ ކަނޑުގެ އަސްކަރިއްޔާގެ ހަރަކާތްތައް އިންޑިޔާ ކަނޑަށާއި، ގަލްފް އޮފް އަދަނަށްވެސް ފުޅާކޮށްފައެވެ.

"ބައިނަލް އަގްވާމީ ކަނޑުތަކުގައި ދެމިތިބެގެން އީރާނުގެ ކަނޑުގެ ބާރުތަކުން ބޭނުންވަނީ އަސްކަރީ ބާރުތަކުގެން އެންމެ މަތީ ވެރިޔާ (ދީނީ ޒައީމު އާޔަތުﷲ ޚާމަނައީ) ގެ އަމުރަށް ތަބައަވެ، އިސްލާމީ ޖުމްހޫރިއްޔާގެ ދިދަ ވިހުރުވައި، އީރާނުދެކެ ބިރުގަންނަ މީހުންގެ ރޭވުންތައް ނާކާމިޔާބުކޮށް، ކަނޑު ދަތުރުފަތުރުގެ މަގުތައް އަމާންކުރުން." ހަސަނީ ވިދާޅުވިއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.