ޒަމާންވީ ބަސްތައް ގޮނޑަށް އެއްލައިލާން ޖެހޭ ބާއެވެ؟

ގޭގައި މާ އިހުންސުރެ ހިފައި ގެންގުޅޭ އެއްޗެއް ބާވުމުން އަޅުގަނޑުމެން ދިވެހިން މިހާރު މި ކުރާކަމަކީ އެ ބާވި އެއްޗަކާއި އެކީގައި އޭގެ ނަންވެސް ގޮނޑަށް އެއްލައިލުމެވެ.

ސޯނާ ގަޑިއަކީ ދާދި ފަހަކާއި ޖެހެންދެން އަޅުގަނޑުމެނަށް ލައްކަ ހޭހަން ކޮށްދިން ވަފާތެރި، އެހައިމެ ނިދިމަޑު، ފިސާރި ހުޝިޔާރު އަދި މުރާލި ޚާދިމެކެވެ. ފަތިސް ނަމާދު ބަންގީގެ ފަސްމިނެޓު ކުރިން ނުވަތަ ދިހަ މިނެޓު ކުރިން ހޭލައްވައިދޭށޭ ބުނެ އަމުރު ކުރަންވީއެވެ! ކިތަންމެ ވިއްސާރަ ދުވަހެއްގައިވެސް ހަމަ ބޭނުންވެގެން ސޯނާ ކުރި ވަގުތަކަށް ސޯނާވާނެއެވެ. އަޅުގަނޑުމެން ދިވެހިން އައު ކަންތަކާއި އައު ފެޝަނާއި ފަހުގެ އީޖާދުތައް ބަލައިގަންނަލެއް އަވަސްކަމުން، ތަރައްގީގެ ދުވެލީގެ އެންމެ ހަލުވި މަގު މި އޮންނަނީ ދިވެހިރާއްޖޭގެ މެދުންބާއެވެ ހިތަށް އަރާވަރުވެއެވެ!
މިހާރު ސޯނާގަޑި ގަންނަން ބޭނުންވާނީ ކާކުހެއްޔެވެ؟ އެއްޗެއް ސޯނާ ކުރާކަށް ނުޖެހެއެވެ. އަތުގައި ތަތްލާފައި އޮންނަ މޮބައިލް ފޯނުގައި ” އަލާމް” ކުރެވެން ހުރެއެވެ. މަހަކު މިނެޓެއް ތަފާތު ނުވެ ކިތަންމެ ބަރާބަރަށް ހިނގިކަމުގައިވިޔަސް އެއްކަލަ ވަފާތެރި ސޯނާގަޑި މިހާރު އެހުރީ ކުށްވެރިވެފައެވެ! ތިން އަތުގައި ބިޑިއަޅުވާފައި ބިދޭސީހިޔާގައި މަޑުކުރަން ޖެހިފައެވެ! އެހެން ވާންޖެހުމުގެ ހަމައެކަނި ސަބަބަކީ، ރާއްޖޭގައި މަސައްކަތް ކުރުމަށް އޭނާގެ ނަމުގައި ދޫކުރެވިފައިވާ ހުއްދައިގެ ތާރީޚު ފަހަނަޅައި ދިޔުމެވެ. ‘ ދުވަސްހަމަވެފައި ‘ ވާކަން އެންމެންނަށް އެނގި ހާމަވާތީއެވެ! ބޭނުން ކެނޑިގެން އެއްލައިލާން ޖެހިފައިވާ ތަކެތީގެ ލިސްޓުގެ ހަމަ އެންމެ މަތީގައި ނަން އޮތުމުން ބޭނުން ކެނޑުނީއެވެ! މިއީ އަޅުގަނޑު މާ ކަންބޮޑުވާ ކަމެއްވެސް ނޫނެވެ. ދުނިޔެ ކުރިޔަށް އަރަމުން އައިސްފައިވަނީ ހަލުވި އެއްޗިއްސަށް ބުރަހެލި އުޅަނދު ތަންދީގެންނެވެ. ހުތުރު އެއްޗެތި އެއްފަރާތްކޮށް ރީތި ތަކެތި ޖާގަ ހޯދައިގެންނެވެ. އެކަތައިގެ ހަތިޔާރު ލަކުޑި ދުނިދަނޑި ފަހަތަށް ޖައްސާލައިގެންނެވެ. ޒުވާނުންނަށް މުސްކުޅިން މަގުފަހިކޮށްދީގެންނެވެ.

އަޅުގަނޑު ކަންބޮޑުވާ ސަބަބަކީ ސޯނާގަޑިޔާ އެކީގައި ” ސޯނާ ‘ ވެސް އެއްލައިލާންޖެހޭކަމަށް އަޅުގަނޑުމެނަށް ހީވާތީއެވެ! އެއްކަލަ ބުއްދިބޯ ސްމާޓްފޯނު ސޯނާއެއް ނުކުރެވޭނެތޯއެވެ! އައިފޯނާއި ސްމާޓް ފޯނުވެސް ސޯނާކޮށްގެން ބޭނުން ގަޑިޔަކަށް ހޭލައިގެން ބޭނުންތަނަކަށް ދާންވީ ނޫންތޯއެވެ. އަވައްޓެރި ގައުމެއްގައި އަންހެނަކަށް ވެރިކަން ލިބުނު ނަމަވެސް އެއީ އަޅުގަނޑުމެން ދިވެހިންގެ ބޮޑު ދައިތައެއް ނޫނެވެ! ރީތީގެ ރާނީ ކަމުގައި ކިތަންމެ ސަމައްތަރު ހެޔޮ ޒުވާނަކު އިސްކުރިނަމަވެސް އެއީ އަދި އަޅުގަނޑުމެންގެ ދަރިއެއް ނޫނެވެ! އަޅުގަނޑުމެން ދެކެ ލޯބިވާނީ އަޅުގަނޑުމެން އެންމެ ނިކަމެތިވި ދުވަސްވަރު އަޅައިލި ހިތްހެޔޮ އޯގާތެރި މީހުންނެވެ. އެމީހުން ކިތަންމެ މުސްކުޅިވިޔަސް އަޅުގަނޑުމެންގެ ހިތުގައި އެމީހުންނަށް ޖާގަ ލިބެންވާނެއެވެ. ތިރި އަށްޓެއްގައި ” ސޭލް” އަޅުވާފައި އަދި އިތުރަށް ލަދުގެންނެވުމުގެ ގޮތުން ” މުއްދަތު ހަމަވާ ތާރީޚު ” ކަރުގައި އަޅުވައިގެން ނުވާނެއެވެ!

އަޅުގަނޑުމެންގެ އެންމެ ނިކަމެތި ދުވަސްވަރު، މީގެ ފަންސާހަކަށް އަހަރު ކުރިން ކޮންމެ ރަށެއްގައި ބޭކެނބިދައިތައަކުވެސް ނުހުރެއެވެ. މާބަނޑު އަންހެނަކު ވިއްސަން ޖެހިއްޖެނަމަ، އެންމެ ކަޅުފޮއި ދުވަސްވަރުގެ ދަންވަރުގެ ކަނު އަނދިރީގައި ކުޑަ ބޮއްކުރައެއްގައި ފަލިޖަހާފައި ގޮސް ބޭކެނބިދައިތަ ގެންނަން ޖެހެނީ ކިތައް ރަށަށްތޯއެވެ! މިހާރު ވަރަށް ގިނަ ރަށްރަށުގައި ސިއްހީ މަރުކަޒު ހުރެފައި އެތަންތަނުގައި އަންހެނުންގެ ބަލިތަކަށް ޚާއްސަ ޑަކްޓަރުން އެބަތިއްބެވިއެވެ. މި އައި ހެޔޮ ބަދަލުގެ ސަބަބުން މިހާރު އުފަންވާ ވަރަށް ގިނަ ކުދިންގެ ފޫޅުމާމައަކީ ސަންފަދައިތައެއް ހައްވަދައިތައެއް ނޫނެވެ. ޑރ. އަވިލް ޕާންޑޭ އާއި ޑރ. އަނިލް ކުމާރާއި ޑރ. ހޯސޭ ޕަޓޭލްއެވެ! ވީމާ މި އައި ‘ ހެޔޮަ ‘ ބަދަލާއި އެކު ބޭކެނބި މީހާ އާއި ފޫޅުމައި މީހާ އަދާކުރި ބުރަ މަސައްކަތުގެ މަގާމާއި އެކީގައި އެ ދެ ސަގާފީ ނަންވެސް، އެކީގައި ކޭލި ޖަހާފައި ގޮނޑަށް އެއްލައިލާންވީތޯއެވެ؟

އަދި އެއްކަލަ ކަޅުފޮއި ރޭގައި ޗުއްޕުވެސް ނުބުނެ ދެކޮޅަށް ދުއްވަން ޖެހުނު ބޮއްކުރާގެ މަތިން އަޅުގަނޑު ހަނދާނެއް ނުނެތެއެވެ! ބޮއްކުރާވެސް އެހެލައި ބާލަން އުނދަގޫ އެއްޗަކަށް ވެއްޖެއެވެ. ދިޔަވާވަރުން ބޮޑު އުނދަގުލަކަށް ވެއްޖެއެވެ. ދޮޅަހަކަށް ހާސް ރުފިޔާ ރަށުގައި ހުރި ފިޔާރަޔަކަށް ދެއްކީމައި މާލޭގައި ވަޒީފާގައި ހުރި ދަރިފުޅަށް ބައިގަޑިއިރުގެ ތެރޭގައި ބާރަހާސް ރުފިޔާލިބި، ހަވީރު ފުރާ ރަށުބޯޓުން ޑިންގީއެއް ފޮނުވައިދެވެން އެބަ އޮތެވެ. މިކޮޅުން ޑިންގީ އޮޑިޔަށްލައި ނާލު ދައްކާފައި ދަރިފުޅު ވަރަށް އުފަލުން ބައްޕައަށް އޭނާގެ ހުޝިޔާރުކަން ދެއްކުމުގެ ގޮތުން ގުޅާލާފައި، ޑިންގީ އޮޑިޔަށްލައިފިކަން އަންގާނެތާއެވެ. އެ ” ކޯލް ‘ ހަމަ ނިންމާލާފައި ބައްޕަ އެންމެ އަވަހަށް ކުރާނެ ކަމަކީ ބޮއްކުރާ ގޮނޑަށް އެއްލައިލުމެވެ. އަދި ޑިންގީ އާއި އެކީގައި ދެ ޕެޑްލް ވެސް ފޮނުވި ވާހަކަ ބުނި ހަނދާން ހުރީތީ، ކުރިން ގެންގުޅުނު ދެ ފަލިވެސް ހަމަ އެއްވެސް ޖެހިލުމެއް ނެތި އެ އެއްލައިލީ ގޮނޑަށެވެ! މިހާރު ބޮއްކުރަޔާއި ފައްޔާއި މި ޚިދުމަތްތެރި ދެ ލަފްޒު އެއޮތީ ކުނިބުނިތެރޭގައި ގޮނޑުގައެވެ. ފެންނާނީ އަޅުގަނޑުކަހަލަ ދެތިން މަރުމޯލަކަށެވެ!

ކަރަންޓު ކީހާއި އެކީގައި އަތުކީސް ގެންގުޅޭތަން އަދިވެސް އެބަފެނެއެވެ. އަތުކީސް ގޮނޑަށް އެއްލައިލާކަށް ނުޖެހުނެވެ. ފަންނުވެރިންގެ ކޮންމެ މަސައްކަތަކީ މާ ބާރުމިނެއްގައި ކުރަންޖެހޭ ކަންކަމެއް ނޫނެވެ. ކަރަންޓު ބުރުމާގެ އިސްޕީޑު ކިތަންމެ ބާރުނަމަވެސް ބައެއް ކަންތައް ކޮށްލަން އަދިވެސް ފަސޭހައީ ހަމަ އަތުބުރުމާއެވެ. މި ދެންނެވި ދެ މިސާލުގައިވެސް އަޅުގަނޑުމެން މި ކުރިކަމަކީ ނަމުގެ ކުރިޔަށް، އިތުރު ފުރިހަމަކަމެއް ދައްކައިދޭ ނަންއިތުރެއް ގުޅައިލުމެވެ. މުޅިނަން ބަދަލުކޮށްނުލައެވެ. ވީމާ ލޮލަށް ނުފެނުނުނަމަވެސް ގޮނޑަށް އެއްލައިލެވޭ ލަފުޒު މަދުކުރެވޭތޯ އަޅުގަނޑުމެން އެންމެން މަސައްކަތް ކުރާން އެބަޖެހެއެވެ! ފެންނަމީހުން މަދުނަމަވެސް ގޮނޑުން ރީތި ލަފުޒުތައް ފެނުމަކީ ފެންނަ މަދުބަޔަކު ވަރަށް ހިތްދަތިވާކަމެކެވެ!

އަޙްމަދު ސަމީރު ޢަލީ
އަޙްމަދު ސަމީރު ޢަލީއަކީ މި ޒަމާނުގެ ލިޔުންތެރީންގެ ތެރެއިން ފާހަގަ ކޮށްލެވޭ މޮޅު ލިޔުންތެރިއެކެވެ. ޢިލްމީ ލިޔުންތަކާއި، އުފެއްދުންތެރި ލިޔުންތައް ލިޔުއްވުމުގައި ފުންނާބު އުސް ލިޔުންތެރިއެކެވެ. އޭނާގެ ލިޔުންތައް ކިޔައިލާން ފަސޭހަ ވެފައި ޢިބާރާތްތައް ނަލައެވެ. ފަށުއި އެމުނުމެއް ހުރެއެވެ. ލިޔުމުގެ ތެރެއަށް ކިޔުންތެރިޔާ ދަމައިގަންނަ ގޮތެއް ހުރެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.