ވޭސްޓް މެނޭޖުމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން ޚިދުމަތް ހޯއްދެވުމަށްފަހު ދައްކަންޖެހޭ ފައިސާ ޢާއްމު ރައްޔިތުންގެ އިތުރަށް ބޮޑެތި ކުންފުނިތަކާއި ދައުލަތުގެ މުޢައްސާސާ ތަކުންވެސް ނުދައްކައި އެބަހުރި ކަމަށް ވެމްކޯއިން ވިދާޅުވެއްޖެއެވެ.
ވެމްކޯގެ މެނޭޖިންޑިރެކްޓަރ އާދަމް މުޙައްމަދު ވިދާޅުވީ މިހާތަނަށް ބެލިބެލުމުން ކުންފުންޏަށް ލިބެންވާ ފައިސާގެތެރެއިން ދެބައިކުޅަ އެއްބައި ނުދައްކައި އެބަހުރި ކަމަށެވެ. ކޮންމެ ފަހަރަކު ކުންފުނިން ގުޅާފައި ހަނދާންކޮށް ދިނުމުގެ ބަދަލުގައި އެފައިސާ މަހުންމަހަށް ދެއްކުމަކީ ކުންފުނި ހިންދެމިލަން ލިބޭނެ ބާރަކަށްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ލިބިފައިހުރި ހިސާބުތަކަށް ބަލާއިރުގައި މިފެންނަނީ ގާތްގަނޑަކަށް ހަމައެކަނި ރައްޔިތުންނެއްނޫން، ބޮޑެތި ކުންފުނިތަކާއި ދައުލަތުގެ މުޢައްސަސާތައްވެސް މިކުންފުންޏަށް ދައްކަންޖެހޭ ފައިސާތަ އެބަހުރި. ގާތްގަނޑަށް ދެބައިކުޅަ އެއްބައި މިއޮންނަނީ އަޅުގަނޑުމެންނަށް ދައްކަވަންޖެހޭ ފަރާތްތަކުން ނުދެއްވައި. އޭގެ ތެރޭގައި ޕަބްލިކް ކުންފުނިތައްވެސް ޕްރައިވެޓް ކުންފުނިތައްވެސް ހިމެނޭ،" އާދަމް މުޙައްމަދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ބައެއް ކުންފުނިތަކާއެކު ވެމްކޯއިން ހަދައިފައިވާ އެގްރީމެމްޓާ އެއްގޮތަށް އެކަން ނުހިނގާ ކަމަށެވެ. އެއީ ވެސް ޙައްލު ކުރަންޖެހިފައިވާ ކަމެއް ކަމަށް ވިދާޅުވިއެވެ. އެހެން ކަމުން ކުންފުންޏެއްގެ ގޮތުގައި ވެމްކޯ ހިންގާއިރު ވަރަށްބޮޑެތި މައްސަލަތައް ދިމާވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ހެދިފައިހުރި އެގްރީމެންޓްތަކާ އެއްގޮތަށް ބައެއްފަރާތްތަކަށް ކުރިއަށް ނުގެންދެވިފައި މިއޮތީ. ކުންފުންޏެއްގެ ގޮތުގައި އޮޕަރޭޓު ކުރާއިރު ވަރަށް ބޮޑެތި ދަތިތަކާ އުދަގޫތައް އެބަދިމާވޭ އެހެންވެ،" އާދަމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިއީ އެންމެންގެ އެހީތެރިކަމާއެކު ޙައްލުކުރަންޖެހޭ ބޮޑެތި މައްސަލަތައް ކަމަށެވެ. އެކަންކަން އެގޮތަށްއޮތްކަމަށް ވިޔަސް "އިރާދަކުރެއްވިއްޔާ މީގެ ތެރެއިން އަރައިގަނެވި ހައެއްކަ މަސްދުވަސްތެރޭގައި ރައްޔިތުންނަށް ޤަބޫލުކުރެވޭ ފެންވަރަކަށް މިޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދެވޭނެ،" ކަމަށް އާދަމް މުޙައްމަދު ވިދާޅުވިއެވެ.