
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރަށާއި، ކުޑަދޫ އައިލެންޑް ރިޒޯޓަށާއި، މިލަދުންމަޑުލު ދެކުނުބުރީ ހެނބަދުއަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ދުވާފަރަށް ވަޑައިގެން އެރަށުގައި އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ބާއްވަވާ ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ. އަދި ކުޑަދޫ އައިލެންޑް ރިޒޯޓަށް ވަޑައިގެން އެރިޒޯޓް ރަސްމީކޮށް ހުޅުއްވައިދެއްވުމަށްވަނީ ހަމަޖެހިފައެވެ. އޭގެ އިތުރަށް ހެނބަދޫއަށް ވަޑައިގެން އެރަށުގެ ނަރުދަމާ ނިޒާމުގެ ޚިދުމަތް ފަށްޓަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ މާދަމާ މާލެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.