ރާއްޖޭގެ ތަރައްޤީއާ ބެހޭގޮތުން ޖަޕާނާއެކު ދިވެހިރާއްޖެއިން މަޝްވަރާ ކުރައްވައިފިއެވެ. މި މަޝްވަރާތައް ކުރައްވައިފައިވަނީ ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ޖަޕާނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެޤައުމުގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުތަކުގެ ތެރެއިންނެވެ.
މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރައްވައިފައިވަނީ ރާއްޖެ އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ތަރައްޤީކުރުމަށް ދެ ޤައުމު ގުޅިގެން ކުރެވިދާނެ ކަންކަމާބެހޭ ގޮތުންނެވެ.
ޖަޕާނަކީ ޒަމާނުއްސުރެ ރާއްޖޭގެ މަސްވެރިކަމާއި ތިމާވެށްޓާއި ތަޢުލީމީ ދާއިރާ ތަރައްޤީކުރުމަށާއި ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް އެހީތެރިކަން ފޯރުކޮށްދެއްވާ ޤައުމެކެވެ. އެކަމަށްޓަކައި މިނިސްޓަރ ޝާހިދު ވަނީ ޖަޕާނު ސަރުކާރަށާއި ވެރިންނަށް ޝުކުރު އަދާކުރައްވައިފައެވެ. އެމަނިކުފާނު ވިދާޅުވީ މި ދަތުރުފުޅަކީ ޖަޕާނާ ރާއްޖޭގެ ގުޅުމުގެ އައު ޞަފުހާތަކެއް ލިޔެވިގެންދިއުމުގެ ފެށުން ކަމަށެވެ.
ޢަބްދުﷲ ޝާހިދު ޖަޕާނުގެ ޚާރިޖީ ވަޒީރު ތާރޯ ކޯނޯ އާ ބައްދަލު ކުރެއްވީ ޓޯކިޔޯގައި މިއަދު އެވެ. ބައްދަލުވުން ބާއްވައިފައިވަނީ ޖަޕާނުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައެވެ. އެ ބައްދަލުވުމުގައި ތާރޯ ކޯނޯގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ޖަޕާނާ ރާއްޖޭގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގުޅުން އިތުރަށް ވަރުގަދަކޮށް ހަރުދަނާކުރުމަށް ޖަޕާނު ސަރުކާރުން މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ދެއްވައިފައި ކަމަށް ދިވެހި ޚާރިޖިއްޔާއިން ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމަކީ މިނިސްޓަރ ޝާހިދު މިމަހުގެ 19 އިން 24 އަށް ޖަޕާނުގެ ވެރިރަށް ޓޯކިއޯއަށް ކުރައްވަމުންގެންދަވާ ރަސްމީދަތުރުފުޅުގެ ތެރެއިން ބޭއްވެވި ބައްދަލު ވުމެކެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ޖަޕާނުގެ ތިމާވެއްޓާ ބެހޭ ވަޒީރު ޔޮޝިއަކީ އާ ވެސް ބައްދަލުކުރައްވައިފައެވެ. އޭގެ އިތުރަށް ޖަޕާނު ސަރުކާރުގެ އެހެނިހެން އިސް ވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިނިސްޓަރ ޝާހިދުގެ އަރިހުގައި މިނިސްޓަރ އޮފް ފިނޭންސް، އިބްރާހީމް އަމީރާއި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، އަލްއުސްތާޛް ފައްޔާޟް އިސްމާޢީލާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސްޓޭޓް މިނިސްޓަރ، އަޙްމަދު ޚަލީލް ބައިވެރިވެ ވަޑައިގަންނަވައެވެ.