އެމްޑީޕީގެ ޓިކެޓު ހޯދަން ޕްރައިމަރީއަށް ކުރިމަތިނުލަނީ ނިލަންދޫ ދާއިރާއިން އެކަނި

ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުޙަންމަދު ސޯލިޙަށް ތާއީދުކޮށް ނިލަންދޫ ދާއިރާގައި ހިމެނޭ ދަރަނބޫދޫ އެމްޑީޕީ ސަޕޯޓަރުންނާއި ކޯލިޝަނުގެ އެހެން ޕާޓީތަކުގެ ސަޕޯޓަރުން ބޭއްވި ހިނގާލުމެއްގެ ތެރެއިން

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ޓިކެޓު ހޯދުމަށް ޕްރައިމަރީއަށް ކުރިމަތި ލާފައި ނެތީ ނިލަންދޫ ދާއިރާއިން އެކަނި ކަމަށް އެޕާޓީން ބުނެފިއެވެ.

އެމްޑީޕީން ބުނީ ޕާޓީގެ ޓިކެޓު ހޯދުމަށް ޕްރައިމަރީގައި ވާދަކުރުމުގެ ފުރުޞަތު ހުޅުވާލުމުން މުއްދަތު ހަމަވީއިރު ނިލަންދޫ ދާއިރާ ނޫން ހުރިހާ ދާއިރާއަކުންވެސް މަދުވެގެން އެއް ކެންޑިޑޭޓް ނަމަވެސް ކުރިމަތި ލާފައިވާ ކަމަށެވެ. ނިލަންދޫ ދާއިރާގައި ހިމެނެނީ ނިލަންދޫ އާއި ދަރަނބޫދޫއެވެ. ޕީޕީއެމްގެ އަޣްލަބިއްޔަތު ބޮޑު އެދާއިރާއަށް އެންމެ ފަހުން އޮތް މަޖިލީހުގެ ދެއިންތިޚާބުގައިވެސް އެމްޑީޕީން ވަނީ ވާދަކޮށްފައެވެ. ނިލަންދޫ ދާއިރާ ނޫން އަނެއް 86 ދާއިރާއިން އެމްޑީޕީގެ ޓިކެޓު ކެންޑިޑޭޓުންނަށް ކަށަވަރު ވެގެންދާނެއެވެ.

އެމްޑީޕީން ބުނިގޮތުގައި 86 ދާއިރާގެ ތެރެއިން 10 ދާއިރާއަކަށް ކުރިމަތި ލާފައި ވަނީވެސް އެންމެ ކެންޑިޑޭޓެއް ކަމަށްވާތީ އެ 10 ބޭފުޅުންނަށް އޮޓަމެޓިކުން ޓިކެޓު ކަށަވަރުވާނެ ކަމަށެވެ. އެމްޑީޕީގެ ޕްރައިމަރީގައި އެންމެގިނަ ކެންޑިޑޭޓުން ވާދަކުރަނީ މާލޭގެ ގޮނޑިއެއް ކަމަށްވާ ވިލިމާލެ ދާއިރާއަށެވެ. އެދާއިރާއިން 9 ބޭފުޅަކު ޕްރައިމަރީގައި ވާދަކުރެއެވެ.

ޕްރައިމަރީއަށް ކުރިމަތި ލުމުގެ ފުރުޞަތު ބަންދުވީ އިއްޔެއެވެ. އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕޭނު މާލެ އާއި އަތޮޅު ތަކުގައިވެސް މިހާރު ކުރިޔަށް އެބަދެއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.