ޕާކިސްތާނުގެ ޤާނޫނީ ވަކީލު އަސްމާ ޖަހާންގީރް އަށް އ.ދ. ގެ ހިއުމަން ރައިޓްސް އެވޯޑް

އ.ދ ގެ އެންމެ ޝަރަފްވެރި އެއް އިނާމް، ޔޫ.އެން ހިއުމަން ރައިޓްސް އެވޯޑް، ޕާކިސްތާނުގެ ގާނޫނީ ވަކީލު އަދި އިންސާނީ ޙައްޤުތަކަށް މަސައްކަތް ކުރި އެކްޓިވިސްޓް މަރްޙޫމާ އަސްމާ ޖަހާންގީރް އަށް ދީފިއެވެ. އޭނާގެ ފަރާތުން އިނާމާ ޙަވާލުވީ އޭނާގެ ދަރިފުޅު މުނީޒާ ޖަހާންްގީރް އެވެ.

ހިއުމަން ރައިޓްސް އިނާމަކީ އިންސާނީ ޙައްޤުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކާއި ފަރުދުންގެ މަސައްކަތް ފާހަގަކޮށް އ.ދ. އިން ދޭ އިނާމެކެވެ. އަސްމާ އަށް އިނާމް ލިބުނު ކަން އޮކްޓޯބަރު މަހު އިޢުލާން ކުރިއިރު އޭނާއާއެކު އިތުރު ތިން މީހަކަށް އިނާމް ލިބޭކަމަށް ވަނީ އިޢުލާން ކޮށްފައެވެ.

އިނާމާ ޙަވާލުވަމުން މުނީޒާ ވަނީ ޕާކިސްތާނުގެ ހިތްވަރު ގަދަ އަންހެނުންނަށް އިނާމު ޚާއްޞަކޮށްފައެވެ. އިނާމް ދިނުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ނިއު ޔޯކުގައި ހުންނަ އ.ދ ގެ މައި މަރުކަޒުގައެވެ. މި އަހަރު ހިއުމަން ރައިޓްސް އެވޯޑް ލިބުނު އެހެން އެކްޓިވިސްޓުންނަކީ ޓެންޒޭނިއާގެ އަންހެނުންނާއި އަދި އަންހެން ކުދީންގެ ޙައްޤުގައި މަސައްކަތްކުރާ ރެބެކާ ޖިޔުމީ އާއި ބްރެޒިލް ގަބީލާ ތަކަށް ނިސްބަތްވާ މީހުންގެ ހައްގުތައް ހޯދައި ދިނުމަށް މަސައްކަތް ކުރާ ޖޮއެނާ ވަޕިޗަނާ އާއި އިންސާނީ ޙައްގުތައް ހޯދައި ދިނުމަށް މަސައްކަތް ކުރާ މީހުންގެ ދިފާޢުގައި މަސައްކަތް ކުރާ އަޔަލޭންްޑްގެ ހިއުމަން ރައިޓްސް ޖަމިއްޔާ އެއްް ކަމަށްވާ ފްރަންޓް ލައިން ޑިފެންޑަރސް އެވެ.  

ކުރިން ހިއުމަން ރައިޓްސް އެވޯޑް ލިބުނު މީހުންގެ ތެރޭގައި އެލީނަރ ރޯޒްވެލްޓާއި މާޓިން ލުދަރ ކިންގ، ނެލްސަން މަންޑޭލާ ޖިމީ ކާޓަރ އަދި މަލާލާ ޔޫސްފްޒާއީ ހިމެނެއެވެ. އަސްމާ އަކީ މި އިނާމް ލިބުނު ޕާކިސްތާނުގެ ހަތަރު ވަނަ އަންހެން މީހާއެވެ. ބޭގަމް ރަޢާނާ ލަޔާގަތް ޢަލީ ޚާން (1978)، ބޭނަޒީރް ބުއްޓޫ (2008)، އަދި މަލާލާ ޔޫސުފް ޒާއީ (2013) އަށް ވަނީ މިގެ ކުރީން މި އިނާމު ލިބިފައެވެ.  

އަސްމާ ޖަހާންގީރް އަކީ ޕާކިސްތާނުގައި އިންސާނީ ޙައްގުތަކުގެ ދިފާޢުގައި މަސައްކަތް ކުރި އެންމެ އިސް ގާނޫނީ ވަކީލެވެ. އޭނާ ވަނީ 30 އަހަރު ވަންދެން އަންހެނުންނާއި، އަންހެން ކުދީންނާއި އަދި ދީނީ މައިނޯރިޓީ ގްރޫޕްތަކާއި ފަގީރުންގެ ޙައްގުގައި 30 އަހަރު މަސައްކަތް ކޮށްފައެވެ. ޕާކިސްތާނުގައި ގާނޫނޫ އެހީ ފޯރުކޮށްދޭ އެންމެ ފުރަތަމަ މަރުކަޒު ގާއިމު ކުރީ އޭނާ އެވެ. އެއީ 1986ވަނަ އަހަރުއެވެ. އަދި އޭނާ ވަނީ ބޮޑެތި މައްސަލަތަކުގެ ދިފާޢުގައި ވަކާލާތުކޮށް އެމައްސަލަތައް ކާމިޔާބު ކޮށްފައެވެ.

އޭނާގެ މަސައްކަތުގެ ބާވަތުން އޭނާ އަށް ބިރު ދެއްކުމާއި އަދި ގޭ ބަންދުގައި ވެސް ހުންނަޖެހުނެވެ. އޭނާ އަކީ ޕާކިސްތާނުގެ ސުޕްރީމް ކޯޓު ބާރ އެސޯސިއޭޝާން އަށް އިންތިޚާބު ކުރެވުނު ފުރަތަމަ އަންހެން ރައީސެވެ. އަދި ޕާކިސްތާނުގެ ހިއުމަން ރައިޓްސް ކޮމިޝަންގެ ފުރަތަމަ ޗެއަރޕާސަން އަކީ ވެސް އޭނާ އެވެ. އޭނާ ވަނީ އ.ދގެ ޚާއްޞަ ރެޕެޓުއަރ އެއްގެ ގޮތުގައި ތަފާތު ތިން ދާއިރާއެއްގައި މަސައްކަތް ކޮށްފައެވެ.

އަސްމާ މި ދުނިޔެއަށް އަލްވަދާޢު ކިޔާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.