ތިޔަ ކަނބަލުން އިންނަން އަހަރެންގެ ފިރިމީހާއަކީ ހާދަ ރަނގަޅު މީހެކެވެ.

ލިޔުއްވީ: އެމީ ރޯޒެންތާލް  (މާޗް 2017 ގައި)

ޚުލާސާ ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ

ނޯޓު: މި އަސަރުގަދަ ސިޓީ ލިޔުއްވި (Amy Rosenthal) އެމީ ރޯޒެންތާލް  ނިޔާވީ މި ސިޓީ އެމެރިކާގެ ނިޔު ޔޯކް ޓައިމްސްގައި ޝާއިއު ކުރިތާ ދިހަ ދުވަސް ފަހުންނެވެ. އެދުވަހު ފަސް މިލިޔަން މީހުން މި ސިޓީ ކީކަމަށްވެއެވެ! އެމީ ރޯޒެންތާލް  އެންމެ މަޝްހޫރީ ކުޑަކުދިންނަށް ވަރަށް ގިނަ ވާހަކަ ލިޔުއްވައި ޝާއިއު ކުރެއްވި ލިޔުންތެރިއެއްގެ ގޮތުގައެވެ. ކުޑަކުދިންނަށް 30 ފޮތް ލިޔުއްވައި އަދި އޭނާގެ ހަޔާތުގެ މައްޗަށް ހަޔާތުނާމާއެއް ލިޔުއްވިއެވެ. މީގެ އިތުރުން އަދަބީ ވަރަށް ގިނަ ކަންކަމުގައި ވަރަށް ހަރަކާތްތެރިވެ އުޅުއްވިއެވެ. މަޝްހޫރު ޓެޑް ޓޯކްސްގެ ތިން ބައްދަލުވުމެއްގައި ވާހަކަ ދައްކަވާފައިވެއެވެ. މީގެ އިތުރުން ހަގީގީ ކަންކަމާ ގުޅޭ ކުރުފިލްމު ހައްދަވާފައިވެއެވެ!     = ސަމީރު=

"މިފަދަ ސިޓީއެއް ލިޔާން ހިތުގައި އޮންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ. ނަމަވެސް ތަދުކަނޑުވާ ބޭސްތަކުގެ ބާރުގަދަކަމުންނާއި އޮއްޓަރެއް ހުރި ކާނާއެއް ނުކެވި މަސްދުވަހަށްވުރެ ގިނަދުވަސްވުމުން ލަފުޒު ކޮޅަކުން ރީތި ޖުމުލައެއް ގަތައިލާނެހާ ހިތްވަރުވެސް ހަށީގައި ނެތުމުން މިކަން ފަސްކުރެވެމުން އައީއެވެ. އަދި މިދެންނެވި ބޭސްބޭހާއި ހޮޅިން ލިބޭ، ހަކަތައެއް ރަހައެއްނެތް ކާނާގެ ސަބަބުން ދިމާވާ އިތުރު ކަމެއްވެސް ދަންނަވައިލާނަމެވެ. އެއީ ދެތިން ޖުމުލަ ލިޔެލާއިރަށް އަޅުގަނޑުގާތަށް އެ އަންނަ ބުޅާނިއްޖެއްގެ ސަބަބުން ވިސްނުން ހާވިޔާވާ ކަމެވެ! މިކަންކަމުގެ ސަބަބުން މި ލިޔުން ކުރިޔަށްދަނީ ފިނިހަކަ ދުވެލީގައެވެ! ސަލާމަތުން ހުރި ދުވަސްވަރު އަޅުގަނޑަކީ ވަރަށް ފަސޭހައިން ގިނަ ވާހަކައާއި މަޒުމޫނު ލިޔެފައިވާ މީހެއްކަމުން މިހާރު މިދިމާވާ އަދަބީ އުކުނޑިކޮއްޓުމުގައި ޒާތެއްގެ ހެއްވާކަމެއްވެސް އިހްސާސްކުރެވެއެވެ! ނަމަވެސް، ކޮންމެ ހާލަތެއްގައިވެސް މި ފަހު ލިޔުން އަޅުގަނޑަށް ވަކި ދުވަހަކަށް ނިންމަން އެބަ މަޖުބޫރުވެއެވެ. ތިޔަ އިއްޒަތްތެރި ކިޔުންތެރިޔާ މި ލިޔުންމަތިން ފޫހި ނުވަނީސްހެވެ، އަދި އަޅުގަނޑުގެ ހަށީގައި ވިންދެއް ހުއްޓައި މި ލިޔުން ނިންމަންވެސް އެބަޖެހެއެވެ!

ދަންނަވަންތޯއެވެ؟ އަޅުގަނޑު އިނދެގެން މިއުޅޭ އަޅުގަނޑުގެ ފިރިމީހާ އަކީ، ވަރަށް މަދުން ނޫނީ ބައްދަލުނުވާނޭ ފަސްމީރުކުރިރުކެވެ. ވިސްނުންތޫނު މި ހިތްހެޔޮ މީހާއާއި އިނދެގެން އުޅޭތާ މިހާރު ސައްބީސް އަހަރު ވެއްޖެއެވެ. އަދި އިތުރު ސައްބީސް އަހަރު އަޅުގަނޑަށް ލިބޭނެ ނަމައޭ ހިތަށް އަރަނީ ހަމަ ހޭލައި ހުރެވޭ ކޮންމެ ހިނދުކޮޅެއްގައެވެ!

ހަގީގަތުގައި އަޅުގަނޑުމެން ދެމަފިރިން 2015 ވަނަ އަހަރުގެ ފަހުކޮޅުން ދުވަހެއްގައި ހޮސްޕިޓަލަށް ދިޔައީ އަޅުގަނޑުގެ ކަނާތްފަރާތުން ދަށްބަނޑަށް ތަދުވާތީ، އެއީ އެޕެންޑިކްސަށް ދިމާވި ކަމެއް ކަމުގައި ހިތުލައިގެންނެވެ. އެނޫން އެހެން ބިރެއް ނެތެވެ. ނަމަވެސް ބައެއް  ޓެސްޓު ހެއްދުމަށްފަހު ޑަކްޓަރުން ނިންމީ، އަޅުގަނޑުގެ ހަށިގަނޑުން، އަންހެނާގެ ދަރިމައިވާ ބިސް އުފެދޭ ހިސާބުގައި ކެންސަރުބަލި ފެތުރިފައިވާ ކަމަށެވެ!

މި ހިތްދަތި ދުވަހަކީ އެކަން ދިމާނުވިނަމަ ވަރަށް އުފާވެރި ދުވަހެއްވެސްމެއެވެ. އެ ދުވަހަކީ އަޅުގަނޑުމެންގެ ތިންކުދިންގެ ތެރެއިން އެންމެ ހަގު ދަރިފުޅު، މަތީ ތައުލީމު އުނގެނުމަށް، އެންމެ ތުއްތުއިރުންސުރެ  އުޅުނުގެ ދޫކޮށް ޔުނިވަރސިޓީގެ ބޯޑިންގަށް ވަގުތީގޮތުން ބަދަލުވި ދުވަސްވެސް މެއެވެ. އަޅުގަނޑަށް ކެންސަރު ޖެހިފައިވާކަން އެދުވަހު އެނގުމުން، ކުރިން ރާވާފައި ހުރި ރޭވުން ވާނީ ފެނަށްކަން އަޅުގަނޑަށް ގަބޫލުކުރަން މަޖުބޫރުވިއެވެ!

އަޅުގަނޑުގެ ނުހަނު ލޯބިވާ ފިރިމީހާއާއި އެކީގައި ދެކުނު އެފްރިކާ ބަލައިލާން އޮތް ދަތުރު، ދުވަހަކުވެސް ނާންނާނޭ ތާރީޚަކަށް ފަސްކުރަން މަޖުބޫރުވީއެވެ! މަޝްހޫރު ހާވާރޑް ޔުނިވަރސިޓީން ލިޔުންތެރިންނަށް ހުޅުވާލައިފައިވާ ފުރުސަތުވެސް ގެއްލޭނީތާއެވެ! އޭޝިޔާގެ ރީތި ރަށްތައް ބަލައިލާން އަޅުގަނޑުގެ މަންމައާއި އެކީގައި ކުރަން ނިންމި ދަތުރުވެސް ހަނދާން ނައްތައިލުން މާ ރަނގަޅެވެ. އަޅުގަނޑުގެ އުމުރުގައި ދެން ބާކީ އޮތީ މަދު ދުވަސްކޮޅެކެވެ! އިންޑިޔާ، ކެނެޑާ އަދި ޖަކާޓާގައި، ލިޔުންތެރިންނަށް ޚާއްސަ ތަމްރީނު ދޭ މަދަރުސާތަކަށް ވަދެލެވޭނެ ކަމުގެ ހުވަފެންވެސް މުށުން ދޫވެ [ކެންސަލް] ވީއެވެ!

ކެންސަރާއި "ކެންސަލް" އަޅެ ވައްތަރެއް ނޫންތޯއެވެ !

މިހިސާބުން ދެން އަޅުގަނޑުގެ ފިރިމީހާ ތިޔަ ކަނބަލުންނަން ތައާރަފުކޮށްދެން ލަސްވެއްޖެއެވެ. މި ސިޓީ އަޅުގަނޑު ލިޔަން ގަސްތުކުރީވެސް އޭނާ، އާދެ  Jason Brian Rosenthal ޖޭސަން ރޯޒެންތާލް ތިޔަ ކަނބަލުންނަށް ތައާރަފުކުރުމަށެވެ.

އާދެ! އޭނާ ދެކެ ލޯބިވުމަކީ ވަރަށް ފަސޭހަ ކަމެކެވެ! އަޅުގަނޑު އެކަން ކުރީ ހަމަ އެންމެ ދުވަހަކުންނެވެ! އެކަން ވީގޮތަކީ މިއެވެ. އަޅުގަނޑުގެ ބައްޕަގެ އެންމެ ޅަދުވަހުންސުރެ ރައްޓެއްސެއްކަމުގައިވާ ޖޯންއަށް އަޅުގަނޑުވެސް، ޖޭސަންވެސް ރަނގަޅަށް އެނގި ފަރިތައެވެ. ތެދެކެވެ، އަޅުގަނޑާ ޖޭސަންއާ ދެމީހުން އަދި ދުވަހަކުވެސް ބައްދަލުވެފައެއް ނެތެވެ.  މެދުގައި ހުރީ އަޅުގަނޑުމެން ދެ ޒުވާނުންނަށްވެސް ހެޔޮ އެދޭ މީހެކެވެ. އަޅުގަނޑުމެން ދެމީހުންމެ ތަފާތު ދެ ޔުނިވަރސިޓީން ކިޔަވައި ނިމި، ވަޒީފާ ހޯދިފަހުން އަޅުގަނޑުމެން ދެމީހުން ރައްޓެހިކޮށްދިނީ މިދެންނެވި ޖޯން އެވެ. އެއީ 1989 ވަނަ އަހަރެވެ. އަޅުގަނޑުމެން ދެމީހުންގެވެސް އުމުރަކީ  24 އަހަރެވެ. ޖޯން ބުނެގެން ޖޭސަން އަޅުގަނޑުމެންގެ ގެއަށް އައިސް ރަނގަބީލު ޖެހުމުން އަޅުގަނޑު ދޮރު ހުޅުވައިލި ވަގުތުވެސް އެންމެ ފުރަތަމަ ހިތަށްއެރީ….."ހުމް…. މިއީ ހާދަ ބަލައިލާން ރީތި ހިތްފަސޭހަ މީހެކެވެ!" މިހެންނެވެ!

އަޅުގަނޑުމެން އެކީގައި ރެސްޓޯރަންޓަކަށް ގޮސް ކައި ނިމުނުއިރު، އަޅުގަނޑު އިންނަން ބޭނުންވާ މީހަކީ މިއީކަން އަޅުގަނޑަށް އެނގި ޔަގީންވެއްޖެއެވެ! ޖޭސަންނަށްތޯއެވެ؟ ޖޭސަން ބުނާ ގޮތުގައި އޭނާއަށް ޔަގީންވީ އަހަރެއްހާ ދުވަސް ފަހުންނެވެ! ޖޭސަންއާ ބައްދަލުވުމުގެ ކުރިން އަޅުގަނޑު ދުވަހަކުވެސް އިންޓަނެޓުގައިވާ ލޯބީގެ ތަފާތު ހޮޅުއަށިތަކަށް ވަދެ ގިނަވެގެންނެއް ނޫޅެމެވެ. ނަމަވެސް އަޅުގަނޑުގެ ފިރިމީހާއާއި އެކީގައި އުޅޭތާ މިހާރު 9490 ދުވަސް ހޭދަކުރެވުނުއިރު އަޅުގަނޑަށް އެނގި ޔަގީންވާ ބައެއްކަންކަން މި ލިޔެލަނީއެވެ.

އެންމެ ފުރަތަމަ އެންމެ އަސާސީ ސިފަތަކެވެ. ޖޭސަންގެ އިސްކޮޅަކީ 5 ފޫޓު 10 އިންޗިއެވެ. ބަރުދަނުގައި ހުންނަނީ 72 ކިލޯއެވެ. މިހާރު އުމުރުން 51 އަހަރުވެފައިވާއިރު އޭނާގެ ބޮލުގެ ކޮންމެ ދެ އިސްތަށިން އެއް އިސްތައްޓަކީ ނުރައެކެވެ. ލޮލުގެ ކުލަޔަކީ މުށިކުލަޔަށްވުރެ މަޑު ކުލައެކެވެ. ފެހިކުލައޭ ކިޔާހައި އޭނާގެ ލޮލުގެ ކުލަ މަޑެއްވެސް ނޫނެވެ.

ތިރީގައި މި ލިޔެލާ ކޮންމެ ސިފަޔަކީ އޭނާގެ ކިބައިގައި ހުންނަ ރަނގަޅު ސިފަސިފައެވެ. މި ލިޔަނީ އެކަންކަމުގެ މުހިންމު ކަމަށްބަލައި ވަކި ތަރުތީބަކުންނޫނެވެ. އޭނާގެ ކޮންމެ ކަމެއްވެސް އަޅުގަނޑަށް ހަމަ އެހައިމެ މުހިންމެވެ.

ޖޭސަން ހެދުން އަޅައި އުޅެނީ ވަރަށް ފަރިކޮށެވެ.  އޭނާއާ ގުޅޭކުލަކުލަ ރަނގަޅަށް ދަނެގެންނެވެ. އަޅުގަނޑުގެ ޒުވާން ދެބެން ބައެއްފަހަރު އެކުދިންގެ ބައްޕަގެ ގަމީސް ލާނީ ކަމެއްވެތާއެވެ! އޭނާ ދަންނަ މީހުންނަށް، ނުވަތަ އޭނާ ތަނެއްގައި އިށީނދެ އިންނައިރު ބޫޓާއި ފަޓުލޫނާއި ދެމެދުން އެ ފެންނަ ރީތި އިސްޓާކީނުން އެކަނިވެސް އޭނާ އެފަދަ ކަންކަމަށް ފަރުވާ ބަހައްޓާ މިންވަރު ވަރަށް ރަނގަޅަށް އެނގޭނެއެވެ. އޭނާއަކީ ހަށިހެޔޮ ހަށިގަނޑު ރީތި ބައްޓަމަކަށް ބަހައްޓަން ބޭނުން، ވަރަށް ކަސްރަތީ މީހެއްވެސް މެއެވެ.

އަޅުގަނޑުމެން ދެމަފިރިން ދިރިއުޅޭ ގެއަށް ވާހަކަ ދެކެވޭނަމަ، އަޅުގަނޑުގެ މި ބަސްކޮޅަށް އިތުރު ބާރެއް ދޭން ހެކިބަހެއް ދެވޭނެނަމަ، ގޭގައި ކުރާން ހުންނަ ކުދިކުދި މަރާމާތު ކުރުމާއި އާބާތުރަ ފިލުވައިއުޅުމުގައި ޖޭސަންގެ ހުނަރުވެރިކަމަށް ހެކިވާނެއެވެ.

ކެއްކުމާއި ކާނާގެ ވާހަކަ ދެކެވޭ ހިނދެއްގައިވެސް ލިޔަން ޖެހެނީ އޯހް އޯހް… އޭނާއަށްވާ މީރުކޮށް ކައްކަން އެނގެއެވެ! ގެއަށް ބޭނުންވާ ތަކެތި ގަނެގެން އައިސް، އެތަކެތި ބަހައްޓާފައި އިހަށް އަޅުގަނޑަށް ފިސާރި މީރު ސެންޑްވިޗެއް ހަދައިދެނީ މަދެއްކޮށްނޫނެވެ. އެއީ ހަމަ އަޅުގަނޑު އުފާކޮށްލަން ކުރާކަމެކެވެ! ދެން އަޅުގަނޑުމެން އުޅެނީ ރޭގަނޑުގެ ކެއުން ތައްޔާރުކުރާށެވެ.

ޖޭސަން އަކީ ވަރަށް ބޮޑަށް މިޔުޒިކް އަޑުއަހާހިތްވާ މީހެކެވެ. ޚާއްސަކޮށް މިޔުޒިކް ކުޅޭ ބޭންޑުތައް ބާއްވާ ޝޯތަކަށް ގޮސްގެންނެވެ. އަޅުގަނޑުމެންގެ 19 އަހަރުގެ އަންހެން ދަރިފުޅު މިޔުޒިކް ޝޯ ބަލަން އެންމެ ދާހިތްވާނީ އޭނާގެ ބައްޕައާއި އެކީގައެވެ!

ޖޭސަން އަކީ ލާމަސީލު ބައްޕައެކެވެ. ކޮންމެ މީހެއްގެ ގާތުގައި އެހިޔަސް ހަމަ ބުނާނީ އެއީ ތެދެކެވެ! އަދި އެހާ  އޯގާތެރި މީހެއްވެސްމެއެވެ. އަދި ޕޭންކޭކުފޮޅި ކަހަލަ ލުއި ކެއުން ތައްޔާރު ކުރުމުގައި އަތްމަތި ހަލުވިވެސް  މީހެއްމެއެވެ!

އަޅުގަނޑުގެ ފިރިމީހާއަކީ ވަރަށް މޮޅު ކުރެހުންތެރިއެކެވެ! އޭނާގެ ފަންނީ މަސައްކަތް އަޅުގަނޑަށް ވަރަށް ރީއްޗެވެ. ގާނޫނުން މަތީތައުލީމު ހާސިލުކޮށް، ގާނޫނީ ވަކީލުންގެ ސަނަދު ހޯދައި ހެނދުނު ނުވަޔަކުން ހަވީރު ފަހެއް ޖަހަންދެން ގާނޫނީ ކަންކަމުގައި ވަކާލާތުކޮށް ނޫޅޭނަމަ، އަޅުގަނޑު އޭނާ ސިފަކުރީހީ ފަންނާނެއްގެ ގޮތުގައެވެ!  ހެނދުނު ނުވަޔަކުން ހަވީރު ފަހެއް ޖަހަންދެންނޭ މިދެންނެވީ، އެއީ އަޅުގަނޑު ބަލިވުމުގެ ކުރިން އޭނާ ގެއިން ބޭރުގައި މަސައްކަތު އުޅުއްވި ވަގުތުގެ ވާހަކައެވެ.

އެކީގައި ކުރު ދަތުރެއް ކުރަންވެސް ހަމަ އެންމެ އެކަށީގެންވާ މީހަކީ ހަމަ ދެވަނަ މީހެއް ނޫނެވެ. ފެންނަ ތަފާތު ހަނދާނީ ހަދިޔާގެ ތެރޭގައިވެސް ޖޭސަން ގަޔާނުވާނެ އެއްޗެއް މަދެވެ. ކުދިކުދި ފުޅިޔާއި  ވަރަށް ކުދި ބުދުވެސް ގަންނަ ހިތްވާނެއެވެ. އަޅުގަނޑުމެންގެ އާއިލާ ފެށުނު ގޮތޭ ކިޔާފައި، ޕާކެއްގެ ދިގު ގޮނޑިޔެއްގައި އިށީނދެ ތިބި ދެމީހުންގެ ކުޑަކުޑަ ބުދެއް އެއްދަތުރަކު، އަޅުގަނޑަށް ހަދިޔާކުރިއެވެ. އަޅުގަނޑުމެން ދެމަފިރިން ކާވެނިކޮށްގެން އެކީގައި އުޅޭތާ މިހާރު 26 އަހަރުވެފައިވާއިރު، މިހާރުވެސް އަޅުގަނޑަށްވުރެ މައިރާ ހޭލައި އަޅުގަނޑަށް ހަދައިދޭ ކޮފީތަށި ކައިރީގައި ކޮންމެވެސް އެއްޗަކުން ހިނިތުންވެފައިވާ މޫނެއް ހަދައިލާނެއެވެ. ދެ ސަމުސާ ބާއްވާ ގޮތަކުން ނުވަތަ ދޮންކެޔޮވަކެއް ބާއްވާ ގޮތުން ނުވަތަ ކޮންމެވެސް ޒާތެއްގެ ކުދިކުދި އެތިކޮޅުކޮޅުންނެވެ. ކުޑަ ފިހާރަޔަކަށް ވަދެލާފައި ނިކުތަސް، "އަތް ދައްކައިލަ ބަލާށޭ" ކިޔާފައި އަޅުގަނޑުގެ އަތުގައި ޗުއިންގަމެއް ބާއްވައިފާނެއެވެ! އަޅުގަނޑަށް މީރު ވައްތަރުގެ ތެރެއިން ހުދުކުލަ އަޅުގަނޑަށް މީރުނޫންކަން ދަންނާނެއެވެ! މިހާރު ދެން ޖޭސަން ދަސްވެއްޖެ ނޫންތޯއެވެ! ގަނޑެއް އެއްލަމާތޯއެވެ؟

އަދި އަދި އިހަށް މަޑުކޮށްލައްވާށެވެ! އަދި ގަނޑު އެއްލާކަށް ނުވެއެވެ! ޖޭސަންނަކީ ފިސާރި ރީތި މީހެކޭ މިހާރު ބުނެވިއްޖެބާއެވެ؟ އާހް!  އެ ރީތި މޫނު ދެން ނުފެންނާނެކަމުގެ ހިތާމައަކީ ކެތްކުރެވޭވަރުގެ ކަމެއް ނޫނެވެ!

އަޅުގަނޑުގެ މައިންބަފައިން ބުނުއްވި ގޮތުގައި އަޅުގަނޑުގެ އަނގައިން އެންމެ ފުރަތަމަ ބޭރުވި ލަފުޒަކީ ގިނަ ނުވަތަ އިތުރެވެ. (more) މިލަފުޒެވެ. މިހާރު ކަންތައް މިދާގޮތުން އަޅުގަނޑުގެ ފަހު ލަފުޒަކަށްވާނީވެސް ހަމަ އެ ލަފުޒެވެ. އާދެ! އަޅުގަނޑު އިތުރު ވަގުތު ބޭނުމެވެ. ޖޭސަންނާއި އަޅުގަނޑުމެންގެ 3 ކުދިންނާއި އެކީގައި އިތުރު ވަގުތު ހޭދަކުރަން ބޭނުމެވެ. ވަކިން ޖޭސަންނާ އެކީގައި މަޑުމަޑުން ޖޯލިފައްޗެއްކަހަލަ ތަނެއްގައި މީރު ސައިތައްޓެއް ނުވަތަ ކޮފީ ތައްޓެއް ހިފައިގެން ހިމޭނުން ތިބެލަން އިތުރު ވަގުތު ބޭނުމެވެ. ނަމަވެސް އެކަން ވާކަށް ނެތެވެ!

މި ރީތި ދުނިޔޭގައި އުޅެން ދެން އަޅުގަނޑަށް ލިބިފައި އޮތީ ވަރަށް މަދު ދުވަސްކޮޅެކެވެ. އަޅުގަނޑަށް ލިބިފައިއޮތީ އެހައި މަދު ދުވަސްކޮޅެއްކަން އެނގޭއިރު، ދެން އަޅުގަނޑު މިކުރަނީ ކޮންކަމެއްތޯއެވެ؟ އަޅުގަނޑު ބޭނުމީ، ލޯބިވެރިންގެ ދުވަހުގައި ތިޔަ ކަނބަލުންނަށް، މާބޮނޑިޔެއްގެ ބަދަލުގައި މި ސިޓީ ހުށައަޅައިލާށެވެ. އުންމީދަކީ ވަރަށް ރަނގަޅު ހެޔޮލަފާ އަންހެނަކަށް އަޅުގަނޑުގެ ޖޭސަން ތައާރަފުވެ ލޯބީގެ ރީތި އެހެން ވާހަކައެއް ފެށުމެވެ.

                                                                                                    ނުހަނު ލޯތްބާއެކު

                                                                                                 އެމީ ކްރައުސް ރޯޒެންތާލް

އަޙްމަދު ސަމީރު ޢަލީ
އަޙްމަދު ސަމީރު ޢަލީއަކީ މި ޒަމާނުގެ ލިޔުންތެރީންގެ ތެރެއިން ފާހަގަ ކޮށްލެވޭ މޮޅު ލިޔުންތެރިއެކެވެ. ޢިލްމީ ލިޔުންތަކާއި، އުފެއްދުންތެރި ލިޔުންތައް ލިޔުއްވުމުގައި ފުންނާބު އުސް ލިޔުންތެރިއެކެވެ. އޭނާގެ ލިޔުންތައް ކިޔައިލާން ފަސޭހަ ވެފައި ޢިބާރާތްތައް ނަލައެވެ. ފަށުއި އެމުނުމެއް ހުރެއެވެ. ލިޔުމުގެ ތެރެއަށް ކިޔުންތެރިޔާ ދަމައިގަންނަ ގޮތެއް ހުރެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.