ރާއްޖޭގައި އެންމެފަހުން ބޭއްވި ރިޔާސީ އިންތިޚާބަށް ޚަރަދު ކުރެއްވުމަށް އިންތިޚާބުގައި ވާދަކުރެއްވި ދެ ކެންޑިޑޭޓުންވެސް ބޭންކް އެއަކުންޓެއް ޚާއްސަކޮށްފައި ނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އެކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަންގެ ރައީސް އަޙުމަދު ޝަރީފް ވިދާޅުވީ އެ އިންތިޚާބު ކާމިޔާބު ކުރެއްވި މިހާރުގެ ރައީސުލްޖުމްހޫރިއްޔާއި، އިންތިޚާބުން ނާކާމިޔާބުވެ ވަޑައިގެންނެވި ކުރީގެ ރައީސް ޢަބްދުﷲ ވެސް އެފަދަ އެކައުންޓެއް ޚާއްސަކޮށްފައި ނުވާކަމަށެވެ.
ރައީސް ޢަބްދުﷲ ޔާމީންގެ މާލީ މައްސަލަތަކެއް ފުލުހުން ބައްލަވަމުން ގެންދަވާތީ އެކަމާ ބެހޭގޮތުން ސުވާލު ކުރެއްވުމަށް ފުލުހުން އިއްޔެވަނީ ރައީސް ޔާމީން ފުލުސް އޮފީހަށް ހާޒުރު ކުރައްވައިފައެވެ. ފުލުހުންނަށް ޖާވާބު ދެއްވުމަށްފަހު ނުކުމެ ވަޑައިގެން ރައީސް ޔާމީންނާއި، އެމަނިކުފާނުގެ ވަކީލާ ޢާޒިމާ ޝަކޫރު ވިދާޅުވީ ކޭމްޕޭނަށް ޚަރަދު ކުރެއްވީ ޑިކްލިއަރ ކުރައްވައިފައިވާ އެކައުންޓަކުން ކަމަށެވެ. އެފަދަ އެކައުންޓެއްގައި 400 މިލިއަންރުފިޔާއާ ހަމައަށް ޚަރަދު ކުރެވޭނެ ކަމަށް ޤާނޫނު ބުނާކަމަށް ވެސް ވިދާޅުވެފައިވެއެވެ.
އެހެންނަމަވެސް އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފް މިއަދު ވިދާޅުވީ ރިޔާސީ ކެންޑިޑޭޓުންގެ މަޢުލޫމާތު އީސީއަށް ހުށަހަޅައި ޑިކްލިއަރ ކުރުމަކީ ޤާނޫނު މަޖުބޫރު ކުރާކަމެއްވެސް ނޫން ކަމަށެވެ. އިންތިޚާބަށްފަހު މާލީ ބަޔާން ހުށަހެޅުއްވިއިރު ދެބޭފުޅުން ވެސް ވަނީ އެކައުންޓު ނަމްބަރެއް ޖައްސަވައި
ނަމަވެސް އިންތިޚާބަށް ފަހު މާލީ ބަޔާން ހުށަހެޅުއްވިއިރު ދެކެނޑިޑޭޓުން ވެސް އެކައުންޓް ނަމްބަރެއް ޖައްސަވައި އެއީ އިންތިޚާބަށް ޚަރަދު ކުރެއްވި އެކައުންޓުކަމަށް ލިޔުއްވައިފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މައްސަލަޖެހިގެން އުޅެނީ ރައީސް ޔާމީންގެ ކޮން އެކައުންޓެއްގައި ކަމެއް އިލެކްޝަނަށް އެނގިފައިނުވާކަމަށެވެ.
ރައީސް ޔާމީންގެ މާލީ މައްސަލަތަކެއް ބައްލަވަން ފެއްޓެވުމަށްފަހު ފުލުހުންވަނީ ރާއްޖޭގެ ބޭންކުތަކުގައިވާ ޔާމީންގެ އެކައުންޓުތަކުން 100 މިލިއަނަށްވުރެ ގިނަ ފައިސާ ފްރީޒް ކުރައްވައިފައެވެ. އެ މައްސަލަ ފުލުހުން ގެންދަވަނީ ބައްލަވަމުންނެވެ.