ދިވެހި ރާއްޖޭގެ ސަލާމާތާއި ރައްކާތެރިކަމާ އެންމެ ބޮޑަށް ގުޅިފައިވާ ބޭރު ގައުމަކީ އަވައްޓެރި އިންޑިޔާ ކަމަށް ކުރީގެ ރައީސް މުޙަންމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙަންމަދު ސޯލިޙް ރައީސްކަމުގެ ހުވާ ކުރެއްވުމަށް ފަހު ރާއްޖެއިން ބޭރަށް ކުރައްވާ ރަސްމީ ފުރަތަމަ ދަތުރުފުޅުގައި މިއަދު އިންޑިޔާގެ ވެރިރަށް ނިއުދިއްލީއަށް ފުރާވަޑައިގަތުމުން ރައީސްގެ ދަތުރުފުޅަށް މަރުޙަބާ ވިދާޅުވެ ކުރެއްވި ޓްވީޓެއްގައެވެ.
ނަޝީދު ވިދާޅުވީ ރައީސް އިންޑިޔާއަށް މިއަދު ފެއްޓެވި ދަތުރުފުޅަކީ ބާއްޖެވެރި، އަދި ކާމިޔާބު ދަތުރުފުޅެއް ކަމުގައި ވާނެކަމަށް އުންމީދު ކުރައްވާ ކަމަށާއި ރައީސްގެ ދަތުރުފުޅުގައި ދިވެހިންނަށް އިތުރު ކާމިޔާބުތަކެއް ލިބިގެންދާނެ ކަމާމެދު ޝައްކުވެސް ނުކުރައްވާ ކަމަށެވެ.
ރައީސް އިބްރާހިމް މުޙަންމަދު ސޯލިޙް މިއަދު ދިއްލީއަށް ފުރާވަޑައިގަތުމުގެ ކުރިން ވަނީ ނަޝީދާއެކު ވަކިން ބައްދަލު ކުރައްވައި މަޝްވަރާވެސް ކުރައްވާފައެވެ. ރައީސް އިންޑިޔާއަށް ކުރައްވާ ދަތުރުފުޅުގައި މުހިންމު އެއްބަސްވުން ތަކެއްގައި ދެގައުމުގެ އެންމެ އިސްވެރިން ސޮއި ކުރެއްވުން އޮންނައިރު މިދަތުރުފުޅުގެ މައިގަނޑު ބޭނުން ފުޅަކީ ދައުލަތުގެ ބަޖެޓަށް މިވަގުތު ކުރިމަތި ވެފައިވާ ދަތިތައް ފިލުވާލުމަށް އިންޑިޔާގެ ފަރާތުން މާލީ އެހީތެރިކަން ހޯދުމާއި ރާއްޖެއިން އިންޑިޔާއަށް ގޮސް އުޅޭ ދިވެހިންނަށް ކުރިމަތިވާ އެންމެ ބޮޑު އުދަނގޫ ކަމަށްވާ ވިސާ ހޯދުމުގައި ލުއި ގޮތްތަކެއް ހޯދުމެވެ. ވިސާގެ ލުއި ގޮތް ތަކެއް ހޯދުމުގެ އެއްބަސްވުމުގައި ރައީސްގެ މިދަތުރުފުޅުގައި ސޮއި ކުރެއްވުމަށްވެސް ވަނީ ހަމަހިފައެވެ.