
"ސާފު ރާއްޖެ، އަހަރެންގެ ވެސް ޒިންމާ" ގެ ދަށުން މުޅި ރާއްޖެ ސާފު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙަންމަދު ސާލިޙް މިއަދު ފަށްޓަވައި ދެއްވި ޕްރޮގްރާމުގެ ދަށުން އައްޑޫސިޓީގައި ވެސް ސާފުކުރުމުގެ ޙަރަކާތެއް މިއަދު ބާއްވައިފިއެވެ.

އައްޑޫ ސިޓީ ކައުކެނޑި ބްރިޖު ސަރަޙައްދުގައި ބޭއްވި މިޙަރަކާތަކީ އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ބޭއްވި ޙަރަކާތެކެވެ. އެ ޙަރަކާތުގައި ދިވެހި ރެޑު ކްރެސެންޓާއި، އެމްއެންޑީއެފާއި، ޕޮލިހުންނާއި، ވެމްކޯއާއި، ފެނަކައާއި، ހައުސިން މިނިސްޓްރީއާއި، މޯލްޑިވްސް ލައިފްގާޑު އެސޯސިއޭޝަނާއި، އަދި ވެސް ސަރުކާރުގެ އޮފީސްތަކާއި ކުންފުނުތަކުގެ އިތުރަށް ބައެއް ޖަމްޢިއްޔާ ޖަމާޢަތްތަކުން ބައިވެރިވެފައިވެއެވެ.
ތިމާވެއްޓަށް ގެއްލުންދޭ ޒާތުގެ ގިނަބާވަތްތަކުގެ ކުނި މިއަދުވަނީ ނަގައިފައެވެ.
މި ޕްރޮގްރާމް ރަސްމީކޮށް މިއަދު ފަށްޓަވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. މި ޕްރޮގްރާމް ފަށްޓަވައި ދެއްވުމަށްފަހު އެމަނިކުފާނު ވަނީ ޢަމަލީގޮތުން ސާފު ކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެންފައެވެ. މިރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ރާއްޖޭގެ ނަލަކަމާއި ސާފުކަން ދެމެހެއްޓެނިވި ގޮތެއްގައި ބާއްވައިގެން ނޫނީ ރާއްޖޭގެ މުއްސަނދިކަމުގެ ނަފާ އެންމެ ފުރިހަމައަށް ނުލިބޭނެ ކަމަށެވެ. ރައީސް ވިދާޅުވީ ކުނި ނައްތާލުމަކީ މުޅިރާއްޖެއަށްވެސް ކުރިމަތިވެފައިވާ އިޖުތިމާއީ މައްސަލައެއް ކަމަށެވެ. އޭގެސަބަބުން ތިމާވެށީގެ ނުރައްކާތެރިކަން ބޮޑުކަންވެސް ރައީސް ފާހަގަ ކުރެއްވިއެވެ.
މިޙަރަކާތް މުޅި ރާއްޖޭގައި މިއަދުވަނީ ފަށައިފައެވެ.