
"ސާފު ރާއްޖެ، އަހަރެންގެ ވެސް ޒިންމާ" ގެ ދަށުން މުޅި ރާއްޖެ ސާފު ކުރުމުގެ ޕްރޮގްރާމެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙަންމަދު ސޯލިޙް މިއަދު ފައްޓަވައި ދެއްވައިފިއެވެ.
މާލޭގައި މިއަދު އޮތް މި ރަސްމިއްޔާތުގައި ރައީސް ސޯލިޙް ވަނީ އަމަލީގޮތުން ސާފު ކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ކުނިވެސް ކައްސަވާފައެވެ. ރައީސްގެ އިތުރުން މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމާއި ސަރުކާރުގެ ބަޔެއް ވަޒީރުންވެސް އަމަލީގޮތުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގަތްޔޫމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެއިތުރުން މާލޭ ސިޓީ ކައުންސިލްގެ ބަޔެއް މެމްބަރުންނާއި ސަރުކާރު އޮފީސްތަކުގެ މުއައްޒަފުންވެސް ބައިވެރިވިއެވެ.
މިރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ރާއްޖޭގެ ނަލަކަމާއި ސާފުކަން ދެމެހެއްޓެނިވި ގޮތެއްގައި ބާއްވައިގެން ނޫނީ ރާއްޖޭގެ މުއްސަނދިކަމުގެ ނަފާ އެންމެ ފުރިހަމައަށް ނުލިބޭނެ ކަމަށެވެ. ރައީސް ވިދާޅުވީ ކުނި ނައްތާލުމަކީ މުޅިރާއްޖެއަށްވެސް ކުރިމަތިވެފައިވާ އިޖުތިމާއީ މައްސަލައެއް ކަމަށެވެ. އޭގެސަބަބުން ތިމާވެށީގެ ނުރައްކާތެރިކަން ބޮޑުކަންވެސް ރައީސް ފާހަގަ ކުރެއްވިއެވެ.
ރައީސް ވިދާޅުވީ ރަށްރަށުގައި އުފެދޭ ކުނި ނައްތާލުމަކީ ކޮންމެ މީހެއްގެވެސް ޒިންމާއެއް ކަމަށާއި އެހެންކަމުން ފަރުދުންގެ ޒިންމާ ނެގުން މުހިންމު ކަމަށެވެ.
ތިމާވެއްޓާބެހޭ ވުޒާރާއިން އިސްނަގައިގެން މިއަދު ފެށި މި ޕްރޮގްރާމްގެ މަގްސޮދަކީ ވެށި ސާފުކޮށް ބެލެހެއްޓުމުގެ ޒިންމާއަކީ ހުރިހާ މީހުންގެވެސް ޒިންމާއެއްގެ ގޮތުގައި ހެދުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.