
މާލެއަށް އިއްޔެ ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ޙާލުގައި ޖެހި ގެއްލުންވީ ފަރާތްތަކަށް އެހީވުމަށްޓަކައި ތިންލައްކަ ރުފިޔާގެ މާލީ އެހީއެއް މަޝްހޫރު ވިޔަފާރި ކުންފުނި ޔުނިވާސަލް އިން ދީފިއެވެ.
ޔުނިވާސަލްގެ ފަރާތުން މިފައިސާ ހަވާލުކޮށްފައި ވަނީ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރަށެވެ. ސެންޓަރުގައި އޮތް ކުޑަ ރަސްމިއްޔާތެއްގައި މިފައިސާއާ ހަވާލުވެވަޑައިގެންނެވީ ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީއެވެ. މިއީ ހާލުގައި ޖެހުނު މީހުންނަށް ޚަރަދު ކުރުމަށް އެކުންފުނިންދިން އެހީއެކެވެ.
އިއްޔެ މާލެއަށް ވެހުނު ބޯވާރޭގެ ސަބަބުން މާލޭގެ ބަޔެއް ގެތަކަށް ފެން ވަދެ، މީހުންނަށް ދިރިނޫޅެވޭވަރު ވެފައިވާތީ ބަޔެއް ގެތަކުން މީހުންވެސް ވަނީ ބަދަލުކޮށް ވަގުތީ ހިޔާތަކަށް ލާފައެވެ. ޔުނިވާސަލްއިން އެމީހުންނަށް ޚަރަދު ކުރުމަށް މާލީ އެހީތެރިކަން ހަވާލުކުރިއިރު ޑިޒާސްޓަރ ސެންޓަރުން މިހާރުވެސް ގެންދަނީ ޙާލުގައި ޖެހުނު މީހުންނަށް އެހީގެ ތަކެތި ފޯރުކޮށް ދެމުންނެވެ.
ރެކޯޑް އަދަދަކަށް މާލެއަށް ވާރޭވެހި ފެންބޮޑުވިއިރު ގެތަކުން މީހުން ބަދަލު ކުރަންޖެހުމުގެ އިތުރުން ޕާކު ކޮށްފައިވާ އެއްގަމު އުޅަނދު ފަހަރަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.