އައްޑޫ ވިމެންސް ޑިވެލޮޕްމެންޓް ކޮމިޓީ (ޑަބްލިޔުޑީސީ) ތިންވަނަ ދައުރަކަށް އިފްތިތާހު ކޮށްފިއެވެ.
ތިންވަނަ ދައުރުގެ އިފްތިތާހީ ޖަލްސާ ބާއްވައިފައިވަނީ ޝަރަފުއްދީން ސްކޫލުގައެވެ. މިރޭ ބޭއްވި ޖަލްސާ ޝަރަފްވެރި ކޮށްދެއްވީ އައްޑޫ ސިޓީގެ މޭޔަރ ޢަބްދުﷲ ޞާދިގެވެ.
މި ޖަލްސާގައި ވަނީ އައުދައުރަށް ކޮމިޓީއަށް ހޮވުނު މެމްބަރުން އިޤުރާރުގައި ސޮއި ކުރައްވައިފައެވެ. އޭގެ އިތުރަށް ނިމިގެން ދިޔަ ދެވަނަ ދައުރުގެ މެމްބަރުން ކޮށްދެއްވި ޚިދުމަތުގެ އަގުވަޒަންކޮށް ސިޓީކައުންސިލުންވަނީ އެބޭފުޅުންނަށް ހަނދާނީ ލިޔުން ދެއްވައިފައިވެއެވެ. އެލިޔުންތައް ޙަވާލުކޮށް ދެއްވީ ޝަރަފްވެރި މެހުމާން ޢަބްދުﷲ ޞާދިގެއެވެ.
މިރޭގެ ޖަލްސާގައިވަނީ ނިމިގެންދިޔަ ދައުރުގައި ކޮމިޓީ ހިނގައިދިޔަ ގޮތުގެ ޚުލާސާ ބަޔާން އިއްވައިފައެވެ. އެބަޔާން އިއްވީ ދެވަނަ ދައުރު ނިމުނުއިރު ރައީސާއަކަށް އިންނެވި ޝެހެނާޒު ރަޝީދެވެ.
މިރޭގެ ޖަލްސާގެ ޝަރަފްވެރި މެހުމާން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ޑަބްލިޔުޑީސީގެ މެމްބަރުން ކޮށްދެއްވައިފައިވާ ޚިދުމަތްތަކުގެ އަގު އެންމެ އެކަށީގެންވާ ވަރަށް ވަޒަން ކުރެވިފައިނުވާތީ އެކަމަށް ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ. ކުޑަކުޑު ކޮމިޓީ އެލެވަންސަކާއެކު ކޮމިޓީގެ މެމްބަރުން ކޮށްދެއްވާ އަގުހުރި ޚިދުމަތްތަކަކީ ވަރަށްބޮޑަށް ފާހަގަ ކުރަންޖެހޭ ކަމެއް ކަމަށްވެސް ޢަބްދުﷲ ޞާދިގު ވިދާޅުވިއެވެ. އަދި ދައުލަތުގެ ބަޖެޓު ކަނޑައަޅާއިރު މިފަދަ ކޮމިޓީތަކަށް އެއްޗެއް ނެތުމަކީ ވެސް ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއް ކަމަށް ވިދާޅުވިއެވެ.
ޑަބްލިޔުޑީސީއަކީ އައްޑޫ ސިޓީ ކައުންސިލްގެ ބެލެނިވެރިކަމުގައި އިންތިޚާބު ކޮށްގެން ހިންގާ ކޮމިޓީއެކެވެ. ކައުންސިލަށް ވީވަރަކުން ޑަބްލިޔުޑީސީއަށް މާލީ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ. އަދި ކައުންސިލަށް ބާރު ލިބުމުން ޑަބްލިޔުޑީސީ ހިންގާނެ ޢިމާރާތެއް ވެސް ދެއްވާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.