
މާލެ އަތޮޅު ދިއްފުށީގައި ޤާއިމްކޮށްފައިވާ ފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް މިއަދު ފަށްޓަވައިދެއްވައިފިއެވެ.
ދިއްފުށީގައި ޤާއިމްކޮށްފައިވާ ފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތް ފަށްޓަވައިދެއްވީ އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.
އެރަސްމިއްޔާތަށްފަހު ރައީސް ވަނީ އެރަށު ސްކޫލަށާއި، ކައުންސިލް އިދާރާއަށާއި، ދިއްފުށީ ހެލްތު ސެންޓަރަށް ޒިޔާރަތްކުރައްވައިފައެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން ކ. ދިއްފުށީގައި ގާއިމް ކުރެވިފައި މިވާ ފެނާ ނަރުދަމާގެ ނިޒާމް އެއްބަސްވުމުގައި ސޮއިކުރެވުނީ 2017 ވަނަ އަހަރު ފެބުރުއަރީ 19 ގައެވެ. ޢަމަލީ މަސައްކަތް ފަށައިފައިވަނީ 2017 ވަނަ އަހަރުގެ މާރިޗު 9 ވަނަ ދުވަހުއެވެ. މަސައްކަތް ނިންމުމަށްފަހު ޙަވާލުކޮށްފައިވާނީ 2018 ނޮވެމްބަރު 2 ވަނަ ދުވަހުއެވެ. އެރަށުގައި ގާއިމް ކުރެވިފައިވާ ނަރުދަމާގެ ނިޒާމަކީ 35 އަހަރަށް ޑިޒައިން ކޮށްފައިވާ ނިޒާމެކެވެ. އެކަން ކޮށްފައިވަނީ އީޕީއޭގެ ގައިޑްލައިނާ އެއްގޮތަށެވެ.
ދިއްފުށީގައި ގާއިމްކުރި ފެނާއި ނަރުދަމާގެ ނިޒާމަކީ އަލިފުޅު ތުއްތު ފައުންޑޭޝަނާއި މީރު އައިލެންޑް ރިސޯޓު ގުޅިގެން ހިންގެވި މަޝްރޫޢެކެވެ. އެމަޝްރޫޢު ޢަމަލީ ގޮތުން ހިންގަވައި ނިންމަވައި ދެއްވީ އަލްޓެކް މޯލްޑިވްސްގެ ފަރާތުންނެވެ.