
ސަރުކާރުގެ އަމާޒަކީ ވީހާވެސް ބޮޑަށް ކައުންސިލްތައް ބާރުވެރިކުރުވައި، ކައުންސިލްތަކަށް ދޫކޮށްލެވެން ހުރި ޒިންމާތައް ސަރުކާރުން ދޫކޮށްލެއްވުން ކަމަށް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު މިހެން ވިދާޅުވީ ހުވަދު އަތޮޅު ދެކުނުބުރީ ކައުންސިލްގެ މެންބަރުންނާއެކު ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމެއްގައެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ޢުމްރާނީ ވަސީލަތްތައް އިތުރުކޮށް، އިޤްތިޞާދީ ގޮތުން ކުރިއެރުން ހޯދުމުގައި ސަރުކާރުން ކަންކަން ރާއްވައި އެކަމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމުގައި މިނިސްޓްރީތަކުން މުހިންމު މަސައްކަތްތަކެއް ކުރައްވަމުން ގެންދާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ހުވަދު އަތޮޅު ދެކުނުބުރީ ރައްޔިތުންގެ ކަންބޮޑުވުންތަކާއި، އެމީހުންގެ އުއްމީދުތައް ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއާ ވަނީ ހިއްސާ ކުރައްވައިފައެވެ.
މިގޮތުން، އަތޮޅުގެ ޢުމްރާނީ އަދި އިޤްތިޞާދީ ތަރައްޤީއަށްޓަކައި ކައުންސިލުން ގެންގުޅޭ ވިސްނުން މެންބަރުން ހިއްސާ ކުރެއްވިއެވެ. އަދި ރައްޔިތުންގެ އާންމު ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމަށާއި، ހުރިހާ ދާއިރާއަކުން އަތޮޅު ތަރައްޤީކޮށް، އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ކައުންސިލް މެންބަރުން ވަނީ ވާހަކަ ދައްކަވައިފައެވެ.
ހިންގުމުގެ ނިޒާމުގެ ތެރެއިން ކައުންސިލްތަކުގެ ދައުރު އިތުރުކޮށް، ލާމަރުކަޒީ އުސޫލުން ދައުލަތުގެ ހިންގުން ހަރުދަނާ ކުރެވޭ ގޮތްތަކާމެދުވެސް މިއަދުގެ ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރައީސާއެކު މަޝްވަރާ ކުރައްވައިފައެވެ.