ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދް ޞާލިޙް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ހޮނިހިރު ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މިއަދުގެ ބައްދަލުވުމުގައި ބޮޑުވަޒީރު މޯދީވަނީ ރައީސް އިބްރާހީމް މުޙައްމަދް ޞާލިޙަށް ތަހުނިޔާ ވިދާޅުވެފައެވެ.
މިއަދުގެ ބައްދަލު ކުރެއްވުމުގައި ދިވެހި ރާއްޖެއާއި އިންޑިއާ އާއި ދެމެދު އޮތް ދުވަސްވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވައި ދެ ގައުމުެގ ގުޅުްނ އިތުރަށް ހަރުދަނާ ކުރައްވާނެ ގޮތްތަކާ މެދު މަޝްވަރާ ކުރެއްވިއެވެ. އޭގެ އިތުރުން ބޮޑުވަޒީރު މޯދީ ރާއްޖޭގެ އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީ އަށް އިންޑިއާއިން އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
ރައީސް އިބްރާހީމް މުޙައްމަދް ޞާލިޙް ވަނީ އިންޑިއާއިން ރާއްޖެއާއި މެދު އިންޑިއާއިން ބަހައްޓަވާ ގާތްކަމާއި ވެދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.
އޭގެ އިތުރުން ދެ ލީޑަރުން އިންޑިއާ ކަނޑުގެ ސަރަހައްދުގައި ސުލްޙަ ގާއިމުކޮށް ސަރަހައްދުގެ ސުލްހަ މަސަލަސް ކަން ގާއިމުކޮށް ދެމެހެއްޓުމުގެ މުހިއްމު ކަމާމެދު މަޝްވަރާ ކުރެއްވިއެވެ.
މޯދީ ވަނީ ރައީސް އިބްރާހީމް މުޙައްމަދް ޞާލިޙް އަށް އިންޑިއާ އަށް ވަޑައިގެންނެވުމަށް ދައުވަތު އަރުވާފައެވެ. އަދި ރައީސް ވަނީ މި ދައުވަތު ގަބޫލުފުޅު ކުރައްވާފައެވެ.