ޕާކިސްތާނުގެ ބަލޯޗިސްތާނު ޕްރޮވިންސްގެ މަސްތުންގުގައި ބޮމެއް ގޮއްވާލައިގެން އިއްޔެ ދިން ނުރައްކާތެރި ހަމަލާއެއްގައި 128 މީހުން މަރުވެ 200 މީހުންނަށްވުރެ ގިނައިން ޒަޚަމްވެއްޖެއެވެ. މަރުވި މީހުންގެ ތެރޭގައި ބަލޯޗިސްތާނު އަވާމީ ޕާޓީ (ބީއޭޕީ) ގެ ފަރާތުން އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓަކުވެސް ހިމެނެއެވެ. މަރުވި ކެންޑިޑޭޓަކީ ނަވާބްޒާދާ ސިރާޒު ރައިސާނީއެވެ. އޭނާއަކީ އެ ޕްރޮވިންސުގެ ކުރީގެ ޗީފް މިނިސްޓަރު ނަވާބްޒާދާ އަސްލަމް ރައިސާނީގެ ކޮއްކޮއެކެވެ.
މިއީ ޕާކިސްތާނުގައި 25 ޖުލައިގައި ބޭއްވުމަށް ހަމަޖެހިފައިވާ އާއްމު އިންތިޚާބުގެ ކެމްޕޭން ހަރަކާތްތައް ދެމުން ގެންދާ ހަމަލާތަކުގެ ތެރެއިން މިހާތަނަށް ދިން އެންމެ ނުރައްކާތެރި ހަމަލާއެވެ. އިސްލާމިކް ސްޓޭޓް (އައިއެސް) އިން ވަނީ މި ހަމަލާގެ މަސްއޫލިއްޔަތު އުފުލާފައެވެ.
"މަރުވި 128 މީހުން ވަނީ ތަފާތު ހަ ހޮސްޕިޓަލަކަށް ގެންދެވިފައި. 200 އަށްވުރެ ގިނަ މީހުން ޒަޚަމުވެފައި އެބަތިބި. އޭގެ ތެރެއިން 15 އާއި 20 އާ ދެމެދު އަދަދެއްގެ މީހުންގެ ހާލު ދެރަ." ބަލޯޗިސްތާނުގެ ސިއްހަތާ ބެހޭ ވަޒީރު ފާއިޒު ކައްކަރު ވިދާޅުވިއެވެ. "ޒަޚަމްތަކުގެ ސަބަބުން ސިރާޖު ރައިސާނީ ނިޔާވީ އޭނާ ކުއެޓާ (ބަލޯޗިސްތާނު ޕްރޮވިންސުގެ ވެރިރަށް) އަށް ގެންދިއުމުގެ މަގުމަތީގައި" އޭނާ އިތުރަށް ވިދާޅުވިއެވެ.
މަސްތުންގުގައި އިއްޔެ ދިން ބޮމުގެ ހަމަލާއަކީ 2014 ވަނަ ޑިސެންބަރު މަހު ޕެޝާވަރުގައި ސިފައިން ހިންގާ ސްކޫލަކަށް ޕާކިސްތާނު ޠާލިބާނުން ދިން ހަމަލާއަށް ފަހު ޕާކިސްތާނުގައި ދެވެނު އެންމެ ލޭ އޮހޮރުން ބޮޑު ހަމަލާއެވެ. އެފަހަރުގެ ހަމަލާގައި 141 މީހުން މަރުވެފައި ވެއެވެ.
މިފަހަރުގެ އިންތިޚާބާ ދިމާކޮށް މިމަހު 9 ވަނަ ދުވަހު ޕެޝާވަރުގައި ދިން ހަމަލާއެއްގައި 22 މީހުން މަރުވެ 19 މީހުން ޒަޚަމުވެފައި ވެއެވެ. އެ ހަމަލާގެ މަސްއޫލިއްޔަތު އުފުލީ ޕާކިސްތާނު ޠާލިބާނުންނެވެ. އެހަމަލާގައިވެސް ކެންޑިޑޭޓަކު މަރުވެފައި ވެއެވެ.
އިންތިޚާބީ ހަރަކާތްތަކަށް ދޭ ހަމަލާތައް އިތުރުވުމާ ގުޅިގެން، ކެންޑިޑޭޓުންނަށް ދައުލަތުން ހިމާޔަތްދީ އެމީހުންގެ ރައްކާތެރިކަމަށް ފިޔަވަޅު އެޅުމަށް ޕާކިސްތާނުގެ ޚަބަރުފަތުރާ ބައެއް ވަސީލަތްތަކުން ދަނީ ގޮވާލަމުންނެވެ.