ޖަމާލް ޚާޝުޤްޖީގެ ގަތުލު: މުޙައްމަދު ބިން ސަލްމާންގެ ރަސްކަން ނުރައްކަލުގެ ތެރެއަށް؟

2015 ވަނަ އަހަރު ރަސްކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ސަލްމާން ވަނީ ބައެއް ކަހަލަ އަސާސީ ބަދަލުތައް ގެންނަވާން ފައްޓަވައިފައެވެ. ހިންގެވުމުގެ ހުނަރެއް ނެތް އެކަމަކުވެސް ލޯބިފުޅުވާ ދަރިކަލުން މުޙައްމަދު ބިން ސަލްމާނަށް ވަލީ ޢަހްދުގެ ނާއިބުކަން ދެއްވުމަކީވެސް މި ބަދަލުތަކުގެ ތެރޭގައި ހިމެނުނު ކަމެކެވެ. މުޙައްމަދު ޝާހީ ދަރުބާރަށް ބާރު ފޯރުއްވައި އަމިއްލަފުޅު ބާރު ގަދަ ކުރެއްވި މިންވަރު ނިކަން ދެކިވަޑައިގެން ބައްލަވާށެވެ. 2017 ވަނަ އަހަރުގެ ޖޫން މަހާ ހަމައަށް އައި އިރު އެމަނިކުފާނު ހުންނެވީ ސީދާ ވަލީ ޢަހްދަށް ވެވަޑައިގެންފައެވެ. މީގެ އިތުރަށް އިގްތިސާދީ ކައުންސިލްގެ ވެރިއަކަށްވެސް ވެވަޑައިގެންފައެވެ. އެޔާއެކު މުޅި ޝާހީ ދަރުބާރުގެ ވެރިކަން ހޯއްދަވައިފިއެވެ.

ލޯބިފުޅުވާ ދަރިކަލުންނާ ހުރިހައި ޒިންމާއެއް ހަވާލު ކުރެއްވުމަށް ފަހު ސަލްމާން އަރާމު ކުރައްވާން ފައްޓަވައިފިއެވެ. ރިޔާސަތުގެ ކަންތައްތަކާ ބެހިވަޑައިނުގަންނަވައި ހުންނެވުމުގެ ނަތީޖާ ނުކުތީ ރަނގަޅަކަށް ނޫނެވެ. އެންމެ ފަހުން ރަސްގެފާނު އަޒުލު ކުރައްވާން ވަލީ ޢަހްދު އުޅުއްވާ ކަމުގެ ޚަބަރުތައްވެސް ފެތުރިގެން ދިޔައެވެ. އަދި މަންމާފުޅަށް އެކަމަނާގެ ފިރިކަލުން ސަލްމާންގެ ފައިންޕުޅު ނުފެންނަވަރުވެސް ކުރެއްވި ކަމަށް ކިޔައި އުޅުނެވެ. ސަލްމާން އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނުގެ އަަނބިކަނބަލުން އާލާސްކަންފުޅާ އުޅުއްވާ ކަމަށާއި ނިވްޔޯކުގެ ހަސްފަތާލެއްގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ކަމަށް އެމެރިކާގެ އޭރުގެ ރައީސް ބަރަކް އޮބާމާއަށް ދެންނެވި ކަމަށް ޚަބަރު ފެތުރުނެވެ. އެކަމަކު ފަހުން އެނގުނު ގޮތުގައި އެކަމަނާ ނިވް ޔޯކުގެ ހަސްފަތާލަކަށް ކީއްކުރަންތޯ، އެމެރިކާއަކަށްވެސް ވަޑައެއް ނުގަންނަވައެވެ.

ހިފެހެއްޓުމެއް ނެތް ބާރާއި އިޚްތިޔާރު ލިބިވަޑައިގަތުމާއެކު މުޙައްމަދު ބިން ސަލްމާން އެންމެ ފުރަތަމަ ޔަމަނާ ހަނގުރާމަ ފައްޓަވައިފިއެވެ. 2017 ވަނަ އަހަރު ޤަޠަރާ ގުޅުން ކަނޑުއްވައިލައްވައިފިއެވެ. އީރާނާއި ސޫރިޔާ އާ ދެމެދު އޮތް ހަމަނުޖެހުންގަނޑުގެ ތެރެއަށް އަމިއްލަފުޅަށް ވެދެވަޑައިގެން، ސޫރިޔާގެ ބާޣީންނަށް އެހީތެރިކަން ދެއްވާން ފައްޓަވައިފިއެވެ. ލުބްނާނުގެ ބޮޑު ވަޒީރު ރިޔާޒަށް ގެންދަވައި ގަދަކަމުން އިސްތިޢުފާ ދެއްވުވައިފިއެވެ. ކެނެޑައާއެކު ޑިޕްލޮމެޓިކް އަރައިރުންވެ ވަޑައިގެންފިއެވެ. ޤައުމުގެ އެތެރެއަށް ބަލާނަމަ، ބާރުގަދަ ޝެހެޒާދާއިންނާއި (ޕްރިންސުން) ބޮޑެތި ވިޔަފާރިވެރިންގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތު ކުރައްވައި ޖަލަށް ލައްވުވައި، އިފުލާސް ކުރުއްވައި، ފިއްތެވުމުގެ ސަބަބުން ބައިޢަތު ހިއްޕަވަން އެބޭފުޅުންނަށް މަޖުބޫރު ކުރައްވައިފިއެވެ.

މި ހުރިހައި ކަންތައްތަކެއް ކުރެއްވި އިރުވެސް ވަލީ ޢަހްދު މުޙައްމަދު ބިން ސަލްމާނަކަށް މާބޮޑު ހުރަހަކާާ ކުރިމަތިވެ ވަޑައެއް ނުގަނެއެވެ. އެމަނިކުފާނު ކޮރަޕްޝަނާ ދެކޮޅަށް ކުރެއްވި ކަންތައްތަކަށް ދުނިޔޭގެ ބައެއް ސިޔާސީވެރިން ކޮންމެވެސް ވަރަކަށް ތަރުހީބު ދެއްވިއެވެ. އަދި އެބޭފުޅުންގެ އަމިއްލަފުޅު ބޭނުންފުޅުތަކަށް އެވާހަކަ ބޭނުންފުޅުވެސް ކުރެއްވިއެވެ. ތައުރީފުވެސް ކުރެއްވިއެވެ. އެހެންނަމަވެސް ކޮންމެ ކަމެއްވެސް ގަދަބާރުން ކުރައްވާން އާދަފުޅުވެފައިވާ ޝެހެޒާދާ ޝާހީ ޚާންދާނާއި އެމަނިކުފާނުގެ ސިޔާސަތުތަކަށް ފާޑު ވިދާޅުވަމުން ގެންދެވި ނޫސްވެރިޔާ ޖަމާލް ޚާޝުޤްޖީގެ މައްސަލަ ހަމަޖައްސަވާން އެޅުއްވި ފިޔަވަޅުފުޅު ވެގެން ދިޔައީ ވަރަށް ބޮޑު ނުބަޔަކަށެވެ. އެމަނިކުފާނު ހީފުޅު ކުރެއްވީ އެހެން ކަންތައްތަކެކޭ އެއްފަދައިން މި ކަމަކީވެސް ބަޔަކު މާ ބޮޑު ސަމާލުކަމެއް ނުދޭނޭ އާދައިގެ ކަމަކަށް ވެގެން ހިނގައިދާނޭ ކަމަށެވެ. ޖަލާމް ޙާޝުޤްޖީއަކީ ސުޢޫދީ ޝާހީ ޚަންދާނުގެ ސިއްރުތައް ދެނަވަޑައިގަންނަވާ ބޭފުޅެކެވެ. އަދި މުޙައްމަދު ބިން ސަލްމާންގެ ސިޔާސަތުތަކަށް ފާޑު ވިދާޅުވުމާއެކުވެސް މުޙްސިނުންގެ އިޙްސާންތެރިކަން ހަނދުމަފުޅު ބެހެއްޓެވި ބޭފުޅެކެވެ.

ޖަމާލް ޚާޝުޤްޖީ އަކީ ޒުވާން ދުވަސްވަރު އުސާމާ ބިން ލާދަންއާ ގާތް އެކުވެރިކަމެއް ބޭއްވެވި ބޭފުޅެކެވެ. ނޫސްވެރިކަމުގެ މަސައްކަތުގައި ކުރީގެ ސުޢޫދީ އިންޓެލިޖެންސްގެ ވެރިޔާ ތުރުކީ އަލްފައިޞަލްގެ އެހީތެރިކަން ލިބިވަޑައިގަތް، އަދި އެ ހެޔޮފުޅުކަން ހަނދުފަޅުވެސް ބެހެއްޓެވި ބޭފުޅެކެވެ. އެ ދުވަސްވަރު ސުޢީދީ އިންޓެލިޖެންސްގެ މަދަދާއެކު އަފްޣާނިސްތާނަށް ވަޑައިގެން އެތާނގެ ޚަބަރުތައް ގެނެސްދެއްވުމުގެ ހުއްދަ ސީއައިއޭއިން ހޯއްދެވިއެވެ. އުސާމާ ބިން ލާދަން އާއި ޖަމާލް ޚާޝުޤްޖީއާ ދެ ބޭފުޅުންނަކީ އިޚްވާނުލްމުސްލިމީންގެ މެންބަރުންނެވެ. އެހެންނަަމަވެސ 1990 ވަނަ އަހަރާ ހަމައިން ޖަލާމްގެ ވިސްނުންފުޅު ބަދަލު ވެއްޖެއެވެ. ޖުމްހޫރީ މިނިވަންކަމާއި، ޚިޔާލު ފައުޅު ކުރުމުގެ މިނިވަންކަމަށް ވަކާާލާތު ކުރައްވާ ބޭފުޅަކަށް ވެވަޑައިގެންފިއެވެ.

1995 ވަނަ އަހަރު އޭނާާ އުސާމާ ބިން ލާދަންގެ ބަސްދީގަތުމެއް ހޯއްދެވިއެވެ. އެ ބަސްދީގަތުމުގައި އުސާމާ ދެއްކެވި ވާހަކަފުޅުތަކާާ ފައުޅުގައި ޖަމާލް ދެކޮޅު ހެއްދެވިއެވެ. އެ ބަސްދީގަތުމުގައި އުސާމާ ވިދާޅުވެފައި ވަނީ އޭނާގެ ޖަމާޢަތުގެ މަސައްކަތުން ޢަރަބި ދުނިޔެއިން އެމެރިކާ ނެރެ އެއްލައިލާނޭ ކަމުގައެވެ. ޖަމާލް ޚާޝުޤްޖީ އުސާމާއަށް ބާރު އަޅުއްވަމުން ގެންދެވީ ނިރުބަވެރިކަމާއި ހަރުކަށި ޚިޔާލުފުޅުތަކުން ފެއަށް ޖެހިވަޑައިގަންނަވާށެވެ. އޭނާ ވިދާޅުވި ގޮތުގައި އުސާމާގެ ވާހަކަފުޅަކީ ހަނގުރާމަައެއް އިއުލާނު ކުރުން ފަދަ ކަމެކެވެ. އެ ވާހަކަފުޅުގެ ސަބަބުން އުސާމާގެ ފަހަތްޕުޅުން އަޅައިގަތުމުގެ ބަހަނާއެއް އެމެރިކާާއަށް ލިބުނީއެވެ. ޖަމާލުގެ އެތައް އާދޭހަކާއެކުވެސް ސުލްހަވެރި ވާހަކަފުޅެއް ދައްކަވަން އުސާމާ އެއްބަސްވެ ވަޑައެއް ނުގަތެވެ. ޖަމާާލް އެންމެ ފަހުން އަފްޣާން ހަގުރާމައިގެ މާާޔޫސްކަމުގައި ހުންނަވައިގެން އެއީ މުޅި ސަރަހައްދު ފަނާކޮށްލުން ކަަމަށް ވިދާޅު ވެއްޖެއެވެ.

ޖަމާލް ޚާޝުޤްޖީ ސުޢޫދީ ޝާހީ ޚާންދާނަށާއި ސަލްމާން ރަސްގެފާނަށް ފާޑު ވިދާޅުވާން ފެއްޓެވީ އިއްޔެއަކު މިއަދަކު ނޫނެވެ. އަފްޣާނިސްތާނުން ރޫސީ ވިލާތާ ދެކޮޅަށް ޖިހާދު ކުރި ދުވަސްވަރުވެސް އޭނާ ގެންދެވީ ފާޑު ވިދާޅުވަމުންނެވެ. އެ ދުވަސްވަރު ސުޢޫދީ ޢަރަަބިއްޔާއިން ގެންދިޔައީ އަފްޣާނިސްތާނަށް ވަރަށް ބޮޑަށް އެހީތެރި ވަމުންނެވެ. ރޫބެން ބަރނެޓަކީ ނިވް ޔޯކު ޔުނިވަރސިޓީގެ ސެންޓަރ އޮފް އިންޓަރނޭޝަނަލް ކޯޕަރޭޝަންގެ ސީނިއަރ ފެލޯ އެކެވެ. އޭނާ އަކީ އަފްޣާނިސްތާނުގެ މައްސަލައިގެ މާހިރެކެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި އޭނާއާ ފުރަތަމަ ފަހަރަށް ޖަމާލް ޚާޝުޤްޖީއާ ބައްދަލުވެ ވަޑައިގަތީ 1989 ވަނަ އަހަރު ޖިއްދާގައެވެ. ޖަމާލްް ވަނީ އެ ބައްދަލުވުމުގައި، އަފްޣާނިސްތާނުގައި އޭނާއަށް ކުރެއްވުނު ތަޖުރިބާ ހިއްސާ ކުރައްވައިފައެވެ. އެ ދުވަސްވަރު މިހާރުގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒަކީ ޝެހެޒާދާއެކެވެ. އެ ދުވަހު އޭނާ ވިދާޅުވި ކަމަށް ރޫބެން ވިދާޅުވެފައިވާ ގޮތުގައި ވަކި ޚާއްސަ ދީނީ ބަޔަކަށް އެކަނި އެހީތެރިކަން ފޯރުކޮށްދެއްވުމަކީ ޖިހާދަށް ގެއްލުން ވަމުން ދިޔަ ކަމެކެވެ.

ސުޢޫދީ ޝާހީ ޚާންދާނުން ޖަމާލް ޚާޝުޤްޖީގެ ބެލެނިވެރިކަން ކުރެއްވީ ނުވަތަ އެހީތެރިކަން ފޯރުކޮށް ދެއްވަމުން ގެންދެވީ ދެ ބޭފުޅެކެވެ. އެއީ ފައިޞަލް ރަސްްގެފާނުގެ ދެ ދަރިކަލުން ކަމުގައިވާ ތުރުކީ އަލްފައިޞަލާއި، ސުޢޫދު އަލްފައިޞަލެވެ. ތުރުކީ އަލްފައިޞަލް ސުޢޫދީ އިންޓެލިޖެންސްގެ ވެރިކަން ކުރެއްވިއެވެ. ސުޢޫދު އަލްފައިޞަލް ވަނީ ސުޢޫދީ ޚާރިޖީ ވަޒީރުކަން ދިގު މުއްދަތަކަށް ކުރައްވައިފައެވެ. ދެ ބޭފުޅުންނަކީވެސް ޝާހީ ޚާންދާނުގައި ތިއްބެވި ޒަމާނީ ފިކުރުގެ ދެ ބޭފުޅުން ކަމުގައި އޮތީ މަޝްހޫރު ވެފައެވެ. ޖަމާލަށް ފައިޞަލް ޚާންދާނުގެ ނޫހެއް ކަމުގައިވާ "އަލްވަޠަން" ގެ އެޑިޓަރުކަންވެސް ލިބިވަޑައިގަތެވެ. އެކަމަކު ދެމަސް ދުވަސްވެސް ނުވަނީސް އޭނާ ވަޒީފާއިން ވަކި ކުރައްވައިފިއެވެ. އެއީ ސުޢޫދީ ދީނީ ކަންކަމަށް ފާޑު ވިދާޅުވާން ފެއްޓެވީމައެވެ. ވަޒީފާއިން ވަކި ކުރެއްވި ނަމަވެސް އެ ޚާންދާނަކުން ޖަމާލާ ގުޅުން ކަނޑުއްވައެއް ނުލައްވައެވެ. އެ ދުވަސްވަރު ތުރުކީ އަލްފައިޞަލް ހުންނެވީ ސުޢޫދީ ސަފީރެއްގެ ގޮތުގައި ލަންޑަނުގައެވެ. އޭނާ ޖަމާލަށް ސަފާރަަތުޚާނާގެ ވަޒީފާއެއް ދެއްވިއެވެ. އެއީ ޖަމާލް ސުޢޫދީ ޢަރަބިއްޔާގައި ހުންނެވުމުން އޭނާގެ ފުރާނަފުޅަށް ނުރައްކާތެރިވާ ކަމަށް ދެކެވަޑައިގެން އޭނާ ގައުމުން ބޭރަށް ގެންދަވާން ވެގެން ދެއްވި ވަޒީފާއެކެވެ. ފަހުން ތުރުކީ އަލްފައިޞަލް އެމެރިކާއަށް ބަދަލު ކުރެއްވީމާ ވޮޝިންގޓަނަށް ވަޑައިގަތް ދަތުރުފުޅުގައިވެސް އަރިހުގައި ޖަމާާލް ގެންދެވިއެވެ.

ތުރުކީ އަލްފައިޞަލް ސަފީރުކަމުން ވަކި ކުރެއްވީ 2007 ވަނަ އަހަރުއެވެ. އޭނާގެ އަރިހުގައި އަނެއްކާވެސް ޖަމާލް އެނބުރި ވަޒަނަށް ވަޑައިގަތުމާއެކު "އަލްވަޠަންގެ" އެޑިޓަރުކަން ދެވަނަ ފަހަރަށް ދެއްވައިފިއެވެ. މިފަހަރު 2010 ވަނަ އަހަރާ ހަމައަށް ވަޒީފާގައި ދެމި ހުންނެވިއެވެ. އެކަމަކު އަނެއްކާވެސް ހައްދުފަހަަނައަޅައިފައިވާ މީހުނާ ދެކޮޅަށް ލިޔުއްވާން ފެއްޓެވީމާ ވަޒީފާއިން ވަކި ކުރައްވައިފިއެވެ. މި ފަހަރު އޭނާއާ އެހީތެރިވެ ވަޑައިގަތީ ޒަމާނީ ފިކުރުގެ ޝެހެޒާދާއެއް ކަމުގައިވާ ވަލީދު ބިން ޠަލާލެވެ. ވަލީދު އެ ދުވަސްވަރު ވަނީ ޤަޠަރުގެ އަލްޖަޒީރާ ޓީވީއާ ވާދަ ކުރެއްވުމަށްޓަކައި "އަލްޢަރަބް" ގެ ނަމުގައި ޓީވީ ޗެނަލެއް އުފެއްދެވުމުގެ މަސައްކަތް ކުރައްވަމުންނެވެ. ހަތަރު އަހަރުގެ ރޭވުމާއި މަސައްކަތަށް ފަހު މި ޗެނަލްގެ އޮންއެއަރ ކުރެވުނީ 2015 ވަނަ އަހަރުއެވެ. ފުރަތަމަ ދުވަހު ބަޙްރައިންގެ ޝީޢާ ދަންނަބޭކަލެއްގެ ބަސްދީގަތުމެއް އަލްޢަރަބް ޗެނަަލުން ދެއްކިއެވެ. އޭނާ އެ ބަސްދީގަތުމުގައި ބަޙްރައިންގެ ރަސްކަމަށް ވަރަށް ހަރުކަށިކޮށް ފާޑު ވިދާޅުވިއެވެ. ނަތީޖާއެއްގެ ގޮތުން ހަމަ އެދުވަހު ބަޙްރައިންގައި އަލްޢަރަބް ޗެނަލް ބެލުމާއި ދެއްކުން މަނާ ކޮށްފިއެވެ.

ޖޫން 2017 ގައި އޭރުގެ ވަލީ ޢަހްދު މުޙައްމަދު ބިން ނާއިފް ގަދަކަމުން މަގާމުން ދުރު ކުރެއްވުމަށް ފަހު، ވަލީ ޢަހްދަކަށް ޚުދު މުޙައްމަދު ބިން ސަލްމާން ވެވަޑައިގެންފިއެވެ. އަދި 2017 ވަނަ އަހަރުގެ ނޮމެންބަރު މަހު ޝެހެޒާދާއިންނާއެކު 200 ބޭފުޅުންނަށް ހޮޓެލް ރިޓްޒް ކާރލްޓަންއަށް ވަޑައިގަތުމަށް ދަޢުވަތު ދެއްވިއެވެ. އެ ބޭފުޅުން ވަޑައިގަތީމާ އެތަނުން އެތަނަށް އެ ހުރިހައި ބޭފުޅުން ހައްޔަރު ކުރައްވައިފިއެވެ. މި ހާދިސާގެ ސަބަބުން ޖަމާލް ޚާޝުޤްޖީ ވަރަށް ބޮޑަށް ހުސިޔާރުވެ ވަޑައިގެންފިއެވެ. އެންމެ ފަހުން އެމެރިކާއަށް ދިރިއުޅުއްވުން ބަދަލު ކުރައްވައިފިއެވެ. ސެޕްޓެންބަރު 2017 ގައި ވޮޝިންގޓަން ޕޯސްޓްގެ ގްލޯބަލް އޮންލައިން އެޑިޝަންގެ ދާއިމީ ކޮލަމިސްޓެއްގެ ވަޒީފާ ޖަމާލަށް ލިބިވަޑައިގެންފިއެވެ. އޭނާ ފުރަތަމަ ލިޔުއްވި ކޮލަމުގައި ހިތްޕުޅުގައި ހުރި ހުރިހައި ކޯފާއެއް ބޭރު ކުރައްވައިފިއެވެ.

ފައިޞަލް ޚާންދާނާއި ވަލީދު ބިން ޠަލާލާ އޮތް ގުޅުމާއި ދެއްކެވި ވަފާދާރީ އާއި ޖަމާލްގެ މިނިވަން ޚިޔާލުފުޅު ވެގެން ދިޔައީ ޝާހީ ޚަންދާނަށް ބަރުދާސް ނުކުރެވޭ ވަރުގެ ކަންތައްތަކެއް ކަމުގައެވެ. ޖަމާލް ޚާޝުޤްޖީ ތުރުކީއަށް ވަޑައިގަތީ އޭނާގެ ލޯބިވެރިޔާއާާ ކާވެނި ކުރައްވައިގެން ތުރުކީގައި ވަޒަންވެރިވެ ވަޑައިގަންނަވާން ގަސްތު ކުރައްވައިގެންނެވެ. ސަފާރަތުޚާނާއަށް ވަޑައިގަތީ އެތަނުން ބޭނުންފުޅުވާ މުހިއްމު ލިޔުންތަކެއް ހޯއްދަވާށެވެ. އެމެރިކާގެ އިންޓެލިޖެންސުން ވަގަށް އަޑުއެހި ފޯނު ކޯލަކުން އެނގުނު ގޮތުގައި އޭރު ސުޢޫދީ ވެރިން ގެންދެވީ ކޮންމެވެސް ހީލަތަކުން ޖަމާލު އަނބުރައި ގައުމަށް ގެނެވޭނޭ ގޮތެއް ރާއްވަވަމުންނެވެ.

ސަފާރަތުޚާނާއަށް ވަޑައިނުގަންނަވާން އެކުވެރިން ޖަމާލަށް ލަފާ އެރުވިއެވެ. އެހެންނަމަވެސް އޭނާ ވިދާޅުވީ ސަފާރަތުޚާނާގައި ތިބޭނީ އޭނާ ކަހަލަ އާދައިގެ މީހުން ކަމަށާއި، އެމީހުން ދެކެ ބިރުގެންވަޑައިގަތުމަކީ ބޭކާރު ކަމެއް ކަމުގައެވެ. އޭނާގެ ފުރާނަފުޅު ދިޔައީ މި އިތުބާރުގެ ސަބަބުންނެވެ. ތުރުކީ މީޑިއާއިން ވަނީ ޖަމާލް ޚާޝުޤްޖީގެ ގަތުލުގެ ރޭވުމާއި، ގާތިލުންގެ ފޮޓޯއާއި، އައިސް ގޮސް ވުމުގެ ހުރިހައި ތަފުސީލަކާއި، ސަފާރަތުޚާނާގެ އެތެރޭގައި ޖަމާލާ މެދު ކަންތައް ކުރި ގޮތް ހެއްކާއެކު ހާމަ ކޮށްފައެވެ.

ތުރުކީގެ ބިމުގައި ޖަމާލް ޚާޝުޤްޖީ ގަތުލު ކުރުމުން ތުރުކީގެ ރައީސް ޠައްޔިން އުރްދުވާނަށް ވަނީ ބަދަލު ހިއްޕެވުމުގެ ފުރުސަތު ފިސާރި ރަނގަޅަށް ލިބިވަޑައިގެންފައެވެ. އޭނާ ސީދާ އެއްވެސް ވާހަކަފުޅެއް ނުދައްކަވައެވެ. އޭނާ ބޭނުން ކުރެއްވީ މީޑިއާއެވެ. ހެއްދެވި ގޮތަކީ ގާާތިލުންގެ ފޮޓޯއާއި، ޕާސްޕޯޓުގެ މައުލޫމާތާއި، އިމިގްރޭޝަންގެ އެހެން މައުލޫމާތުތަކާއި، އެމީހުން ތިބި ހޮޓަލުން ލިބޭން ހުރި މައުލޫމާތަށް ދާންދެން މީޑިއާއަށް ދެއްވީއެވެ. ސުޢޫދީ އިންޓެލިޖެންސްގެ މީހުންނާއި، ސިފައިންނާއި، ފޮރެންސިކްގެ ވެރިޔާ މި ޖަމާޢަތުގައި ހިމެނުމަކީ ޖަމާލްގެ ގަތުލުގައި ސުޢޫދީ ސަރުކާރުގެ އަތެއް އެބައޮތް ކަމަށް ކުރެވުނު ޝައްކަށް ލިބިގެން ދިޔަ ވަރަށް ބޮޑު ބާރެކެެވެ.

ސޫރިޔާާގެ ކުރުދީ ބާޣީންނަށް ސުޢީދިން މަދަަދު ފޯރުވައި ދޭތީ އުރްދުވާާން ހުންނެވީ ވަރަށް ބޮޑަށް ކޯފާ ވެފައެވެ. ޤަޠަރާ ގުޅުން ކަނޑައިލުމާއި، އީރާނާއި ސޫރިޔާއާ މެދު ކަންތައް ކުރެވެމުންދާ ގޮތުގެ ސަބަބުން ތުރުކީއާއި ސުޢޫދީ ޢަރަބިއްޔާއާ ދެމެދު ވަނީ ނުތަނަވަސްކަން އުފެދިފައެވެ. އެކަމަކު ފަހުން ގުޅުން ނުއުފެދޭ ފެންވަރުގެ ކަމެއް ކުރައްވާކަށް އުރްދުވާން ބޭނުންފުޅެއް ނުވެއެވެ.

ތުރުކީއަކީ ޑިޕްލޮމެޓިކް ދާއިރާގެ ކުޅަދާނަ ފަންނުވެރިއެކެވެ. ބޭނުން ކަމެއް ހާސިލުކޮށް ގަތުމަށްޓަކައި މައްސަލައެއް ނުބައިން ނުބަޔަށް ގެންދާނޭ ގޮތާއި، ބޭނުން ވެއްޖެނަަމަ ހެވަސް ބަދަލު ކޮށްލާނޭ ގޮތް ތުރުކީ ސަރުކާރަށް ފިސާރި ރަނގަޅަށް އެނގެއެވެ. މިހާރު ތުރުކީން ދަނީ ޖަމާލް ޚާޝުޤްޖީގެ މައްސަލައިގައި އެއްފަހަރާ ދެ ގައުމަކާ ކުޅެމުންނެވެ. އެމެރިކާއާއި، ސުޢޫދީ ޢަރަބިއްޔާއާއެކު "ޑީލެއް" ހެދުމުގެ މަސައްކަތް ކުރަމުންނެވެ. ޖަމާލް ވެވަޑައިގެންފައި ވަނީ ދުނިޔޭގައި ހުންނެވި އިރު ވެރިން ޖެއްސެވި ބޯޅައަކަށެވެ. ދުނިޔެ ދޫކުރެއްވުމަށް ފަހު ވެވަޑައިގެންފައި މި ވަނީ ތިން ގައުމެއްގެ މެދުގައި އޮތް ނާޒުކު މައްސަލައަކަށެވެ.

ޖަމާލް ޚާޝުޤްޖީގެ ގަތުލަށް ފަހު މުޙައްމަދު ބިން ސަލްމާންގެ ކުރިމަގާ މެދު މި ވަނީ ސުވާލު އުފެދިފައެވެ. މުޙައްމަދު ބިން ސަލަމާން ވަނީ އެތައް މަސައްކަތަކަށް ފަހު އިސްލާހަށް ލޯބި ކުރައްވާ ބޭފުޅެއްގެ ލަގަބު ހޯއްދަވައިފައެވެ. ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަނބިދަރިކަލުން އަދި މެދުއިރުމަތީގެ މައްސަކަތަކަށް އެމަނިކުފާނު ވައިޓް ހައުސްއަށް ކަނޑައަޅުއްވައިފައިވާ މުޝީރު ޖެރެޑް ކުޝްނަރ އާ އެކުވެރިކަން ބަދަހި ކުރެއްވީ ނިހާޔަތަށެވެ. ދެ ބޭފުޅުން އެންމެ ފަހުން ބައްދަލު ވެވަޑައިގަތް ފަހަރު ރޭގަނޑު ހަތަރުދަން ހޭދަކުރެއްވީ އެކުގައެވެ. ފަތިހު ހަތަރެއް ޖަހާންދެން ދެބޭފުޅުން މެދުއިރުމަތީގެ މައްސަލަތަކާ މެދު މަޝްވަރާ ކުރައްވާން ތިއްބެވިއެވެ. ކުޝްނަރއަށް އެކުވެރިކަން އިހުސާސް ކުރެއްވުނު ވަރުން ބައެއް ކަހަަލަ ސިއްރު ވާހަކަތައްވެސް ވިދާޅުވެ ދެއްވިއެވެ. އެއް ރިޕޯޓެއްގައިވާ ގޮތުގައި މުޙައްމަދު ބިން ސަލްމާން އެމަނިކުފާނުގެ ބައެއް އަރިސް ބޭފުޅުން އަރިހު ވިދާޅުވި ގޮތުގައި ކުޝްނަރ ވަނީ ސަލްމާާން ރަސްގެފާނާ ބެހޭ މައުލޫމާތާއި، އެމެރިކާގެ އިންޓެލިޖެންސަށް ލިބިފައިވާ މައުލޫމާތުގައި ހިމެނޭ ބައެއް ސުޢޫދީ ބާޣީންގެ ނަންވެސް ވިދާޅުވެ ދެއްވައިފައެވެ.

އެމެރިކާއާއި ޔޫރަޕުން ޝެހެޒާދާ މުޙައްމަދު ބިން ފައިޞަލާ މެދު ދެކޭ ގޮތް ކޮންމެވެސް ވަރަކަށް ބަދަލުވާ ކަމުގެ އަލާމާތްތައް މިހާރު މި ވަނީ ފެންނާން ފަށައިފައެވެ. އިނގިރޭސި ވިލާތާއި ޔޫރަޕްގެ އެހެން ބައެއް ގައުމުތަކުގެ ރައްދު އަމަލު ފެނުނީ ހަރުކަށިކޮށެވެ. ޓްރަމްޕްވެސް ވިދާޅު ވެފައި ވަނީ ސުޢޫދީ ސަރުކާރުގެ ބައިވެރިވުމެއް އޮތް ނަމަ ހަރުކަށި އަދަބާ ކުރިމަތިލާން ޖެހޭނޭ ކަމުގައެވެ. ހާލަތު މިހެން އޮތުމުގެ ސަބަބުން ގައުމުގެ އެތެރޭގައިވެސް މުޙައްމަދަށް މައްސަލަތަކަކާ ކުރިމަތިވެ ވަޑައިގަތުމަކީ ދުރު ކަމެއް ނޫނެވެ.

ސީއައިއޭގެ ކުރީގެ ޑިރެކްޓަރ ބްރޫސް ރީޑެލް ޖަމާލް ޚާޝުޤްޖީގެ ގަތުލުގެ ކުރީން ލިޔުއްވި ކޮލަމެއްގައި ލިޔުއްވައިފައިވާ ގޮތުގައި ޝެހެޒާދާ މުޙައްމަދު ބިން ސަލްމާންގެ ހަށިކޮޅަށް ނުރައްކާާތައް ވަނީ ކުރިމަތިވެފައެވެ. ވުމާއެކު އެމަނިކުފާނު މިހާރު އަވަހާރަފުޅު ލައްޕަވަނީ އެމަނިކުފާނުގެ ޝާހީ ޔޮޓުކޮޅުގައެވެ. އެއީ ފުޓުބޯޅަ ދަނޑަކަށް ވުރެ ބޮޑު އެއްޗެކެވެ. ބްރޫސް ރީޑެލް ވިދާޅުވާ ގޮތުގައި ސަލްމާން ރަސްގެފާނު ކުއްލިއަކަށް އަވަހާރަ ވެއްޖެ ނަމަ ތަޚުތާ ހަމައަށް ވަޑައިގަތުމަކީ މުޙައްމަދު ބިން ސަލްމާނަކަށް ފަސޭހަފުޅު ކަމަކަށް ނުވާނެއެވެ. އެހެން ވެއްޖެ ނަމަ ޝާހީ ޚާންދާނުގެ ތެރޭގައި ލޭ އޮހޮރުވުން ހިނގުމަކީ ދުރު ކަމެއް ނޫނެވެ.

ބްރޫސްގެ މި ލަފާ ކުރެއްވުން ނުބައެއް ނޫނެވެ. އެހެނީ މީގެ ކުރީންވެސް ވަނީ ވެރިކަމާ ހެދި ޝާހީ ޚާންދާނުގެ ތެރޭގައި ބޮޑެތި ހަމަ ނުޖެހުންތައް ހިނގައިފައެވެ. އެތައް ޝެހެޒާދާއަކު ވަނީ ބަޣާވާތް ކުރެއްވުމަށް ފަހު ގައުމު ދޫކުރައްވައި އެހެން ގައުމުތަކަށް ވަޑައިގެންފައެވެ. އެ ބޭބޭފުޅުން ގޮތް ނޭނގޭ ހާލަތްތަކެއްގެ ތެރެއިން އަނބުރައި ގައުމަށް ގެނެސް، ވީނުވީއެއް ނޭނގި ގެއްލުވައިލައިފައިވެސް އެބަހުއްޓެވެ. މުޙައްމަދު ބިން ސަލްމާން އެމަނިކުފާނުގެ ކުރީން ހުންނެވި ވަލީޢަހްދު މުޙައްމަދު ބިން ނާއިފް ދުރަށް ޖެއްސެވި ގޮތަކީވެސް މީގެ އެއް މިސާލެވެ. އޭގެ ފަހުން މުޙައްމަދު ބިން ނާއިފް ގިނައިން ހުންނަވަނީ އަމަލުފުޅު ވެފައި ކަމަށްވެސް ބުނެވެއެވެ.

މުޙައްމަދު ބިން ނާއިފް ދުރު ކުރެއްވުމުގެ ކުރީން މުޙައްމަދު ބިން ސަލްމާން ހުންނެވީ ދާޚިލީ ވުޒާރާ ހިންގަވާށެވެ. އޭރު ދައުލަތުގެ ވަސީލަތްތަކާއި ފައިސާ ޚަރަދު ކުރެއްވީ ޝާހީ ޚާންދާނަށް ފާރަ ލެއްވުވުމުގައެވެ. އެކަމަކު އެޔަކުން މާ ބޮޑު ކަމެއް ހާސިލެއް ނުކުރެއްވުނެވެ. ދެން ކުރެއްވި ކަމަކީ ޝެހެޒާދާ މުއްތަޢިބްވެސް ހިމެނި ވަޑައިގަންނަވާ ގޮތުން، ކުރީގެ ރަސްގެފާނު ޢަބްދުﷲ ގެ ބޭފުޅުންނަށް ކޯފާ ބޭއްލުއްވުމެވެ. މުއްތަޢިބް ހައްޔަރުވެސް ކުރެއްވިއެވެ. އެހެންނަމަވެސް ފަހުން ދޫކޮށްލެއްވީއެވެ. ފައިޞަލް ރަސްގެފާނުގެ ބޭފުޅުންވެސް ކޮރަޕްޝަންގެ ތުހުމަތަކުން ބަރީއައެއް ނުވެއެވެ. ސަލާމަތުން ހުންނެވުނީ ހަމައެކަނި ޢިތާބް ބިން ސަލްމާނަށެވެ. އެކަމަކު އެމެރިކާއާއި ޔޫރަޕުން ގަންނަ ހަތިޔާރުގެ ބޮޑެތި ކޮންޓްރެކްޓަތަކުން "ކިކްބެކްސް" ގެ ގޮތުގައި ފައިސާ ނަންގަވާ ކަމުގެ ތުހުމަތު ވަނީ އޭނާގެ އިސްތަށިފުޅުގައިވެސް އެޅިފައެވެ.

މުޙައްމަދު ބިން ސަލްމާން ވަލީ ޢަހްދަކަށް ވެވަޑައިގަތީ 33 މެންބަރުންގެ މައްޗަށް އެކުލެވޭ ބައިޢަތު ކައުންސިލްގެ ބާރުވެސް ކަނޑުއްވައިލައްވައިފައެވެ. އެކަމަކު އެ ކައުންސިލްގެ ރުހުމާ ނުލައި ރަސްކަމަށް ވަޑައިގަތުމަކީ އުނދަގޫފުޅު ކަމަކަށް ވާނެއެވެ. އެ ކައުންސިލްގެ ހުރިހައި މެންބަރުންނަކީވެސް ޝާހީ ޚާންދާނުގެ ބޭފުޅުންނެވެ. އެއީ ޢަބްދުލްޢަޒީޒް ރަސްގެފާނުގެ ދުވަސްވަރުން ފެށިގެން އޮންނަ ކައުންސިލެކެވެ. ރަސްކަމަށް ބޭފުޅަކު އިސް ކުރެއްވުމުގައި މި ކައުންސިލްގެ ރުހުން އޮތުން ލާޒިމެވެ. ކޮރަޕްޝަންގެ ތުހުމަތުގައި ހައްޔަރު ކުރެވުނު ތިން ޝެހެޒާދާއިންނަކީ މި ކައުންސިލްގެ މެންބަރުންނެވެ. އެއީ މުޙައްމަދު ބިން ސަލްމާނާ ދެކޮޅު ހެއްދެވި ތިން މެންބަރުންނެވެ.

މުޙައްމަދު ބިން ސަލްމާން މި ފަހުން ނެރުއްވި ބައެއް ބަޔާންތަކާއި ނިންމެވި ބައެއް ނިންމެވުންތަކާ ސަލްމާން ރަސްގެފާނުވެސް ވަނީ ދެކޮޅު ހައްދަވައިފައެވެ. އިސްރާއީލްގެ ވެރި ރަށަކަށް ބައިތުލްމަޤްދިސް ހެދުމާ ބެހޭ ގޮތުން މުޙައްމަދު ބިން ސަލްމާން ނެރުއްވި ބަޔާނާ ގުޅިގެން ސަލްމާން ރަސްގެފާނުގެ ނުރުހުންފުޅު ފައުޅު ވެގެން ދިޔައެވެ. ދެން ދިމާވީ އާދަޔާ ޚިލާފު އެހެން ކަމެކެވެ. މުޙައްމަދު ބިން ސަލްމާން ބޭނުންފުޅުވީ ސުޢޫދީ ތެޔޮ ކުންފުނި އާރަމްކޯގެ 5 އިންސައްތަ ހިއްސާ ވިއްކަވައިލައްވާށެވެ. ނިވް ޔޯކު ހިއްސާގެ ބާޒާރުގައި މި 5 އިންސައްތަ ހިއްސާ ވިއްކަން ހުޅުވައިލާން ކަނޑައެޅުނު އެތައް ތާރީޚެއް ފާއިތުވެ ހިނގައްޖެއެވެ. މިހާރު ޚަބަރު ލިބޭ ގޮތުގައި ހިއްސާ ވިއްކުން ބާތިލު ކުރެއްވީ ސީދާ ސަލްމާން ރަސްގެފާނެވެ.

މުޙައްމަދު ބިން ސަލްމާނާއި ކުޝްނަރ އާ ދެ ބޭފުޅުން ވެގެން ފަލަސްތީނުގެ މައްސަލަ ހައްލު ކުރެއްވުމަށްޓަކައި ރާއްވަވާ ރޭއްވެވުމާވެސް ސަލްމާން ރަސްގެފާނު ދެކޮޅެވެ. ތެލުގެ ވިޔާފާރި ދަށް ވުމުގެ ސަބަބުން އިގްތިސާދަށް ލިބޭ ގެއްލުން ފޫބެއްދުމުގެ ގޮތުން ސަރުކާރުން އަޅާން ނިންމި ފިޔަވަޅުތަކުގެ ތެރޭގައި އާރަމްކޯގެ ހިއްސާ ވިއްކުން ހިމެނެއެވެ. މި މައްސަލައިގައި މުޙައްމަދު ބިން ސަލްމާން ވަރަށް ބޮޑަށް ޖަޒުބާތީވެސް ވެވަޑައިގަތެވެ. އެކަމަކުވެސް ސަލްމާން ރަސްގެފާނު އެކަން ކުރައްވާކަށް އެބަސްވެ ވަޑައެއް ނުގަތެވެ. ސަލްމާން ރަސްގެފާނުގެ އަރިސް ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ތާރީޚުގައި އެމަނިކުފާނުގެ ނަންފުޅު ލިޔެވިގެން ދާނޭ ގޮތަކާ މެދު ސަލްމާން ވަރަށް ބޮޑަށް ފިކުރުފުޅު ކުރައްވައެވެ. އާރަމްކޯ ވިއްކަވައިލެއްވި ބޭފުޅަކަށް ނުވަތަަ ފަލަސްތީނުގެ ލޭންދޭން ހިންގެވި ބޭފުޅެއްގެ ގޮތުގައި ތާރީޚުގެ ސަފުހާާތަކުން ޖާގައެއް ހޯއްދަވާކަށް ސަލްމާން ބޭނުންފުޅެއް ނުވެއެވެ.

މުޙައްމަދު ބިން ސަލްމާންގެ އަމުރުފުޅު މިހާރު ހިނގަނީ އަރިސް މަދު ބޭފުޅުން ކޮޅެއްގެ މައްޗަށް ކަމަށް ބުނެވެއެވެ. އެމަނިކުފާނަކީ މަޝްވަރާގެ އުސޫލު ގަބޫލުފުޅު ކުރައްވާ ބޭފުޅެއް ނޫނެވެ. ޝާހީ ޔޮޓުކޮޅަށް ވަޒީރުން ގެންދަވައިގެން އަމުރުމައުރޫފު ހިންގެވުމަކީ އެމަނިކުފާނުގެ އާދަފުޅެވެ. މިފަދަ ހާލަތެއްގައި ބޭރާއި އެތެރޭގެ ހަމަނުޖެހުމާއި ފިއްތުންތަކުން ސަލާމަތްވެ ވަޑާއިގެން ނުކުމެވަޑައިތުން ވަރަށް ދަތިފުޅު ވާނެއެވެ.

ކަންތައް ހިނގާނޭ ގޮތް ކުރިއަށް އޮތް ތާނގައި އެނގިގެން ދާނެއެވެ. އެކަމަކު ކަށަވަރުންވެސް އެނގޭ އެއް ކަމަކީ ޖަމާލް ޚާޝުޤްޖީގެ ގަތުލުގެ ސަބަބުން ލިބިވަޑައިގަތް ގެއްލުމަކީ ޚުދު މުޙައްމަދު ބިން ސަލްމާނަށް ލަފާފުޅުވެސް ކުރެއްވިފައި ނެތްހައި ބޮޑު ގެއްލުމެއް ކަމެވެ.

ސަލްމާން ރަސްގެފާނާ ދެކޮޅުވެރިވެ ވަޑައިގަތުމާއި ބައިޢަތު ކައުންސިލްގެ ބާރު ކަނޑުއްވައިލެއްވުމަކީ މުޙައްމަދު ބިން ސަލްމާނަށް އުނދަގޫތަކަކާ ކުރިމަތިވެ ވަޑައިގަންނަވާނޭ ކަމެއް ކަން ކަށަވަރެވެ. ސުޢޫދީ ޢަރަބިއްޔާގެ ވެރިކަން އޮންނަނީ މި ދެންނެވުނު ބައިޢަތު ކައުންސިލާ ވަރަށް ބޮޑަށް ގުޅިފައެވެ. ކައުންސިލް ބަލިކަށި ވުމަކީ ޝާހީ ޚާންދާާނަށްވުރެ ބޮޑަށް ސީދާ މުޅި ސުޢޫދީ ވެރިކަމަށް ނުރައްކާތެރި އަސަރު ކުރާނޭ ކަމެކެވެ. މި ގޮތް ދޫނުކުރައްވާ އިސްތަށިފުޅު ހަރު ޝެހެޒާދާ ރަސްކަލަކަށް ވެވަޑައިގަތުމަކީ އެމެރިކާއާއި ދުނިޔޭގެ ބޮޑެތި ބާރުތަކުން ބޭނުން ވާނޭ ގޮތެއް ނޫނެވެ.

އެމެރިކާގެ ވެރިކަން ހިންގާ ޖަމާޢަތުގެ ތެރޭގައި ނުފޫޒު ގަދަ ބޭފުޅެއް ކަމުގައިވާ ސެނެޓަރ ލާންޒޭ ގްރެހަމް ފޮކްސް ނިވްސްގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވި ގޮތުގައި މުޙައްމަދު ބިން ސަލްމާނަކީ ދުނިޔޭގެ ލީޑަރަކަށް ވެވަޑައިގަތުމުގެ ގާބިލުކަން ލިބިވަޑައިގެންފައިވާ ބޭފުޅެއް ނޫނެވެ. އެހެންވީމާ އެމަނިކުފާނަށް ޖެހިވަޑައިގަންނަވާނީ ވެރިކަން ދޫކޮށްލައްވާށެވެ. ގްރެހަމް ވިދާޅުވި ގޮތުގައި މުޙައްމަދު ބިން ސަލްމާން ވެރިކަން ހިންގަވަން މިހާރު އެ ހުންނެވި ހައިސިއްޔަތުގައި ހުންނެވިހައި ދުވަހަކު އެމެރިކާއިން ސުޢޫދީ ޢަރަބިއްޔާއާއެކު ވިޔަފާރީގެ ގުޅުން ބާއްވާނެއެވެ.

އެމަނިކުފާނުގެ ގާބިލިއްޔަތު ދެއްކެވުމަށްޓަކައި މުޙައްމަދު ބިން ސަލްމާން ވަނީ "ވިޝަން 2030" އިޢުލާނު ކުރައްވައިފައެވެ. އެކަމަކު ޖަމާލް ޚާޝުޤްޖީގެ ގަތުލުގެ ސަބަބުން އެ މަޝްރޫޢުގެ ތެރެއިން ބޭއްވެވި ވިޔަފާރީގެ މަހާސިންތާ މިހާރު ވަނީ ނާކާމިޔާބު ވެފައެވެ. އެމެރިކާއާއި ޔޫރަޕްގެ ބޮޑެތި ވިޔަފާރިވެރިންނާއި ބޭންކުތަކުގެ ވެރިން ވަނީ މި މަހާސިންތާގައި ބައިވެރިވާން ދެކޮޅު ހަދައިފައެވެ. ލޭ އޮހޮރުވުމަކީ ސުޢޫދީ ތަޚުތަށްޓަކައި ހިނގާ އާދައިގެ ކަމަކަށް ބެލި ނަމަވެސް، މިހާރުއްސުރެ ބައިޢަތު ކައުންސިލްގައި މުޙައްމަދު ބިން ސަލްމާންގެ ގާބިލިއްޔަތާ މެދު ޝައްކުތައް ވަނީ އުފެދިފައެވެ. ބައިޢަތު ކައުންސިލްގެ މެންބަރަކު ކޮލަމިސްޓެއް ކަމުގައިވާ ޑޭވިޑް އެޑްލްމަން ގާތު ވިދާޅުވި ގޮތުގައި މުޙައްމަދު ބިން ސަލްމާން ރަސްކަމާ އެކަށިގެންވާ ކަމަކަށް ސީދާ އެމަނިކުފާނަކަށްވެސް ދެނެއް ސާބިތު ކޮށެއް ނުދެއްވޭނެއެވެ.

ނޯޓް: މިއީ ޕާކިސްތާނުގެ ނޫހެއް ކަމުގައިވާ "ޑޯވން" ގައި ޑޮކްޓަރ އާޞިފް ޝާހިދު ލިޔުއްވައިފައިވާ ލިޔުއްވުމެއްގެ އަވަސް ތަރުޖަމާއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.