ރިޔާސީ އިންތިޚާބާބެހޭ ޝަކުވާއެއް ޕީޕީއެމުން ހުށަހަޅާފައެއްނެތް: އީސީ

pic: @Electionsmv

ރިޔާސީ އިންތިޚާބުގެ ނަތީޖާއާމެދު ހިތްހަމަ ނުޖެހިގެން ޕީޕީއެމުން މުޒާހަރާ ކުރިޔަސް އެ އިންތިޚާބާ ގުޅިގެން އެއްވެސް ޝަކުވާއެއް އެޕާޓީން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅައިފައި ނުވާ ކަމަށް އީސީން ވިދާޅުވެއްޖެއެވެ.

އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިންތިޚާބުގެ ކަންކަން ހިނގައިދިޔަ ގޮތާއި ނަތީޖާއާ މެދު އެއްވެސް ޝައްކެއް ނުވަތަ ޝަކުވާއެއް އޮތް ކަމަށްވާނަމަ ޕީޕީއެމަށް ވެސް އަދި އެހެން ޕާޓީއެއް ވިޔަސް އެކަން ހުށަހަޅައި އެކަން ބެލުމުގެ ފުރުސަތު ދެއްވާނެ ކަމަށެވެ. "އަޅުގަނޑުމެން އަބަދުވެސް މިބުނަނީ ޝަކުވާއެއް އޮތްނަމަ އަންނާށޭ. އަޅުގަނޑުމެގެ ދޮރު މިހުރީ ބަންދުކޮށްފައެއްނޫން. އަބަދުވެސް މިހުރީ ހުޅުވާފައި،" ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެއްވެސް މައްސަލައެއް އޮތްކަމަށްވާނަމަ ހުށަހެޅުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށެވެ. "އަޅުގަނޑުމެންނާ ފޯނުން ގުޅައިގެންވެސް ޕީޕީއެމުން ކުއަރީޒެއް އަހާލައިފައެއްނެތް، ލިޔުމަކުން ވެސް ހުށަހަޅާފައެއްނެތް. މިތަނަށް ބައްދަލުކުރަން އައިސް ވެސް އެފަދަ ޝަކުވާއެއް ހުށަހަޅާފައެއްނެތް،" ޝަރީފް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބާ ބެހޭގޮތުން މައްސަލަތަކެއް ހުރިކަމަށް ބުނެ ރައީސް ޔާމީންގެ ފަރާތްޕުޅުން ސްޕްރީމް ކޯޓަށް މިއަދުވަނީ މައްސަކައެއް ހުށަހަޅައިފައެވެ. އެކަމާބެހޭ ގޮތުން ޝަރީފް ވިދާޅުވީ ދުސްތޫރީ އެއްވެސް މައްސަލައެއް އިންތިޚާބުގައި ހިނގާފައި ނުވާ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.