ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގެ ކަންކަން ދިޔަގޮތަށް ބަލާއިރު އިލެކްޝަންސް ކޮމިޝަން (އީސީ) އަކީ މިނިވަން މުސްތަގިއްލު ތަނެއްކަން މުޅިދުނިޔެއަށް ހާމަވެއްޖެ ކަމަށް އެކޮމިޝަންގެ ރައީސް ވިދާޅުވެއްޖެއެވެ.
ރައީސް އަހުމަދު ޝަރީފް އާދަމް ވިދާޅުވީ އިންތިޚާބަށް ތައްޔާރުވަމުން ދިޔައިރުން ފެށިގެން އިދިކޮޅު ފަރާތްތަކުން ގެންދިޔައީ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މިނިވަންކަމާ މެދު ސުވާލު އުފައްދައި ތަފާތު ތުހުމަތުތައް ކުރަމުން ކަމަށެވެ. އެހެންނަމަވެސް މުޅި އިންތިޚާބުގެ ހުރިހާ ކަމެއްވެސް ނިމިގެންދިޔައީ އެކަމަށް ކުރިން ކަނޑައަޅައި ތާވަލްކުރި ގޮތާ އެއްގޮތަށް ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް އީސީގެ ރައީސަކަށް އައްޔަން ކުރެއްވުމާއެކު ތަފާތު އަޑުތައް އިވެން ފެށިއެވެ. ޝަރީފަކީ ޕީޕީއެމްގެ އިސް އެކްޓިވިސްޓެއް ކަމަށާއި، އެމަގާމަށް ވަޑައިގަންނަވަނީ ރައީސް ޔާމީނަށް ފަހިވާގޮތަށް އިންތިޚާބު އަނބުރާލެއްވުމަށް ކަމަށް ބުނެ ވާހަކަތައް ފެތުރިގެންދިޔައެވެ.
އެހެންނަމަވެސް އިދިކޮޅު ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު ބޮޑު ތަފާތަކުން އިންތިޚާބު ކާމިޔާބު ކުރެއްވުމުން ދެން ވެސް އިވެންފެށީ ޝަރީފް ރިޝްވަތު ހިއްޕަވައިގެން އެގޮތަށް ނަތީޖާ ބަދަލު ކުރެއްވި ކަމުގެ އަޑުތަކެކެވެ. މިހުރިހާ ކަމަކަށް ޝަރީފު އިންކާރު ކުރެއްވިއެވެ. "ފެތުރިގެންދިޔަ ވާހަކަތަކީ އެއްވެސް ހަގީގަތެއްނެތް ވާހަކަތަކެއް. ގާނޫނާއި ގަވާއިދާއި އިންތިޚާބާ ބެހޭ ގާނުނާ ޚިލާފަށް އެއްވެސް ކަމެއް ކޮށްފައެއް ނުވާނެ. ކަނޑައެޅި ޓައިމްލައިނާ އެގޮތަށް ހުރިހާ ކަމެއް ކުރިއަށް ގެންގޮސް އިންތިޚާބު އަމާން އޮމާން ކަމާއެކުވަނޫ ނިމިފައި،" ޝަރީފް ވިދާޅުވިއެވެ.
އިންތިޚާބުގެ ކުރިންވެސް ޝަރީފް ވިދާޅުވެފައިވަނީ ގާނޫނާއި ގަވާއިދުން ބޭރުން އިންތިޚާބުގެ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ. އިންތިޚާބު ނިމުމުން އިންތިޚާބު އޮވްޒާވް ކުރި ފަރާތްތަކުން ބުނެފައިވަނީ މިއީ ދެފުށްފެންނަ އިންސާފުވެރި އިންތިޚާބެއް ކަމަށެވެ. ޚުދު އެޑީޕީއާއި ސަޕޯޓަރުން ވެސް ވަނީ އިންތިޚާބު ބާއްވާފައިވަނީ ރަނގަޅަށް ކަމަށް ބުނެފައެވެ.
ޝަރީފް ވިދާޅުވީ މިހުރިހާ ކަމަކަށް ބަލާއިރު އީސީއަކީ މިނިވަން މުސްތަގިއްލު ކަމާއެކު އިންސާފުން މަސައްކަތް ކުރާތަނެއްކަމަށް އެންމެވެސް ގަބޫކުރަން ޖެހޭ ކަމަށެވެ.