ސެޕްޓެންބަރު 23ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ މިއަދު އިލެކްޝަންސް ކޮޟީޝަނުން އިޢުލާން ކޮށްފިއެވެ. އިނތިޚާބުގައި ވާދަކުރެއްވި ދެ ކެނޑިޑޭޓުންގެ ތެރެއިން ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމަށް ލިބިވަޑައިގެންނެވީ 96052 ވޯޓެވެ. މިއީ ވޯޓު ލީ މީހުންގެ 41.6 އިންސައްތައެވެ. އިއްތިހާދުގެ ފަރާތުން ވާދަކުރެއްވި އެމްޑީޕީ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދް ޞާލިޙް އަށް ލިބިވަޑަައިގެންނެވީ 134705 ވޯޓެވެ. އިބްރާހިމް މުޙައްމަދް ޞާލިޙް އަށް ލިބިފައިވަނީ 58.4 އިންސައްތަ ވޯޓެވެ.
ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ 262135 މީހުންގެ ތެރެއިން އިންތިޚާބުގައި ވޯޓުލީ މީހުންގެ ޖުމްލަ އަދަދަކީ 233889 އެވެ. ބާޠިލު ވޯޓުގެ ޢަދަދަކީ 3132 އެވެ. އަދި ޞައްޙަ ވޯޓުގެ ޢަދަދަކީ 230757 އެވެ. ޞައްޙަ ވޯޓުގެ އިންސައްތަ އަކީ 98. 1 އެވެ.
ރަސްމީ ނަތީޖާ އާއި ވަގުތީ ނަތީޖާ އާއި އަޅައިބަލާއިރު 80 ވޯޓުގެ ފަރަގެއް ފާހަގަކުރެވެއެވެ. ވަގުތީ ނަތީޖާ އިން ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔުމަށް ލިބިވަޑައިގެންފައިވަނީ 96132 ވޯޓެވެ. އަދި އިބްރާހީމް މުޙައްމދް ޞާލިޙް އަށް ލިބިވަޑައިގެންނެވީ 134616 ވޯޓެވެ.
Riyaasee Inthikhaab 2018 ge rasmee natheejaa Elections Commission in iulaanu kohfi pic.twitter.com/MY3tFCE7s6
— Elections Commission (@ElectionsMv) September 29, 2018
ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް އިލެކްޝަންސް ކޮމިޝަންގެ އިންޠިޚާބީ މަރުކަޒުގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން އިންޠިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓް، ޅ. ހިންނަވަރު، ނޫރާނީމާގޭ އިބްރާހީމް މުޙައްމަދް ޞާލިޙް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އިންޠީޚާބުވެ ވަޑަގެންފައވާ ކަން ވަނީ އިޢުލާން ކޮށްފައެވެ.