ހުކުމް ތަންފީޒު ކުރަމުންދާ އެއްވެސް މީހަކު ދޫކުށްލުމަށް ނުވަތަ ދޫނުކުރަމަށް ދުވަހަކުވެސް ރައީސް އަބްދުﷲ ޔާމީން އަންގަވާފައި ނުވާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވިދާޅުވެއްޖެއެވެ.
ކަރެކްޝަންގެ ތަރުޖަމާނު އަހުމަދު ލުގުމާން ވިދާޅުވީ ރައީސް ޔާމީންގެ ފަސްއަހަރުގެ ދައުރުގައި ދުވަހަކުވެސް އެފަދަ އެންގެވުމެއް އަންގަވާފައި ނުވާކަމަށެވެ. މީޑިއާގައި މިދުވަސްވަރު ފަތުރަމުން ގެންދަނީ އެއްވެސް ހަގީގަތެއްނެތް ވާހަކަތަކެއް ކަމަށާއި ހަގީގަތެއްނެތް ވާހަކަތައް ނުފެތުރުމަށް ވެސް އޭނާ އެދިވަޑައިގެންނެވިއެވެ.
ކަރެކްޝަންގެ ދަށުން ހިނގަމުންދާ މެޑިކަލްބޯޑުން ވަނީ ޖަލުހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގެއަށް ބަދަލު ކުރެއްވުމަށް ލަފާ ދެއްވައިފައެވެ. އެހެންނަމަވެސް އަދި ކަރެކްޝަނުން އެކަން ކުރައްވާފައެއް ނުވެއެވެ. އެކަން އެގޮތަށް ނުކުރައްވައި ހިފަހައްޓަވަނީ ރައީސް ޔާމީން ވިދާޅުވެގެން ކަމަށް ބައެއް ނޫސްތަކުންވަނީ މައުލޫމާތު ފަތުރައިފައެވެ.
މިކަމާ ގުޅިގެން ލުގުމާން ވިދާޅުވީ މެޑިކަލް ބޯޑަކީ ލަފާ ދެއްވަން އޮންނަ ބޯޑެއް ކަމަށެވެ. އެ ލަފާދެއްވާނީ ގައިދީއަކު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމާ ބެހޭގޮތުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެ ގޮތަށްދޭ ލަފައަށް އަމަލުކުރެއްވުމާ ނުކުރެއްވުމަކީ ޕްރިޒަންސް ކޮމިޝަނަރަށް ލިބިވަޑައިގެންފައިވާ ބާރެއް ކަމަށްވެސް ލުގުމާން ވިދާޅުވިއެވެ.
މެޑިކަލް ބޯޑުގެ ލަފައާ އެއްގޮތަށް އަމަލު ނުކުރެއްވުމުން ޕްރިޒަންސް ކޮމިޝަނަރ އަހުމަދު ޝިހާންގެ މައްސަލަ ބަލައިދިނުމަށް އެދި ރައީސް މައުމޫންގެ ގާނޫނީ ޓީމުންވަނީ ފުލުހުންނަށް ހުށަހަޅައިފައެވެ. ލުގުމާން ވިދާޅުވީ އެމައްސަލަ ހުށަހަޅި ކަމެއް ރަސްމީކޮށް އެނގިފައިނުވާ ކަމަށެވެ.
މިކަމާ ގުޅިގެން ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމާއި، އާއިލާގެ ބައެއް ބޭފުޅުންވަނީ ޝިހާނާ ބައްދަލު ކުރެއްވުމަށް ކަރެކްޝަނަށް ވަޑައިގެންފައެވެ. އެހެންނަމަވެސް ކުރިން އެންގެވުމަކާ ނުލައި ވަޑައިގެންނެވުމުން ބައްދަލު ކުރެވޭ ގޮތެއް ނުވިއެވެ. "މިއަދު އެބޭފުޅުން ވަޑައިގެންނެވީ ކުރިން އެންގެވުމަކާވެސް ނުލައި. ކޮމިޝަނަރގެ އެހެން މަސައްކަތައް ވެސް ހުންނާނެ ނޫންތޯ. ސީދާ ކޮމިޝަނަރ އާ ބައްދަލުނުވިޔަސް ކަރެކްޝަނުން އެބޭފުޅުންގެ ޝަކުވާތައް އަޑުއެއްސެވި. އެބޭފުޅުންގެ ސުވާލުތަކަށް ޖަވާބުވެސް ދެއްވި،" ލުގުމާން ވިދާޅުވިއެވެ.