
ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ (އައި.ޔޫ.އެމް)ގެ ފުރަތަމަ އިންޓަނޭޝަނަލް ކޮންފަރެންސް ޝަރަފްވެރިކޮށްދެއްވައި އެކޮންފަރެންސްގައި ތަޤްރީރު ކުރައްވުމުގެ ދަޢުވަތު ރާއްޖޭގެކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އައި.ޔޫ.އެމްގެ ބާނީ އަލްއުސްތާޛް މައުމޫން އަބްދުލް ޤައްޔޫމަށް އަރުވައިފިއެވެ.
މި ކޮންފަރެންސް ބޭއްވުމަށް ކަނޑައަޅާފައިވަނީ މިއަހަރުގެ ނޮވެމްބަރުމަހުއެވެ. މި ކޮންފަރެންސް ޝަރަފްވެރިކޮށްދެއްވުމަށް އެދި ރައީސް މައުމޫނަށް ދަޢުވަތު އަރުވާފައިވަނީ އިސްލާމިކް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދެވެ. ދަޢުވަތު އެރުވުމަށް ބޭއްވި ރަސްމިޔާތު އޮތީ އިއްޔެ ރައީސް މައުމޫނު އަމިއްލަފުޅު ފައުންޑޭޝަން، މައުމޫނު ފައުންޑޭޝަނުގެ އޮފީހުގައެވެ.
ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީއަކީ ރައީސްމައުމޫނުގެ ވެރިކަމުގައި މަޢުލަދުއްދިރާސާތުލް އިސްލާމިއްޔާގެ ނަމުގައި އެމަނިކުފާނު އުފެއްދެވި މުއައްސަސާއެކެވެ. ޢަރަބި އިސްލާމީ ތަޢުލީމުދޭ ސާނަވީ މަދަރުސާއެއްގެގޮތުގައި އުފެއްދެވި، އެމުއައްސަސާ، ފަކުންވަނީ ކުއްލިއްޔަތުއްދިރާސާތުލް އިސްލާމިއްޔާގެ ނަމުގައި ކޮލެޖަކަށް ބަދަލުކުރައްވާފައެވެ. އެތަން ޔުނިވަރސިޓީއަށް ބަދަލުކުރެއްވުމަކީވެސް ރައީސް މައުމޫނުގެ ތަސައްވުރެކެވެ.