
ހއ. ދިއްދޫ އާއި ނ. ވެލިދޫގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް އެމް.ޓީ.ސީ.ސީއާ އިއްޔެ ޙަވާލުކޮށްފިއެވެ.
ރަށްގިރުމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ދިއްދޫގައި 450 މީޓަރު ދިގު ތޮށްޓެއް ލާން ވަނީ ހަމަޖެހިފައެވެ. ވެލިދޫގައި ލާން ހަމަޖެހިފައި ވަނީ 245 މީޓަރުގެ ބޮޑު ހިލައިގެ ތޮށްޓެކެވެ. އެ ދެމަޝްރޫޢަށް 27 މިލިއަނަށްވުރެ ގިނަ ރުފިޔާ ސަރުކާރުން ޚަރަދު ކުރާނެއެވެ.
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގައި ބޭއްވި ރަސްމިއްޔާތެއްގައި ދިއްދޫ އާއި ވެލިދޫގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ ޠާރިޤް އިބްރާހީމެވެ. އެމް.ޓީ.ސީ.ސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް އެކްޒެކުޓިވް އޮފިސަރ އަލްފާޟިލް އިބްރާހީމް ޢަބްދުލް ރައްޒާޤް ޙަލީމެވެ.