އިބޫ ވެގެންދާނީ ބާރުތައް ހިއްސާކުރައްވަންޖެހޭ ރައީސަކަށް: ރައީސް ޔާމީން

އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) އަށް ވެރިކަން ލިބިވަޑައިގެންފިނަމަ އެމަނިކުފާނު ވެގެންދާނީ ބާރުތައް ހިއްސާ ކުރައްވާނެ ރައީސަކަށް ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ގައުމީ ޔުނިވަރުސިޓީން އިންތިޒާމް ކުރައްވައިގެން އެތަނުގެ އޮޑިޓޯރިއަމްގައި ދާދި ދެންމެއަކު ބޭއްވި   "އެމްއެންޔޫ ރިޔާސީ ބަހުސް 2018" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އަޅުގަނޑުގެ ވާދަވެރި ކެންޑިޑޭޓުގެ މައްޗަށް އޭނާގެ ޕާޓީގައި ވެސް އިސް ލީޑަރަކު އެބަހުންނެވި. އަދި އޭނާ އާއި އެކު މަސައްކަތް ކުރައްވާ ޕާޓީތަކުގައި އެބަތިއްބެވި ކުރީގެ ރައީސްކަން ކުރެއްވައިފައި ތިއްބެވި ބޭފުޅުން. ސަރުކާރުން ބައި އަޅަން ބޭނުންވާ ބޭފުޅުން. އެއީ ޕަވަރ (ބާރު) ޝެއަރިން ޕްރެސިޑެންޓަކަށް ވާނީ. ޕަވަރ ޝެއަރިން ޕްރެސިޑެންޓަކަށް ކަންކަން ނިންމަން ވަރަށް އުނދަގޫ ވާނެ،" ރައީސް ވިދާޅުވިއެވެ.

އެހެންނަމަވެސް އެމަނިކުފާނު ނުކުންނެވީ އެމަނިކުފާނުގެ ޕާޓީ (ޕީޕީއެމް) އާއާއެކު ކަމަށާއި، އެހެންކަމުން އެމަނިކުފާނުގެ މައްޗަށް އިސްލީޑަރަކު ނުހުންނަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެކަމަކު އިބޫގެ ޕާޓީގެ ލީޑަރު ވިދާޅުވާގޮތް ނުހަދައިފިނަމަ ރައީސް ކަމުގައި ވެސް ނުހުންނެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑަކީ ހަމައެކަނި ސިންގަލް ޕްރެސިޑެންޓް. މައްސަލަތަކަށް ހައްލު ހޯދާނެ ގޮތް އަޅުގަނޑު މިވަނީ ގެނެސްދީފައި،" ރައީސް ވިދާޅުވިއެވެ. ޕީޕީއެމްގެ ރައީސަކަށް މައުމޫން އަބްދުލްގައްޔޫމް ހުންނެވިއިރު މަރުގެ ޙުކުމް ތަންފީޒު ކުރައްވަން އެމަނިކުފާނު ގަބޫލުފުޅު ނޫންކަމަށާއި، އެހެން ކަމުން އެކަން ކުރައްވަން ނިމްމެވީ އެމަނިކުފާނުގެ ވިސްނުންފުޅާ ދެކޮޅަށް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"އަނެއް ކަމަކީ ރައްޔިތުންނަށް އަޅުގަނޑު ދައްކައިފިން ދިމާވެފައިވާ ބޮޑެތި މައްސަލަތައް ހައްލު ކުރެވޭނެކަން. މިއަދު ސްކޫލްތަކަށް މެހީގެ އުނދަގުލެއް ނާންނާނެ. މާބަނޑު މީހުންނާއި މުސްކުޅިން ކަނޑު ހުރަސްކޮށް ހުޅުމާލެއަށް ދާކަށް ނުޖެހޭނެ،" ރައީސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.