
ރާއްޖޭގައި ފުޅާދާއިރާއެއްގައި މަހުގެ ވިޔަފާރި ކުރަމުން ގެންދާ އެންސިސްގެ ފައިސާ ފޭރުމުގައި އަމަލީ ގޮތުން ބައިވެރިވި މީހަކު ބަންދުކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ އެމައްސަލާގައި ބަންދުކުރީ އުމުރުން 25 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާ ބަންދުކުރީ ފިލައިގެން އުޅެނިކޮށް މ. މުލަކުންނެވެ. އޭނާ ބަންދުކުރީ ކޯޓު އަމުރެއް ހޯދައިގެން މި މަހުގެ 14 ވަނަދުވަހު އެވެ.
އެމީހާ ބަންދު ކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ކޯޓުންވަނީ އޭނާ ބަންދުގައި ބެހެއްޓުމަށް 14 ދުވަހުގެ މުއްދަތު ދީފައެވެ.
އެންސިސްގެ ފައިސާ ފޭރުމުގެ މައްސަލާގައި މިހާރު ފުލުހުގެ ބެލުމުގެ ދަށުގައި މިހާރުތިބީ ފަސް މީހުން ކަމަށް ފުލުހުން ވިދާޅުވިދާޅުވިއެވެ.
އެންސިސް ދެ މިލިއަން ރުފިޔާ ފޭރިގެންފައިވަނީ މިއަހަރުގެ ޖުލައިމަހުގައެވެ. ފައިސާތައް ފޭރިގަތީ ހުޅުމާލޭގައި ހުންނަ އިސްލާމިކް ބޭންކުގެ ބްރާންޗުން ފައިސާ ނަގައިގެން އެކުންފުނީގެ ދެ މުވައްޒަފަކު ނުކުންނަނިކޮށް ކަމަށް އެކުންފުނިން ކުރިންވަނީ ބުނެފައެވެ. ފައިސާ ފޭރިގަތީ ސައިކަލެއްގައި އައި ދެމީހެކެވެ.