
މިސްކިތްތަކަށް އާދަކޮށްދިއުމަށް ކުޑަކުދިން ލޯބިޖެއްސުމުގެ މަގްސަދުގައި، ތުރުކީގެ ކޯނިޔާ ޕްރޮވިންސްގެ އާގްޝެހިރު ކިޔާ ރަށުގައި އާދަކޮށް ފަތިސްނަމާދަށް މިސްކިތަށް ދިޔަ ކުދިންނަށް އިނާމުދީފިއެވެ.
އެރަޝުގެ ސިޓީ ކައުންސިލުން ވަނީ 40 ދުވަސްވަންދެން މެދުނުކެނޑި ފަތިސްނަމާދަށް މިސްކިތަށް ދިޔަ 520 ކުޑަކުދިންނަށް އިނާމުގެ ގޮތުގައި ބައިސިކަލު ބަހާފައެވެ.
މި ބައިސިކަލުތައް ބަހާފައި ވަނީ ކުޑަކުދިންނަށް މިސްކަތަށް ދިއުން އާދަކޮށްދިނުމާއި، ޖަމާއަތުގައި ނަމާދުކުރުމުގެ މުހިއްމުކަން އެކުދިންނަށް އަންގައިދިނުމާއި، އެއްބައިވަންތަކާމައި އެއްބަނޑުއެއްބަފާކަމުގެ ރޫހު އަށަގެންނެވުމުގެ މަގްސަދުގައި ސިޓީ ކައުންސިލާއި، ރަށުގެ ފަތުވާ ކޮމިޓީއާއި ގުޅިގެން "ކުދިންނޭވެ! ފަތިސްނަމާދަށް މިސްކިތަށް އަވަސްވެގަންނާށެވެ!" މި ޝިއާރުގެ ދަށުން ކުރިއަށް ގެންދާ ހަރަކާތުގެ ތެރެއިންނެވެ.
އާކްޝެހިރުގެ ސަގާފީ މަރުކަޒުގައި ބޭއްވި ހަފުލާއެއްގައި ކުޑަކުދިންނަށް ބައިސިކަލުތައް ބައްސަވާފައި ވަނީ އާކްޝެހިރުގެ ސަބް-ގަވަރުނަރު މުޙައްމަދު އެލޭދީއާއި، މޭޔަރު އާޤްކާޔާއާއި، މުފްތީ އަހްމަދު ޤާރްދާޝްއެވެ.
"ސިޓީ ކައުންސިލުން އަހަރުމެންގެ ކުޑަކުދިންނަށް މި މަޝްރޫއުގެ ދަށުން އިނާމުދޭން ނިންމީ އެކުދިން 40 ދުވަސްވަންދެން މެދުނުކެނޑި ފަތިސް ނަމާދަށް ދިއުމުގެ ސަބަބުން އެކުދިންނަށް މިހާރު އެކަން އާދަވެފައި ވާތީ." އެ ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ވައިސް ގަވަރުނަރު ވިދާޅުވިއެވެ.
ކުރިއަށް އަހަރުތަކުގައިވެސް މި މަޝްރޫއު ކުރިއަށް ގެންދަވާން ރާވަމުންދާކަން ހާމަކުރައްވަމުން އާކްޝެހިރުގެ މޭޔަރު ވިދާޅުވީ "މިއީ މައްދީގޮތުން ޚަރަދު ބޮޑު މަޝްރޫއަކަށް ވިޔަސް، އޭގެ މާނަވީ އަގު ވަރަށް ބޮޑު" ކަމުގައެވެ.
މިރާއްޖޭގައިވެސް ތިފަދަ ބޭނުންތެރި ޕްރޮގްރާމްތައް ހިންގަންފެނޭ