ތިރީގައި މިވަނީ ރާއްޖޭގެ ޖުޑީޝަރީ އަހަރު 2016 އިފްތިތާޙްކުރުމަށްޓަކައި ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ބޭއްވި ރަސްމިއްޔާތުގަ ޖުޑިޗަރީގެ ޙާލަތާ ބެހޭގޮތުން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ދެއްވި ޚިޠާބުގައި ފާހަގަކުރައްވާފައި މުހިންމު ބައެއް ވާހަކަފުޅުތަކެވެ.
އިސްތިއުނާފުގެ މަރުޙަލާއަށް ގެނެވުނު ބަދަލުތައް
ރައްޔިތުންނަށް ޢަދުލުއިންޞާފަށް ވާޞިލު ވެވުމުގެ މަގު ފަހި ކޮށްދިނުމަށް ޓަކައި، 2015 ވަނަ އަހަރު ޝަރުޢީ ދާއިރާއަށް ގެނެވުނު އެންމެ މުހިއްމު އެއް އިޞްލާޙަކީ، އިސްތިއުނާފަށް ހުށަހެޅުމަށް އޮންނަ މުއްދަތު ކުރު ވެގެން ދިޔުންކަން އުއްތަމަފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ފާހަގަކުރެއްވިއެވެ. މި ބަދަލާ އެކު، އިސްތިއުނާފުގެ މަރުޙަލާ އަވަސް ކުރެވުނުކަމާއި، އެ މަރުޙަލާ ލަސްވާ ލަސްވުމުގެ ސަބަބުން ގިނަ ޢަދަދެއްގެ ރައްޔިތުން އުފުލަމުން ދިޔަ ތަކުލީފުތަކާއި، އެ ރައްޔިތުންގެ ޝަކުވާތަކަށް ނިމުމެއް އައިކަން ފާހަގަކުރެއްވިއެވެ.
މިފަދަ އަނެއް ފިޔަވަޅަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ދެ ގޮތްޕެއް، ރާއްޖޭގެ އުތުރާއި ދެކުނުގައި ޤާއިމު ކުރުމަށް ޤާނޫނީ ގޮތުން ހަމަޖެހިގެން ދިޔުން ކަންއުއްތަމަފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ފާހަގަކުރައްވިއެވެ. އެގޮތުން، ހައިކޯޓުގެ ދެކުނު ގޮފީގެ ތަފާސްހިސާބުތަކަށް ބަލާ އިރު، ހަމައެކަނި އެ ސަރަޙައްދުން ވެސް އިސްތިއުނާފު ކުރާ ޢަދަދު ސަތޭކަ ޕަސެންޓު އިތުރު ވެފައި ވުމުން، ކުރީގައި އެކިއެކި ހުރަސްތަކާ ހުރެ، އިސްތިއުނާފުގެ ޙައްޤު ދޫކޮށްލަން ޖެހޭ ޖެހުން މަދު ކުރެވި، އިސްތިއުނާފުގެ މަރުހަލާގައި އެކްސެސް ޓު ޖަސްޓިސް އިތުރު ވެފައި ވާކަމުގައި ވިދާޅުވިއެވެ.
މަދަނީ ޢަދުލުގެ ނިޒާމް ހަރުދަނާކުރުން
2015 ވަނަ އަހަރުގެ ތެރޭގައި ސިވިލް ކޯޓުގައި ފަސް ޑިވިޜަނެއް ޤާއިމު ކުރެވި، މަދަނީ ޢަދާލަތުގެ ނިޒާމު މިހާރު ވަނީ ވަރަށް ބޮޑަށް ހަރުދަނާ ކުރެވިފައިކަމަށާއި، މި ފަސް ޑިވިޜަނުގެ ތެރެއިން އެއް ޑިވިޜަނަކީ މަދަނީ މައްސަލަތަކުގައި ކޯޓުތަކުން ކުރާ ޙުކުމްތައް ތަންފީޛު ކުރާ ޑިވިޜަންކަމަށާއި، މެޖިސްޓްރޭޓް ކޯޓުތަކުގައި ވެސް އެފަދަ ޑިވިޜަންތަކެއް ޤާއިމު ކުރުމަށް ކަނޑައެޅިފައިވާކަން ފާހަގަކުރެއްވިއެވެ. މި ބަދަލުގެ ސަބަބުން، ވިޔަފާރި އާއި މާލީ މުޢާމަލާތަކާ ގުޅޭ މައްސަލަތައް ފަދަ މަދަނީ މައްސަލަތަކުގައި ކޯޓުތަކުން ކުރާ ޙުކުމްތައް ތަންފީޛު ނުކުރެވި ދިގުލައިގެން ދިޔުމުގެ މައްސަލަ ވަނީ ވަރަށް ބޮޑަށް ޙައްލު ކުރެވިފައިވާކަން އުއްތަމަފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ފާހަގަކުރެއްވިއެވެ. އަދި ޙުކުމް ތަންފީޛު ކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރެވި، ޙުކުމްތައް މިހާރަށް ވުރެ ވެސް އަވަސްކަމާއި ފަސޭހަކަމާ އެކު ތަންފީޛު ކުރުމަށް އުއްމީދުކުރައްވާ ކަމުގައި ވިދާޅުވިއެވެ.
ސިވިލް ކޯޓުގައި ޤާއިމު ކުރެވުނު ފަސް ޑިވިޜަނުގެ ތެރޭގައި، މުދަލާއި ފައިސާ އާއި ވިޔަފާރި އާ ބެހޭ ކުދި މައްސަލަތައް ބަލާ ޑިވިޜަނަކާއި، އެފަދަ ބޮޑެތި މައްސަލަތައް ބަލާ ޑިވިޜަނެއް ވެސް ހިމެނޭކަން ފާހަގަކުރައްވައި، މިއީ ޝަރުޢީ ނިޒާމު ޒަމާނީ ކުރުމަށް ޓަކައި ގެނެވުނު ވަރަށް މުހިންމު ބަދަލުތަކެއްކަމަށާއި، މީގެ ސަބަބުން ވެސް، މައްސަލަތައް އަވަހަށް ނިންމުމުގެ މަގުފަހި ވެ، ޢަދުލުއިންޞާފަށް ވާޞިލު ވުމުގެ މަގު ފަސޭހަ ވެގެން ދިޔަކަން ފާހަގަކުރެއްވިއެވެ.
ކޭސް މެނޭޖްމަންޓް ސިސްޓަމް ހަރުދަނާކުރުމަށްޓަކައި އެޅުނު ފިޔަވަޅުތައް
ވޭތުވެދިޔަ ތަނުގައި ޝަރުޢީ ނިޒާމަށް ކުރިމަތި ވި އެންމެ ބޮޑު އެއް ޗެލެންޖަކަށް ވެފައި އޮތީ،ތަފާތު ސަބަބުތަކާ ހުރެ، ކޯޓުތަކުގައި ހުރި ބައެއް މައްސަލަތައް ނުނިމި ދިގުލައިގެން ދިޔުންކަމަށްވުމާއެކު، 2015 ވަނަ އަހަރު އެންމެ ބޮޑު ސަމާލުކަމެއް ދިން އެއް ކަމަކީ، ކޭސް މެނޭޖްމަންޓުގެ ނިޒާމު އިތުރަށް ހަރުދަނާ ކޮށް، މައްސަލަތައް ނިންމޭ ސްޕީޑް އަވަސް ކުރުންކަމުގައި އުއްތަމަފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ވިދާޅުވިއެވެ. މި ލަނޑުދަނޑި ޙާޞިލު ކުރުމަށް ޓަކައި ތަފާތު އެކިއެކި ފިޔަވަޅުތައް އެޅުނުކަމަށާއި، އޭގެ ތެރެއިން އެންމެ މުހިއްމު އެއް ފިޔަވަޅަކީ، ކޯޓަށް މައްސަލަ ހުށަހެޅުމުން، ޝަރީޢަތް ނުކޮށް މައްސަލައަށް ޞުލްޙަވެރި ޙައްލެއް ހޯދައިދިނުމުގެ ޒަމާނީ ނިޒާމު ރާއްޖޭގެ މަދަނީ ޢަދާލަތުގެ ނިޒާމުގައި ތަޢާރަފު ކުރުންކަން ފާހަގަކުރެއްވިއެވެ.
އެގޮތުން، މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި، ސިވިލް ކޯޓުގައި ޤާއިމު ކުރެވުނު ފަސް ޑިވިޜަނުގެ ތެރެއިން އެއް ޑިވިޜަނަކީ ޑިސްޕިޔުޓް ރިޒޮލިޔުޝަނާ ބެހޭ ޑިވިޜަންކަމާއި، މި ޑިވިޜަނުގެ މަސައްކަތަކީ، ޕްރީ-ޓްރަޔަލް ކޮންސިލިއޭޝަންގެ ބޭނުން ކޮށްގެން މައްސަލަތަކަށް ޞުލްޙަވެރި ޙައްލު ހޯދައިދިނުންކަން ފާހަގަކުރެއްވިއެވެ. އަދި މިފަދަ އޯލްޓަރނެޓިވްސް ބޭނުން ކޮށްގެން، ޝަރީޢަތް ނުކޮށް މައްސަލަ ޙައްލު ކުރުމަކީ ހުރިހާ ފަރާތްތަކަށް ވެސް ފައިދާ ކުރާ ކަމެއްކަން ފާހަގަކުރައްވައި، އޭގެ ސަބަބުން ކޯޓުގެ ވަގުތާއި ވަރަށް ބޮޑެތި ޚަރަދުތަކަކުން ސަލާމަތް ވެ، ދެ ޚަސްމުން ވެސް ހިތްހަމަޖެހި، ދެ ފަރާތުގެ ދެމެދުގައި އޮންނަ ހިތްހަމަނުޖެހުމާއި ޚިލާފުތައް އެއްފަރާތް ކޮށް، ޞުލްޙަވެރި ޙައްލަކާ ހަމަޔަށް ވާޞިލު ވެވޭކަން ފާހަގަކުރެއްވިއެވެ.
ފާއިތު ވި އަހަރުގެ ފެބުރުވަރީ މަހުގެ 15 އިން ފެށިގެން އަހަރު ނިމުމާ ހަމަޔަށް، ޑިސްޕިޔުޓް ރިޒޮލިޔުޝަން ޑިވިޜަނަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން %40 މައްސަލަ ވަނީ ޞުލްޙަވެރި ޙައްލަކާ ހަމަޔަށް ދެވި، ޝަރީޢަތް ނުކޮށް ނިންމިފައިކަން ތަފާސްހިސާބުތަކުން ދައްކާކަން ފާހަގަކުރެއްވިއެވެ. އަދި މިއަހަރުގެ އަމާޒަކީ ޑިސްޕިޔުޓް ރިޒޮލިޔުޝަނުން ޙައްލު ކުރެވޭ މައްސަލަތަކުގެ ނިސްބަތް %40 އަށް ވުރެ ވެސް އިތުރު ކުރުންކަމުގައި ވިދާޅުވިއެވެ.
ކޯޓުތަކުގެ ބެކްލޮގް ކުޑަ ކުރުމަށްޓަކައި ކުރެވުނު މަސައްކަތް
ކޯޓުތަކުގެ ބެކްލޮގް ކުޑަ ކުރުމަށް ޓަކައި، ޝަރުޢީ ވަފުދު ފޮނުވައިގެން، މައްސަލަތައް ނިންމުމުގެ ޕްރޮގްރާމެއް 2015 ވަނަ އަހަރު ކާމިޔާބުކަމާ އެކު ހިންގިފައިވާކަން އުއްތަމަފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ފާހަގަކުރެއްވިއެވެ. މި ޕްރޮގްރާމުގައި ޝަރުޢީ ވަފުދުތަކުން ކުރެއްވި މަސައްކަތްޕުޅުގައިގިނަ ޢަދަދެއްގެ މައްސަލަ ނިންމިފައިވާކަމަށާއި، މި ޕްރޮގްރާމަކީ ޖުޑީޝަލް އުފެއްދުންތެރިކަން އިތުރު ވެގެން ދިޔަ ޕްރޮގްރާމެއްކަން އުއްތަމަފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ފާހަގަކުރެއްވިއެވެ. ހަމައެހެންމެ، މި ޕްރޮގްރާމުގެ ސަބަބުން، ތަފާތު ބާވަތްތަކުގެ މައްސަލަތައް ބެލުމާއި، ކޭސް މެނޭޖްމަންޓުގެ ހުނަރުވެރިކަން ފަނޑިޔާރުންގެ ކިބައިގައި އިތުރު ވެގެން ދިޔަކަންވެސް ފާހަގަ ކުރެއްވިއެވެ.
ޤާނޫނީ ވަކީލުކަމުގެ ޕްރޮފެޝަނުގެ ކަންތައްތައް ހަރުދަނާ ގޮތުގައި އިންތިޒާމްކުރުން
ޤާނޫނީ ވަކީލުންނަކީ ޝަރުޢީ އަދި ޤާނޫނީ ދާއިރާގެ އެންމެ މުހިއްމު އެއް ބައިވެރީންކަމަށްވުމާއެކު، ޝަރުޢީ ދާއިރާއިން އެންމެ އިސްކަން ދޭ އެއް ކަމަކީ، ޤާނޫނީ ވަކީލުކަމުގެ ޕްރޮފެޝަނުގެ ކަންތައްތައް ހަރުދަނާ ގޮތުގައި އިންތިޒާމު ކުރެވުންކަމުގައި ވިދާޅުވެ، މި މަޤްޞަދު ޙާޞިލު ކުރުމަށް ޓަކައި، 2015 ވަނަ އަހަރުގެ ތެރޭގައި، ޤާނޫނީ ވަކީލުކަމުގެ ޕްރޮފެޝަނާ ގުޅޭ މުހިއްމު އުޞޫލުތަކެއް، އެ ޕްރޮފެޝަނުގެ ޤަވާޢިދުގެ ތެރޭގައި ތަޢާރަފު ވެގެން ދިޔަކަން ފާހަގަކުރެއްވިއެވެ.
އަދި މިހާރު ޤާއިމު ކުރެވިފައި ވާ ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީގެ މަސައްކަތްތައް ހިނގަންފެށުމާއެކު، ޤާނޫނީ ވަކީލުންނަށް ބޭނުންވާ ލީގަލް ޓްރެއިނިންގެ ގިނަ ޕްރޮގްރާމްތަކެއް ހިންގާނެކަމުގައި ވިދާޅުވިއެވެ. މި ޕްރޮގްރާމްތަކުގެ ސަބަބުން، ޢާއްމުކޮށް ޤާނޫނީ ވަކީލުންނަށް، އަދި ޚާއްޞަކޮށް ޤާނޫނީ ވަކީލުކަމުގެ ޕްރޮފެޝަނާ އަލަށް ގުޅިވަޑައިގަންނަވާ ބޭފުޅުންނަށް ކުރިއެރުމާއި ފަސޭހަތައް ލިބިވަޑައިގަންނަވާނެކަމުގައި ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި، ޢަދުލުއިންޞާފު ޤާއިމު ކުރުމުގެ ނިޒާމުގެ ތެރޭގައި، ޤާނޫނީ ވަކީލުން ރައްޔިތުންނަށް ފޯރު ކޮށްދެއްވާ ޚިދުމަތްތައް މިހާރަށް ވުރެ ވެސް ރަނގަޅު ކުރެއްވުމަށާއި، މައްސަލަތައް އަވަސް ކުރުމަށް ޓަކައި ކޯޓުތަކާ އެއްބާރުލައްވައިގެން މަސައްކަތް ކުރެއްވުމަށް ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އޮނރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު އިލްތިމާސްކުރެއްވިއެވެ.
2016 ވަނަ އަހަރުގެ ލަނޑުދަނޑިތައް
ޝަރުޢި ދާއިރާ ހަރުދަނާ ކުރުމަށްޓަކައި 2015 ވަނަ އަހަރު ފެށި މަސައްކަތްތައް މި އަހަރު ވެސް އިތުރަށް ފުޅާ ކުރަމުންދާކަން ފާހަގަކުރެއްވިއެވެ. އެގޮތުން:
- ސިވިލް ކޯޓުގެ ޑިވިޜަނެއް ހުޅުމާލޭގައި ވަނީ ޤާއިމު ކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ. ޝަރުޢީ ދާއިރާގެ އެންމެ މުހިއްމު އެއް އަމާޒަކީ، ޤައުމީ އަދި ބައިނަލްއަޤްވާމީ ވިޔަފާރި އާއި، އިންވެސްޓްމަންޓުގެ އެންމެ މުހިއްމު އެއް އަސާސަކީ ރޫލް އޮފް ލޯވ ކަމަށް ވުމާ އެކު، އިންވެސްޓަރުންނާއި ވިޔަފާރީގައި އުޅުއްވާ ފަރާތްތަކަށް މާރކެންޓައިލް ޖަސްޓިސްގެ ބެސްޓް ޕްރެކްޓިސްތަކާއި ގަރަންޓީތައް ކަށަވަރު ކޮށްދިނުންކަން ފާހަގަކުރައްވައި، އަދި އަމާޒަކީ ވިޔަފާރިވެރީންނާއި އިންވެސްޓަރުންނަށް، އަވަސް ގޮތެއްގައި، ޢަދުލުއިންޞާފުގެ ދާއިރާގެ ޔަޤީންކަމާއި އިތުބާރު ހޯދައިދިނުންކަމަށާއި، މި ކަންކަމަށް ރިޢާޔަތް ކޮށްގެން ހުޅުމާލޭގައި ޤާއިމު ކުރި ސިވިލް ކޯޓުގެ މި ޑިވިޜަނުގެ ސަބަބުން، ރާއްޖޭގެ ވިޔަފާރިވެރީންނާއި ބޭރުގެ އިންވެސްޓަރުންނަށް ވެސް ވަރަށް ބޮޑު ލުއިތަކެއް އަދި ފަސޭހަތަކެއް ލިބިގެން ދާނެކަމުގައި ވިދާޅުވިއެވެ.
- މާރކެންޓައިލް ޖަސްޓިސް ހަރުދަނާ ކުރުމުގެ މަޤްޞަދުގައި، ޤަޟާއީ މަންޒޫރަކުން ބަޙުޘް ކޮށް މަޝްވަރާ ކުރުމަށް ޓަކައި، ކޮންފަރެންސެއް ބޭއްވުމަށް ހަމަޖެހިފައިވާކަމުގައި އުއްތަމަފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ސަޢީދު ވިދާޅުވިއެވެ.
އިންފޮމޭޝަން ޓެކްނޮލޮޖީގެ ވަޞީލަތްތައް ހަރުދަނާކުރުމަށްޓަކައި އެޅުއްވި ފިޔަވަޅުތައް
އިންފޮރމޭޝަން ޓެކްނޮލޮޖީގެ ރޮނގުން ޝަރުޢީ ދާއިރާ ތަރައްޤީ ކުރުމަށްޓަކައި ރާއްޖޭގައި ޤާއިމު ކުރެވޭ އެންމެ ފުޅާ ވައިޑް އޭރިއާ ނެޓްވޯރކް، ޝަރުޢީ ދާއިރާގައި ޤާއިމު ކުރުމަށް ނިންމައިފައިވާކަން ފާހަގަކުރެއްވިއެވެ. މިހާރު ފެށިފައި ވާ މި މަޝްރޫޢުފުރިހަމަ ވެގެން ދާ އިރު، ދިވެހިރާއްޖޭގެ 100 އަށް ވުރެ ގިނަ މެޖިސްޓްރޭޓް ކޯޓާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ހުންނާނީ އިންޓެގްރޭޓެޑް ކޮމިޔުނިކޭޝަން ވިޔުގައަކުން ގުޅައިލެވިފައިކަމަށާއި، އެ ވިޔުގަ ވާނީ ރާއްޖޭގެ އެންމެ ބޮޑު އޮފީސް ވިޔުގައަށްކަން ފާހަގަކުރެއްވިއެވެ.
އަދި ސަލާމަތީކަންކަން ވަރުގަދަ ކުރެވިފައި ވާ، ދުނިޔޭގެ އެހެން ޤައުމުތަކުގައި ވެސް ބޭނުން ކުރެވޭ ފަދަ، އިލެކްޓްރޯނިކް ފައިލިންގ ނިޒާމެއް ޝަރުޢީ ދާއިރާގައި ދާދި އަވަހަށް ގާއިމު ކުރެވޭނެކަމުގައި ވިދާޅުވިއެވެ.
ކޮންޓިނުއިންގ ޖުޑީޝަލް އެޑިޔުކޭޝަނާއި ލީގަލް ޓްރެއިނިންގެ ގިނަ ޕްރޮގްރާމްތަކެއް ހިންގުން
މިހާރު ޤާއިމު ކުރެވިފައިވާ ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީ ޤާއިމު ކުރުމަކީ، ޝަރުޢީ ދާއިރާގެ ތަރައްޤީއަށް ޓަކައި މިދިޔަ އަހަރު އެޅުނު ވަރަށް މުހިއްމު ފިޔަވަޅެއްކަމަށާއި، މިއީ ދިވެހިރާއްޖޭގެ ތާރީޚުގައި ވެސް، ފަނޑިޔާރުންނާއި ޤާނޫނީ ވަކީލުންނާއި ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޕްރޮފެޝަނަލް ޤާބިލިއްޔަތާއި ހުނަރު އިތުރު ކުރުމަށް ޚާއްޞަ ޕްރޮގްރާމްތަކެއް ހިންގުމަށް ޓަކައި ޤާއިމު ކުރެވުނު މިފަދަ ފުރަތަމަ މުވައްސަސާކަން ފާހަގަކުރެއްވިއެވެ. އަދި މިއަހަރުގެ އެންމެ ބޮޑު ސަމާލުކަމެއް ދޭނެ އެއް ކަމަކީ، މި މުއައްސަސާގެ ފަރާތުން ކޮންޓިނުއިންގ ޖުޑީޝަލް އެޑިޔުކޭޝަނާއި ލީގަލް ޓްރެއިނިންގެ ގިނަ ޕްރޮގްރާމްތަކެއް ހިންގުންކަމުގައި ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ޖުޑީޝަރީގެ ޙާލަތު ބަޔާންކޮށްދޭ ޚިޠާބު އިއްވަވައިދެއްވަމުން، ފުރިހަމަ މިނިވަންކަން ލިބިގެން ވާ، އިސްލާމީ އުޞޫލުތަކުގެ މައްޗަށް ބިނާ ވެފައި ވާ، އަދި ޤާނޫނުގެ ޙުކުމުގެ ހަރުދަނާ ތަރަހައިގެ މައްޗަށް ޤާއިމު ވެފައި ވާ ދައުލަތެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ޢަދުލުއިންޞާފުގެ ބާރު، އަދި ދައުލަތް ނެގެހެއްޓުމާއި، ރައްޔިތުންގެ ޙައްޤުތަކަށް ޝަރުޢީ ޙިމާޔަތާއި ރައްކައުތެރިކަން ލިބިދިނުމުގެ މަސައްކަތުގައި ޝަރުޢީ ދާއިރާ ދެމިއޮތް ކަން ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ދެއްކެވި ވާހަކަފުޅުގައި، ޝަރުޢީ ދާއިރާގެ މިނިވަންކަން ރައްކައުތެރި ކުރުމުގައި، އަދި ޝަރުޢީ ދާއިރާގެ މަސައްކަތަށް ދެއްވާ އެހީތެރިކަމާއި އެއްބާރުލުމަށް ޓަކައި، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިހާއި، ދައުލަތުގެ ތަންފީޛީ ބާރުގެ އިސްވެރީންނާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނަށާއި، މިނިވަން މުވައްސަސާތަކަށް ޝުކުރުދެންނެވިއެވެ. އަދި ފާއިތުވި 2015 ވަނަ އަހަރަކީ ޖުޑީޝަރީއަށް ކާމިޔާބު އަހަރަކަށް ހެއްދެވުމަށް ޓަކައި، ފަނޑިޔާރުންނާއި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރާއި، ޝަރުޢީ ދާއިރާގެ އެންމެހައި މުވައްޒަފުން ކުރެއްވި މަސައްކަތްޕުޅު ޚާއްޞަ ގޮތެއްގައި ފާހަގަ ކުރައްވައި، އެ ފަރާތްތަކުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރައްވައި ޝުކުރު ދެންނެވިއެވެ.
އަދި ދިވެހިރާއްޖޭގެ ޤާނޫނީ ވަކީލުންނަށް، ޚާއްޞަކޮށް އެޓަރނީ ޖެނެރަލްގެ އޮފީހާއި ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހުގައި މަސައްކަތް ކުރައްވާ ވަކީލުން ކުރައްވާ ޚިދުމަތަށް ޓަކައި އެބޭފުޅުންނަށްވެސް ޝުކުރު ދެންނެވިއެވެ.
މިރޭގެ ރަސްމިއްޔާތުގައި، ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަސީޙް މުޙައްމަދާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނާއި ސުޕީރިއަރ ކޯޓުތަކުގެ ފަނޑިޔާރުންނާއި، ޖުޑީޝަލް ދާއިރާތަކުގެ އިސްމެޖިސްޓްރޭޓުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ދައުލަތުގެ ބައެއް ވަޒީރުންނާއި، އެޓަރނީ ޖެނެރަލް އަލްއުސްތާޛު މުޙައްމަދު އަނިލްއާއި، ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމްއާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނާއި ބައެއް މިނިވަން މުވައްސަސާތަކުގެ މެންބަރުންނާއި ބޭރުގެ ބައެއް އިއްޒަތްތެރީން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން، ޤާނޫނީ ވަކީލުންނާއި ޝަރުޢީދާއިރާގެ މުވައްޒަފުން މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.