
މާލެ ސިޓީ ޕޮލިސް ޓޯޔާޑާ އިންވެގެންހުރި ހައުސިންގ މިނިސްޓްރީގެ ލޭބަރ ކުއާޓަރުގައި އަލިފާނުގެ ހާދިސާއެއް ހިނގައި 4 މިހަކަށް އަނިޔާ ވެއްޖެއެވެ.
ޙާދިސާ ހިނގާފައިވާ ކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ ރޭ މެންދަމުން އަލިވެ 03:08 އެހައިކަންހާއިރު އެވެ. މައުލޫމާތު ލިބުމުން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާރވިސް ގެ ޓީމެއް އެތަނަށް ގޮސް އަލިފާން ނިއްވާލެވިފައި ވަނީ 03:38 އެހައިކަންހާއިރުއެވެ. "މިހާދިސާގައި އަލިފާން ރޯވެފައި ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޓޯ ޔާޑާ އިންވެގެން ހުރި ދެ ބުރިއަށް ހަދާފައިވާ ހައުސިންގ މިނިސްޓްރީގެ ލޭބަރ ކުއާޓާގައި" ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. އެހެންނަމަވެސް ކުރިން ވިދާޅުވެފައިވަނީ އަލިފާން ރޯވީ ސީދާ ޓޯޔާޑުގައި ކަމަށެވެ. މި އިމާރާތުގައި އަލިފާން ރޯވުމުމުން ޕޮލިސް ސަރވިސްގެ ޓޯ ޔާޑަށް ވެސް ވަނީ އަލިފާނުގެ އަސަރުކޮށްފައި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
މި ހާދިސާގައި ލޭބަރ ކުއާޓާއަށް ބޮޑެތި ގެލުންތަކެއް ލިބިފައިވެއެވެ. ހާދިސާ ހިނގިއިރު އެތާގައި ނިދާފައިތިބި ހަތަރު ބިދޭސީއަކަށް އަނިޔާވެގެން މޯލްޑިވްސް ރެޑްކްރެސެންޓުގެ އެހީގައި ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައެވެ.
ފުލުހުން މިހާރު ގެންދަނީ ހާދިސާ ތަހުގީގު ކުރަމުންނެވެ.