ރައީސް  ޔާމީންގެ މައްސަލައިގައި ޖަމީލްގެ ރައްދެއް ހޯމް މިނިސްޓަރ ޢިމްރާނަށް

 ރައީސް  ޔާމީންގެ މައްޗަށް ދައުލަތުން އުފުލައިފައިވާ އިތުރު ދެ ދަޢުވާއެއްގެ އިބްތިދާއީ އަޑުއެހުން މިއަދަށް ތާވަލް ކޮށްފައިވާ އިރު ޤާނޫނީ ވަކީލުންނާ ބައްދަލު ކުރުމުގެ ފުރުޞަތު އެމަނިކުފާނަށް ދެއްވައިފައި ނުވާނީ ދިފާޢީ އިސް ވަކީލް އަދި ރައީސް ޔާމީން ސަރުކާރުގެ ފުރަތަމަ ނާއިބްރައީސް ޑރ. މުޙައްމަދު ޖަމީލް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ އަށް ފާޑު ވިދާޅުވެއްޖެއެވެ.

ވަކީލުންނާ ބައްދަލު ކުރުމުގެ ފުޞަތު ރައީސް ޔާމީނަށް ނުދެއްވައި އެމަނިކުފާނުގެ އަބުރު ކަތިލެއްވުމަށް ހޯމް މިނިސްޓަރ ޢިމްރާން ކުރައްވަނީ ދަށު ދަރަޖައިގެ ނާތަހްޒީބު ޢަމަލެއްކަމަށް ވެސް ވިދާޅުވިއެވެ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ފަރާތްޕުޅުން ފަތާ ޓްރެކަކަށްވެސް އެހެންކަމަކަށް ވެސް އެދިވަޑައިގެންފައި ނުވާނެކަމަށެވެ. އެންމެންނަށްވެސް ލިބޭ ޙައްޤުތައް ލިބެން ޖެހޭ ކަމަށެވެ.

ފަސް އަހަރުގެ ޖަލުޙުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ، ކުރީގެ ރައީސް ޢަބަދުﷲ ޔާމީނާ ވަކީލުންނަށް ބައްދަލު ނުކުރެވި ވަނީ، ޖަލުތަކާ ބެހޭ އިދާރާ، ކަރެކްޝަނަލް ސާރވިސް އިން ހުރަސް އަޅައިގެނެއް ނޫންކަމަށް ހޯމް މިނިސްޓަރ  ޢިމްރާން ޢަބްދުﷲ ރޭ ވަނީ ވިދާޅުވެފައެވެ. ހޯމް މިނިސްޓަރ ވިދާޅުވީ ރައީސް ޔާމީނާ ވަކީލުންނާ ބައްދަލު ނުކުރެއްވި ވަނީ ވަކީލުން ހަމަޖައްސަންޖެހޭ ކަންކަން ހަމަ ނުޖައްސައި އޮތުމުން ކަމަށެވެ. ރައީސް ޔާމީން ހައިކޯޓްގައި ވަކީލުންނާ ބައްދަލުކުރުމުގެ ފުރުޞަތަށް އެދިވަޑައިގެންނެވުމުން ޖެހިގެން އައި ދުވަހު ކަރެކްޝަނަލް ސާރވިސްއިން އިސްނަންގަވައިގެން ވަކީލުން އެދި ވަޑައިގެންނެވުމުން، ބައްދަލުވުން ހަމަޖައްސަވައި ދެއްވާނެކަމަށް ވިދާޅުވިކަމައެވެ. ނަމަވެސް 15 ދުވަސް ވަންދެން ޖަވާބެއް ނުދެއްވައި ތިއްބެވުމަށްފަހު، ރައީސް ޔާމީނާ ބައްދަލުކުރެއް ވުމަށް އެދި ވަޑައިގެންނެވި ކަމަށެވެ. އެކަމަށް އެދިވަޑައިގެންނެވުމުން ހޯދަންޖެހޭ ހުއްދަތަކާއި އިންތިޒާމްތައް ހަމަޖެއްސުމުން ބައްދަލުވުން ހަމަޖައްސަވައި ދެއްވާނެކަމަށް ކަރެކްޝަނުން ވިދާޅުވެފައިވާ ކަމަށެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.