
މަޝްހޫރު ގާނޫނީ ވަކީލު ހުސައިން ޝަމީމްގެ ގާނޫނީ ވަކީލު ކަމުގެ ހުއްދަ ސަސްޕެންޑް ކޮށްފިއެވެ. ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން މިއަދު ނެރެފައިވާ އިއުލާނުގައި ބުނާ ގޮތުން ހުސައިން ޝަމީމްގެ ގާނޫނީ ވަކީލުކަމުގެ ހުއްދަ ސަސްޕެންޑްކޮށްފައިވަނީ ހުސައިން ޝަމީމްގެ ނަމުގައި ހުޅުވާފައިވަ ޓުވިޓަރ އެކައުންޓް (@HuShameem) އިން މި ސެޕްޓެންބަރު މަހުގެ 1ވަނަ ދުވަހު ޖުޑީޝަރީ އާ ގުޅޭގޮތުން ކޮށްފައިވާ ޓުވީޓަކާ ގުޅިގެންނެވެ.
ޖުޑީޝަރީ އިންވަނީ ހުސައިން ޝަމީމް ޙާޟިރުކޮށް އެ ޓުވީޓާ ގުޅޭގޮތުން އޭނާއާ ސުވާލުކުރައްވާފައެވެ. ހުސައިން ޝަމީމްގެ މި އަމަލަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރާ ގާނޫނީ ވަކީލުންނާ ބެހޭ ގަވާއިދުގެ 3.2ގެ (ހ) އާ ޚިލާފު އަމަލަކަށްވާތީ، އެ ގަވާއިދުގެ 6ވަނަ މައްދާގެ (ނ)ގެ ދަށުން ދިވެހިރާއްޖޭގެ ކޯޓުތަކާއި ތްރައިބިއުނަލްތަކުގަިއ ވަކާލާތު ކުރުން މަނާކުރެއްވީ ކަމުގައި ޖުޑީޝަރީގެ އިއުލާނުގައި ބުނެއެވެ. އިއުލާނުގައި ބުނާ ޓުވިޓަރ ހެންޑްލް އިން ކުރި ޓުވީޓު މިހާރުވަނީ ޑިލީޓުކޮށްފައެވެ.
ސުޕްރީމް ކޯތުގެ ފަނޑިޔާރުންގެ މަޖިލީހުން ހުސައިން ޝަމީމް ސަސްޕެންޑްކުރައްވާފައިވަނީ މިއަދުން ފެށިގެން (13 ސެޕްޓެންބަރު 2018) އިން ފެށިގެން 3 މަސް ދުވަހުގެ މުއްދަތަށެވެ.
ހުސައިން ޝަމީމް އަކީ އެކިފަހަރު މަތީން ސަސްޕެންޑް ކުރެވިފައިވާ ވަކީލެކެވެ.