
ރިޔާސީ ދެވަނަ ދައުރަށް ހޮވިވަޑައިގެންފި ކަމަށްވާނަމަ ހުޅުދުއާއި މީދޫގެ މެދަށްވާގޮތަށް އިސްލާމިކް ސެންޓަރެއް އަޅުއްވައި ދެއްވާނެ ކަމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ހުޅުމީދޫގައި ސަރުކާރުން ހިންގެވި މަޝްރޫއުތަކެއްގެ ނިންމުން ފާހަގަ ކުރުމުގެ ގޮތުން އެރަށުގައި މިހާރު ކުރިއަށްދާ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ހުޅުދުއާއި މީދުއަކީ ތައުލީމީ އަދި އިލްމީ ބޭފުޅުން ގިނަ ދެރަށަށް ވުމުން އެދެރަށުގެ މެދަށްވާގޮތަށް އިސްލާމިކް ސެންޓަރެއް ގާއިމް ކޮށްދެއްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ފެބުރުއަރީ އެކެއްގެ އަމުރާ ގުޅިގެން އެމަނިކުފާނުގެ ސަރުކާރުން އަމަލުކުރެއްވި ގޮތުގެ ސަބަބުން ހޫދު އަދި މީދޫގެ ބޭފުޅަކު ވެސް އެމަނިކުފާނާމެދު ހިތްބަރު ކަމެއް ނުބޭއްވުމަށެވެ. އެކަމަކީ އެމަނިކުފާނަށް އަމާޒުކުރި ކަމެއް ނޫން ކަމަށާއި އެއީ މުޅި ދިވެހި އިންސާނިއްޔަތަށް އަމާޒުކުރި ކަމެއް ކަމަށެވެ. އެ ހުކުމާ އެއްގޮތަށް ކަންތައް ވެގެންދިޔަ ނަމަ އެމަނިކުފާނު އެވިދާޅުވި ވާހަކައިގެ ބުރަދަން ރައޔިތުންނަށް އެނގުނީސް ކަމަށެވެ.