ފަނޑިޔާރު އަޒްމިރަލްދާ އިސްތިއުފާދެއްވައިފި

އަޒްމިރަލްދާ ޒާހިރު ފޮޓޯ:ހަވީރު
އަޒްމިރަލްދާ ޒާހިރު  ފޮޓޯ:ހަވީރު
އަޒްމިރަލްދާ ޒާހިރު ފޮޓޯ:ހަވީރު

ހައި ކޯޓުގެ ދެކުނު ގޮފީގެ ފަނޑިޔާރު އަލްއުސްތާޛާ އަޒްމިރަލްދާ ޒާހިރު މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

އެކަމަނާ އިސްތިއުފާދެއްވިކަން ހާމަކުރައްވައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް އަލްއުސްތާޛު އަލީ ހަމީދަށް މިއަދު ވަނީ ސިޓީފުޅެއް ފޮނުއްވާފައެވެ. އެސިޓީފުޅުގައި އަޒްމިރަލްދާވަނީ އެކަމަނާ މަޤާމުން އިސްތިއުފާ ދެއްވީ އިސްތިއުފާ ދެއްވުމަށް އަމަލީ ގޮތުން މަޖުބޫރު ކުރުވާފައިވާތީ ކަމަށެވެ.

އިޚުލާސްތެރިކަމާއެކު މި ގައުމަށް ޚިދުމަތް ކުރުމުގައި ދެމިހުންނަށް އެކަމަނާ ބޭނުންފުޅުވާކަމަށާ، އެހެންނަމަވެސް އެކަމަނާގެ ޚިދުމަތް ބޭނުންވާކަމުގެ އެއްވެސް އުންމީދެއް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ލިބިވަޑައިނުގެންނެވިކަމަށް އަޒްމިރަލްދާގެ ސިޓީފުޅުގައި އެކަމަނާ ވިދާޅުވެފައިވެއެވެ.

" ސ. ހުޅުދޫ މީދޫގައި ފަސް މަހަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރި އިރުވެސް އަދިއަދަށް ދާންދެން ވެސް އަޅުގަނޑު އައްޑޫ އަތޮޅަށް ފޮނުވާފައިވާ މުއްދަތު ސާފުކޮށް ނުދެއްވުމުގެ ސަބަބުން އަޅުގަނޑުގެ ތުއްތު ދެ ކުދިންގެ ކަންކަން އިންތިޒާމު ކުރުމުގައި ދަތިތަކާ ކުރިމަތިވެ، ކަމާ ގުޅޭ ފަރާތްތަކުގެ އަމަލުތަކުގެ ސަބަބުން އެ ކުދިންގެ ހައްގުތައް ނިގުޅައިގަނެވި އަޅުގަނޑު އިސްތިއުފާ ދިނުމަށް އަމަލީ ގޮތުން މަޖުބޫރު ކުރުވާފައިވާތީ މިއަދު 12 މެއި 2016ގައި، އަޅުގަނޑު ހައި ކޯޓުގެ ފަނޑިޔާރު ކަމުން އިސްތިއުފާދީފީމެވެ." އަޒްމިރަލްދާގެ ސިޓީފުޅުގައި ވެއެވެ.

ހައިކޯޓުގެ ދެކުނު ގޮތްފީގައި މަސައްކަތްކުރަންޖެހޭގޮތަށް އަޒުމިރަލްދާ އެގޮތްޕަށް ބަދަލުކުރެއްވީ އެކަމަނާގެ އެއްވެސް ރައުޔެއް އެއްސެވުމެއްނެތިކަމަށް އެކަމަނާ ވަނީ ކުރިންވެސް ފާހަގަކުރައްވާފައެވެ. އަދި އެކަމަނާގެ ދިރިއުޅުން މާލޭގައި ބިނާވެފައިވާއިރު، ކުއްލިއަކަށް އައްޑުއަށް ދިރިއުލުން ބަދަލުކުރުމަކީ ފަސޭހަފުޅުކަމެއްނޫންކަމަށާ، މިކަން ބައްލަވައިދެއްވުން އެދޭކަމަށް ވިދާޅުވެ ތަފްސީލާއެކު ކަމާބެހޭ ފަރާތްތަކަށް އެކަމަނާވަނީ ސިޓީވެސް ލިއުއްވާފައެވެ.

އެހެންނަމަވެސް ޖޭއެސްސީން ވެސް މިކަމުގައި އެކަމަނާއަށް ޖަވާބު ނުދެއްވިކަމަށާ، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށާއި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް މިމައްސަލައިގެ ތަފްސީލާއެކު ސިޓީ ފޮނުއްވުމުން އެފަރާތްތަކުންވެސް މިކަމުގައި އެއްވެސް ފިޔަވަޅެއް ނޭޅުއްވިކަމަށް އަޒްމިރަލްދާ ވިދާޅުވެފައިވެއެވެ.

މިމައްސަލާގައި ރައީސުލް ޖުމްހޫރިއްޔާގެ އޮފީހައި، ރައްޔިތުންގެ މަޖިލީހުން ވިދާޅުވެފައިވަނީ މިމައްސަލައަކީ ޖޭއެސްސީއާ ގުޅުންހުރިކަމަކަށްވާތީ އެފަރާތްތަކަށް ކުރެވޭނެ ކަމެއް ނެތްކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.