(6 ސެޕްޓެމްބަރު 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ފަރުޒާނާ މަލިކާއި، ނަޞީރު އަރުޝަދުގެ ކާވެނީގެ ޚަބަރު ހަލުވިކަމާއެކު ރަށުތެރެއަށް ފެތުރިގެން ހިނގައްޖެއެވެ. ހިސާބުގަނޑުގެ މީހުންގެ ކުރިމަތީގައި ސީމާގެ އަގުވެސް އަރައިފިއެވެ. ކާވެނީގެ ފަހުން މަންމަގެ ކައިރީގައި އުޅެން ގަސްތު ނުކުރާ ވާހަކަ ނަޞީރު ބުނެފިއެވެ.
"ދެނޯ-؟ އަހަރެން އުޅެންވީ އެކަނި މާއެކަނިތަ-؟ އެއްވެސް އެހީތެރިޔަކު ނެތި ނިކަމެތި ވާންވީތަ-؟" ސީމާ ދެލޯ ބޮޑު ކޮށްލިއެވެ.
"މަންމައަކަށް އެހީތެރިންނެއް މަދެއްނުވާނެ- އެކަން އަހަންނަށް އެނގޭ"- ނަޞީރު ފަރުވާ ކުޑަކަމާއެކު ބުނެލިއެވެ.
ސީމާއަށް ކަރުނަ އޮހޮރުވުން ނޫން ގޮތެއް ނެތިއްޖެއެވެ. "މިއީވެސް ޙައިރާން ވާ ކަހަލަ ކަމެއް- އެތަކެއް ބުރައެއް އުފުލައިގެން، ހިތާމަތަކަށް ކެތްކޮށްގެން ދަރިން ބަލައި ބޮޑު ކޮށްފައި އުފަލުގައި އުޅެންވާ ދުވަހުވެސް މި ޖެހެނީ އިތުރު ހިތާމަތަކާ ކުރިމަތިލާން-"
"މަންމާ- މަންމައަށް ޤަވާޢިދުން ޚަރަދު ލިބޭނެ- ދެން އޮތީ ހިތާމައިގެ ވާހަކަ- މަންމައަށްވެސް އަދި އަހަންނަށްވެސް އެނގޭ..."
ހިމޭނުން ހުރުން ބުއްދިވެރިކަމުގައި ސީމާއަށް ވިސްނުނެވެ. އަމިއްލަ ކުށް އިޙްސާސް ކުރެވޭލެއް ބޮޑުކަމުން އިތުރު ވާހަކަ ދައްކާނޭ ހިތްވަރެއް ނުޖެހުނެވެ. ގޭގެ އެއްބައި ކުއްޔަށް ދީފައި ހުރުމާއެކު އެތަނުން ލިބޭ ކުލިން އޭނާއަށް އުޅެވޭ ވަރު ވެއެވެ.
މި ޚަބަރު ފެތުރުމުން ޔޫސުފު މަލިކުގެ ޢާއިލާއަށް ވެރިވީ މުޅިން އެހެން ބާވަތެއްގެ އަސަރު ތަކެކެވެ. ފަރުޒާނާ އެ ވާހަކަ ބުނުމާއެކު ނަޖުމާ ކޮޓަރިއަށް ވަން ގޮތަށް އެއްވެސް މީހަކާ އަނގައިންވެސް ނުބުނެ ތިން ދުވަސް ހޭދަ ކޮށްލިއެވެ. ފަރުޒާނާގެ ޚިޔާލަށް އެއްވެސް ބަދަލެއް ނައުމުން އެންމެ ފަހުން ޖެހުނީ ނުކުންނާށެވެ. ބޭރަށް ނުކުތުމާއެކު ފިރިމީހާއަށް ޝަކުވާ އުފުލިއެވެ.
"އޭނާ ހުއްޓުވާ... ކޮންމެ ގޮތެއް ހަދައިގެންވެސް ހުއްޓުވާ- އޭނާ އެބުނާ ކަންތައް އެހެން ވިޔަ ދީގެން ނުވާނެ-"
"ބުނަންތަ-؟ މިއީ ފަރުޒާނާގެ މުޅި ދިރިއުޅުމާ ގުޅިފައިވާ ކަމެއް- ވަކި ގޮތެއް ނިންމުމުގެ ފުރިހަމަ އިޚްތިޔާރު އޭނާއަށް އޮންނާނެ- ކަލޭ އެ ދޭތެރައަކަށް ވަންނާނެ ކަމެއްނެތް-" ޔޫސުފު މަލިކު އޭނާގެ އަނބިމީހާއަށް ވިސްނައިދިނެވެ. އެއީ އޭނާވެސް މާބޮޑަކަށް ރުހޭ ކަމެއް ނޫނެވެ. އޭނާ ނަޞީރާ ވާހަކަ ދެއްކިއެވެ. އެހެންނަމަވެސް ދަރިފުޅުގެ އުފަލަށްޓަކައި ނަޞީރާ ދެކޮޅު ހަދާކަށް ޚިޔާލެއް ނުކުރެއެވެ.
"މިއުޒިކު ކުޅުމަކީ ވަރަށް ހިތް ހަމަޖެހޭ ކަމެއްތަ-؟" އޭނާ ވާހަކަ ފެށިއެވެ.
"އެއީވެސް މަސައްކަތެއް ނޫންތޯ-؟ ދިރިއުޅެން ކުރާ އެއްވެސް މަސައްކަތެއް ނުބައެއް ނޫން-" ނަޞީރު ބުނެލިއެވެ.
މި ނިންމުމުގެ ސަބަބުން ނަޖުމާ މަލިކަށް ކުރި އަސަރުތައް ދުވަސް ކޮޅަކުން ފިލައިގެން ދިޔުމަކީ އެކަށީގެންވާ ކަމެކެވެ. އެކަމަކު އިޤްބާލް އަޙްމަދު... އެފަކީރުގެ މުޅި ދުނިޔެ ހަލާކުވީއެވެ. ކުޑައިރު އަތުން އެއްޗެއް ބީވުމާއެކު އޭނާ ބައްޕަގެ ގާތަށް ގޮސް ޝަކުވާ ކުރެއެވެ. އެ އެއްޗެއް ވަގުތުން އޭނާއަށް ލިބެއެވެ. އޭނާއަކީ ހަތިޔާރު ބަހައްޓަން ނުވަތަ ނާކާމިޔާބީ ޤަބޫލު ކުރަން އާދަވެފައިވާ މީހެއް ނޫނެވެ. ފަރުޒާނާ އޭނާއަށް އެ ޚަބަރު އިއްވީމާ ޤަބޫލެއްވެސް ނުކުރެވުނެވެ. އޭނާ ޔޫސުފު މަލިކާ ބައްދަލުކޮށް ވާހަކަ ދެއްކިއެވެ.
"ފަރުޒާނާއަށް އެހައި ޅަ އެއްޗެއް އަޅަން ހުއްދަ ނުދެއްވާ- އެއީ ރަނގަޅު ކަމެއް ނޫން- އޭނާއެއް ނަޞީރެއް ނުވެސް ދަނޭ-"
"އޭނާއަކަށް ކަލޭވެސް ރަނގަޅަކަށް ނޭނގެއެއްނު-؟" ޔޫސުފު މަލިކު ބުންޏެވެ.
"އެކަމަކު ޔޫސުފު މަލިކަށް އަޅުގަނޑު ރަނގަޅަށް އެނގިލައްވައެއް ނޫންތޯ-؟ އަޅުގަނޑުގެ ތަޢުލީމީ ފެންވަރާ، ވިޔަފާރިއާ، ފަރުޒާނާއާ ބެހޭ ގޮތުން އަޅުގަނޑުގެ ޚިޔާލު ހުރިގޮތް އެނގިލައްވައެއް ނޫންތޯ-؟ އެކަމަކު ނަޞީރާބެހޭ ގޮތުން އެއްވެސް ކަމެއް އެނގިއެއް ނުލައްވާނެ- އަންހެނުންގެ ކަންތަކުގައި އޭނާއަކީ ވަރަށް ބޮޑަށް ބަދުނާމު..."
އޭނާގެ ކުރިމަތީގައި އާދޭސް ކުރަމުންދާ ޒުވާނާގެ މައްޗަށް ޔޫސުފު މަލިކުގެ ހިތުގައި ރަޙުމް އުފެދުނެވެ. އޭނާގެ ދަރިފުޅަށް ދޭން މި ޒުވާނާގެ ކިބައިގައި ފައިސާ ނޫން އެހެން އެއްޗެއް ނެތެވެ. އޭނާ އިޤްބާލާ ދިމާއަށް ވަރަށް ފުންކޮށް ބަލައިލިއެވެ. "ދެކެވޭ ހުރިހާ ވާހަކައެއް ޤަބޫލު ކުރަންޏާ ކުށުން ސަލާމަތްވެ ހުރި މީހަކު ނުފެންނާނެ-" އޭނާ ބުނެލިއެވެ. "ކަލޭގެ ނަންވެސް މާކަ ރީއްޗެއް ނޫން-"
"އަޅުގަނޑު މާ ރަނގަޅު މީހެއް ކަމުގެ ދަޢުވާ އެއް ނުކުރަން- އެކަމަކު ފަރުޒާނާއާ ދިމާވީ ފަހުން އަޅުގަނޑު ބަދަލު ވެއްޖައިން- ހުރިހާ ނުބައި ކަމެއް ހުއްޓާލައިފިން-"
"އަހަންނަށް މަޢާފްކުރޭ އިޤްބާލް- ވަރަށް ބޮޑަށް މަޢާފްކުރޭ- ތިޔަ ކަމުގައި އަހަންނަށް ކޮށްދެވޭނޭ އެއްވެސް ކަމެއް ނެތް-" އޭނާ އަޑަށް މަޑުމައިތިރިކަން އަތުވެއްޖެއެވެ.
ލިބުނު ހިތާމައެއްގެ ސަބަބުން އިޤްބާލުގެ މުޅި ދިރިއުޅުން ހަލާކު ވެއްޖެއެވެ. ރޭގަނޑު ހަތަރުދަމު އުޅެނިީ ގެއިން ބޭރުގައެވެ. އޭނާއަށް ލިބުނު ނާކާމިޔާބީގެ ވާހަކަ ބައްޕައަކަށް ނާންގައެވެ. އެކަމަކު ދަރިފުޅަށް އައިސްފައިވާ ބަދަލުތައް ދެނެގަތުމަކީ މުސްކުޅި ބައްޕައަކަށް އުނދަގޫ ކަމަކަށް ނުވިއެވެ. އެންމެ ފުރަތަމަ ފަރުޒާނާގެ ވާހަކަ ދެއްކީ ބައްޕައެވެ. ބޭނުން ނުވިޔަސް އިޤްބާލަށް ޖެހުނީ ހުރިހާ ވާހަކައެއް ކިޔައިދޭށެވެ.
"ހޫނ... އަންހެންކުއްޖާ މިވީ ބުއްދިވެރި ކުއްޖަކަށްތާ-!" ހުރިހާ ވާހަކައެއް އަޑުއެހުމަށްފަހު އަޙްމަދު ނިހާލް ބުނެލިއެވެ.
"ބައްޕަގެ ފަރާތުން ހަމްދަރުދީގެ އަސަރެއް ފެންނާނެ ކަމަކަށް އަޅުގަނޑެއް އުއްމީދެއް ނުވެސް ކުރަން-" އިޤްބާލް ކޮޓަރިން ނުކުންނަށް ހިނގައިގަތެވެ. "އަޅުގަނޑަށް ކިތަންމެ ބޮޑު ހިތާމައެއް ލިބުނަސް މިކަމުގެ ސަބަބުން ބައްޕައަށް އުފަލެއް ލިބިލެއްވީތީ އަޅުގަނޑު އުފާކުރަން-"
"މަޑު ކޮށްބަލަ..." ނިހާލް ގޮވައިލިއެވެ.
"ލައްބަ-" އިޤްބާލް ދޮރާ ހަމައަށް ގޮސްފައި މަޑުކޮށްލިއެވެ.
"ކަލެއަށް ދެރައެއް، ހިތާމައެއް ލިބޭތަން ދެކޭކަށް އަހަރެން ބޭނުމެއް ނޫން- އެކަމަކު ދަރިފުޅާ- އެ އަންހެންކުއްޖާގެ ފުށުން ކަލެއަށް އެއްވެސް އުފަލެއް ނުލިބޭނެ- މިއީ ތެދެއްކަން ކަލެއަށްވެސް ވަރަށް އަވަހަށް އެނގިދާނެ- ކަލޭ ތިޔަ ސަލާމަތްވީ ވަރަށް ބޮޑު މައްސަލަގަނޑަކުން..."
އިޤްބާލު އަނގައިންވެސް ނުބުނެ ކޮޓަރިން ނުކުމެ ދޮރު ލައްޕައިލިއެވެ.
* * *
ޝަބާނާއަށް މި ޚަބަރު ލިބުނީ ފަރުޒާނާމެން ގޭގައި ގެންގުޅޭ ބާނޫގެ ފަރާތުންނެވެ. އޭނާއަށް ޔަޤީނެއް ނުކުރެވުނެވެ. އަވަސް އަވަހަށް ދިޔައީ ނަޞީރުގެ ގެއަށެވެ. ދޮރުހުޅުވީ ސީމާއެވެ. ޝަބާނާ ފެނުމުން މޫނުމަތިން މާޔޫސީގެ އަސަރު ފެނުނެވެ. އޭނާ ހިނިތުން ވެލިއެވެ. "ނަޞީރު ގެޔަކު ނެތް- އެއީ ތެދެއް- އެވާހަކަ އަހާކަށްނު ތިޔައައީ-؟"
"ލައްބަ-" ޝަބާނާ އަވަސްއަވަހަށް ބުނެލިއެވެ.
"މަޑުމައިތިރި، ރަނގަޅު އަންހެންކުދިންގެ ނަޞީބުވެސް ރަނގަޅުވާނެކަން މިހާރު އެނގިއްޖެ އެއްނު-؟"
"ކީކޭތޯ-؟" ޝަބާނާ ޙައިރާން ވިއެވެ. "ތިޔަ ބުނުއްވި އެއްޗެއް އަޅުގަނޑަކަށް ނުވިސްނުނު-"
ސީމާގެ ހިތުގައި އޭނާގެ މައްޗަށް ހަމްދަރުދީ އުފެދުނެވެ. ސީމާ ދެކޭ ގޮތުގައި ޝަބާނާ އަކީވެސް ނަޞީރު ނުލިބިގެން އުޅޭ ކުއްޖެކެވެ. "ޝައްބޫ- ދެރަނުވޭ- ކަލެއަކީވެސް ރީތި ކުއްޖެއް- އިންނަން ރަނގަޅު މީހަކުވެސް ލިބިދާނެ- އެކަމަކު އަމިއްލައަށް ތާޒާ ކުއްޖެއްކަން ސާބިތު ކުރަން މަސައްކަތް ނުކުރާތި-" ސީމާގެ ވާހަކަ ނުނިމެނީސް ޝަބާނާ ބިނދިބިނދިފައި ހޭން ފަށައިފިއެވެ. ހީވަނީ އޭނާއަށް މަލާމާތް ކުރަނީ ހެންނެވެ. "މި ޚަބަރުގެ ސަބަބުން ކަލޭ ސަލާމަތް ވީތީ އަހަރެން އުފާކުރަން-" ސީމާ ބުންޏެވެ. އޭނާ ހީކުރީ ލިބުނު ހިތާމައިގެ ސަބަބުން ޝަބާނާ ހަމައިން ނައްޓާލީ ކަމަށެވެ.
"ލައްބަ- އަޅުގަނޑު ވާ ސަލާމަތް ވެއްޖެ- އަދި ވަރަށް ބޮޑަށް އުފާވެސް ވެއްޖެ- ސީމާއަށް ލަފާވެސް ނުކުރެއްވޭހާ ބޮޑަށް އުފާ ވެއްޖެ-" ޝަބާނާ ހުނުންގަނޑު ހިފެހެއްޓޭތޯ މަސައްކަތް ކުރިއެވެ. އެކަމަކު ކުރިއަށްވުރެ ވެސް ބާރަށް ހީނގަނެވުނީއެވެ. "އިޤްބާލު ފަކީރު... އަހަރެންގެ އިޤްބާލު..." އޭނާ ވިސްނަމުން ދިޔައެވެ.
އެރޭ އިޤްބާލާ ބައްދަލުވޭތޯ އޭނާ ޑްރީމް ކްލަބަށް ދިޔައެވެ. އެކަމަކު އިޤްބާލު އެރޭ ކްލަބަކަށް ނުދެއެވެ.
(ނުނިމޭ)